މަޑުއްވަރިން ހައްޔަރު ކުރި ތިން މީހުންގެ ބަންދަށް 10 ދުވަސް

މަޑުއްވަރީގައި ފުލުހުން ހިންގާ އޮޕަރޭޝަނުގެ ތެރެއިން: މިހާތަނަށް ވަނީ ތިން މީހަކު ހައްޔަރު ކޮށް ބަންދަށް 10 ދުވަސް ޖަހާފައި ---

ހަރުކަށި ފިކުރުގެ މީހުން ހޯދުމަށް ރ. މަޑުއްވަރީގައި ފުލުހުންނާއި ސިފައިން ގުޅިގެން އިއްޔެ ފަށާފައިވާ އޮޕަރޭޝަންގައި ހައްޔަރުކުރި ތިން މީހެއްގެ ބަންދުގެ މުއްދަތު ކޯޓުން އިތުރުކޮށްދީފި އެވެ.

އިއްޔެ ފެށި އެ އޮޕްރޭޝަނުގައި ހައްޔަރު ކޮށްފައިވަނީ ތިން ފިރިހެނުންނެވެ. އެއީ 29 އަހަރާއި 30 އަހަރު އަދި 34 އަހަރުގެ ތިން މީހުން ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

އެ މީހުންންގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން، ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބަންދުކޮށްފައި ބެހެއްޓުމަށް 10 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. ނަމަވެސް މުއްދަތު ޖެހި ކޯޓުގެ މައުލޫމާތު ހާމަ ކުރެވެން ނެތް ކަމަސް ފުލުހުން ވަނީ ބުނެފަ އެވެ.

އޮޕަރޭޝަނަށް ސަލާމަތީ ބާރުތަކުން މަޑުއްވަރިއަށް ގޮސްފައިވަނީ އިއްޔެ ހެނދުނު އެވެ. އެ ރަށުގެ ބައެއް ގެތައް ކޯޓް އަމުރެއްގެ ދަށުން އަންނަނީ ބަލައި ފާސްކުރަމުން އެވެ. އަދި އެމްއެންޑީއެފް ކޯސްޓްގާޑުން އަންނަނީ ރަށު ބޭރުގައި ހަރަކާތްތެރިވަމުންނެވެ.

މި އޮޕަރޭޝަނާ ގުޅިގެން ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ އޮޕަރޭޝަނަކީ ހަރުކަށި ފިކުރުތަކަށް ތަބާވެ، ޖަމާއަތުން ވަކިވެ ކުޑަކުދިންނާއި އަންހެނުންނަށް ލިބިދޭ އަސާސީ ހައްގުތަކުންނާއި ރައްކާތެރިކަމުން މަހުރޫމުކޮށް ޓެރަރިޒަމާއި ހައްދު ފަހަނަ އަޅައިދިޔުމުގެ އަމަލުތަކަށް މީހުން އަހުލުވެރިކޮށް ޓެރަރިސްޓް ޖަމާއަތްތަކަށް މީހުން ރެކްރޫޓު ކުރުމާ ދެކޮޅަށް ހިންގާ އޮޕަރޭޝަނެއް ކަމަށެވެ.

އެ އޮޕަރޭޝަންއާ ގުޅޭގޮތުން މިހާތަނަށް ލިބުނު މައުލޫމަތު ހާމަ ކުރައްވަމުން ފުލުހުންގެ ސީރިއަސް އޮގަނައިިޒްޑް ކްރައިމް ޑީޕާޓްމަންޓްގެ ވެރިޔާ، ސްޕްރިޑެންޓް އޮފް ޕޮލިސް މުހައްމަދު ބަޝީރު ވިދާޅުވީ، އެ އޮޕަރޭޝަން ކުރިއަށް އޮތް ހަފްތާއެެއްހާ ދުވަހަށް ދިގު ދެމިގެންދާނެ ކަމަށާއި މިހާތަނަށް ތިން މީހުން ހައްޔަރު ކޮށްފައިވާއިރު ހަ ގެއަކާއި ދޯންޏެއް ބަލާ ފާސްކޮށް، މައްސަލައާ ގުޅިހުރި ހެކިތަކެއް ހޯދާފައިވާ ކަމަށެވެ.

comment ކޮމެންޓް