ކައުންސިލުން ބުނީ ބިރެއް ނެތޭ، މަޑުއްވަރީ ރައްޔިތުންގެ އެހެން ވާހަކަތަކެއް!

މަޑުއްވަރީގައި ފުލުހުން ހިންގި އޮޕަރޭޝަނުގެ ތެރެއިން --- ފޮޓޯ/ ޕޮލިސް

ހައްދުފަހަނަ އެޅި ހަރުކަށި މީހުން ގިނަ އަދަދަކަށް ރ. މަޑުއްވަރީގައި ދިރިއުޅޭ ކަމަށް އެރަށު ރައްޔިތުންނާ ހަވާލާދީ ނޫސްތަކުގައި ރިޕޯޓް ކުރުމުން މަޑުއްވަރީ ކައުންސިލުން ބަޔާނެއް ނެރެ ނޫސްތަކުގެ ރިޕޯޓްތައް ދޮގުކުރި އެވެ. ކައުންސިލްގެ ތުހުމަތަކީ، ނޫސްތަކުން މަޑުއްވަރީ ބަދުނާމު ކުރާ ކަމަށެވެ. ދޮގު މައުލޫމާތު ފަތުރާ ކަމުގެ ތުހުމަތު ކައުންސިލުން ކުރި އެވެ.

މަޑުއްވަރީ ކައުންސިލުގެ މެމްބަރު އަބްދުﷲ އަހުމަދު ސޮއިކޮށް ރޭ ނެރުނު ބަޔާނުގައި ނޫސްތަކަށް އިލްތިމާސްކޮށްފައި ވަނީ އެރަށް ބަދުނާމުވާ ޒާތުގެ މައުލޫމާތު ނުފެތުރުމަށެވެ. މަޑުއްވަރީ ކައުންސިލުން ބުނެފައިވަނީ އެރަށުގައި "ބިރުވެރި ނުރައްކާތެރި އަމަލުތަކެއް ހިނގަމުން ނުދާ" ކަމަށެވެ.

"ދާދިފަހުން ކަނޑުމަތީގައި ހިންގި އަނިޔާވެރި އަމަލާއި ގުޅުވައިގެން މަޑުއްވަރީގެ ހާލަތު ކަމަށް ބަޔާންކޮށް ގެނެސްދެމުންދާ ހަބަރުތަކުގައި ޒިންމާދާރުކަން ކުޑަ. ހަގީގަތެއް ނެތް އެތައް ވާހަކަތަކެއް ދިވެހި ނޫސްވެރިން ލިޔުމުގެ ސަބަބުން މަޑުއްވަރީއާ މެދު މީހުން ދެކެމުން އައިގޮތް ބަދަލުވެ. މަޑުއްވަރީއަކީ ބިރުވެރިންކަމުން ފުރިގެންވާ ނާމާން ތަނެއްގެ ގޮތުގައި ވަނީ ސިފަވާން ފަށާފައި." މަޑުއްވަރީ ކައުންސިލުން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

ދައުލަތުގެ ސަލާމަތީ ބާރުތަކުން މަޑުއްވަރީގައި ހިންގި އޮޕަރޭޝަނަށް ފަހު މީޑިއާތަކަށް މައުލޫމާތު ދެމުން ބުނެފައިވަނީ އެރަށުގައި ވެކްސިން ދޭން ދެކޮޅު ހަދައި ކުދިން ސުކޫލަށް ނުފޮނުވާ ބަޔަކު ދިރިއުޅޭ ކަމަށެވެ. އަދި އެމީހުން ގަބޫލު ކުރާ ގޮތުގައި ދިވެހި ދައުލަތަކީ ކުފުރުގެ ދައުލަތެކެވެ. އަދި މީހުންގެ ފުރާނައާއި ނަފްސަށް ގެއްލުންދެވިދާނެ ކަމަށް އެމީހުން ދެކޭ ކަމަށް ފުލުހުން ބުންޏެވެ.

މަޑުއްވަރީ ކައުންސިލުގެ މެމްބަރު އަބްދުﷲ އަހުމަދު --- ފޮޓޯ/ ރައީސް އޮފީސް

އެޒާތުގެ އެފިކުރުގެ އެންމެ މީހަކު ރަށެއްގައި ދިރިއުޅުމަކީވެސް މިއަދު ނުރައްކާތެރި ކަމެއް ކަމަށް ގިނަ ބަޔަކު ދެކޭއިރު އެފަދަ 30 މީހުން ނުވަތަ އެއަށްވުރެ ގިނަ މީހުން ރަށެއްގައި ދިރިއުޅުމަކީ ބިރުވެރި ކަމެއް ނޫން ކަމަށް ދެއްކުމަށް މަޑުއްވަރީ ކައުންސިލުން މަސައްކަތް ކުރުމަކީ އެންމެ ރަނގަޅު ކަމެއް ހެއްޔެވެ؟ ބިރުވެރި ނުރައްކާތެރި އަމަލުތަކެއް ހިނގަމުން ނުދާ ކަމަށް މަޑުއްވަރީ ކައުންސިލުން ބުނި ނަމަވެސް އެރަށު މީހުން ދައްކަނީ މުޅިން އެހެން ވާހަކަ އެކެވެ. މަޑުއްވަރީގައި ހަރުކަށި ފިކުރު ފެތުރިފައިވާ މިންވަރާއި، އެކަން ހިނގަމުންދާ ގޮތާއި ބެހޭގޮތުން މަޑުއްވަރީގެ އެތައް ބަޔަކު "ސަން" އާ ދެއްކި ވާހަކަތަކުގައި ހުރީ ކައުންސިލްގެ ބަހާ މުޅިން ދެކޮޅު ވާހަކަތަކެކެވެ.

"މިރަށުގައި ބިރުވެރިކަން އެބައޮތް. އެމީހުން ތަނެއްގައި އެއްޗެއް ގޮއްވާލާނީ ކޮންއިރަކު ކަމެއް ނޭނގޭ. އެމީހުންނާ ބެހޭގޮތުން ފާޅުގައި ވާހަކަ ދައްކަން މިރަށު މީހުން ބިރުގަނޭ. އާއިލާތަކުގެ ކުދިން އެ ފިކުރަށް ގޮސްދާނެތީ ޖެހިލުންވޭ،" މަޑުއްވަރީއިން ވާހަކަދެއްކި މީހަކު ބުންޏެވެ.

މަޑުއްވަރީ ރައްޔިތުންގެ އަނެއް ކަންބޮޑުވުމަކީ ވޭތުވެދިޔަ އަހަރުތަކުގައި އެކަންކަން ހިނގާ ދިޔައިރު މަޑުއްވަރީ ކައުންސިލުން އެކަމުގައި މާބޮޑު ފިޔަވަޅުތަކެއް ނޭޅުމެވެ. އެމީހުން ބުނާގޮތުން ހަރުކަށި ފިކުރު މަޑުއްވަރީގައި މިހާރު އޮތް ދަރަޖައަށް ގޮސްފައިވަނީ ކައުންސިލުން އެއްވެސް ފިޔަވަޅެއް ނާޅާތީ އެވެ.

"ކައުންސިލަށް އެނގޭ ކުދިން ސުކޫލަށް ނުފޮނުވާކަން ވެސް. ކުޑަކުދިންނާ އިނދެގެން އުޅޭކަންވެސް އެނގޭ. އައިޑީ ކާޑު ނުހައްދާ ކުދިންވެސް އެބަތިބި. ދިވެހި ރައްޔިތެއްކަންވެސް ނޭންގޭނެ،" މަޑުއްވަރީއިން ވާހަކަދެއްކި މީހަކު ބުންޏެވެ. "ކައުންސިލުން އަޅާނުލީމަ މިހިސާބަށް މިދިޔައީ."

މަޑުއްވަރީގައި ހަރުކަށި ފިކުރު އޮތް ކަމާއި ކަންކަން ގޮސްފައި އޮތް ހިސާބު ރައްޔިތުންނަށް ސާފުވާން ފެށީ ދާދި ފަހުން ލަނޑާ ނަގާ ދޯންޏެއްގައި ހިނގާދިޔަ މާރާމާރީގައި މަޑުއްވަރީއަށް ނިސްބަތްވާ އިސްމާއިލް ހައްމާދަށް ހަމަ އެރަށު އިސްމާއިލް އާސިފް ހަމަލާދިން މައްސަލައާ ގުޅިގެންނެވެ. އެ މައްސަލައާ ގުޅިގެން މީޑިއާތަކުން އާންމު ކުރި މައުލޫމާތު ތަކުން މަޑުއްވަރީގައި 18 އަހަރުން ދަށުގެ ކުދިންނާއި ކައިވެނިކޮށްގެން އުޅޭ މައްސަލަވެސް ފެންމަތިވި އެވެ.

މަޑުއްވަރީގައި ފުލުހުން ގެންދާ އޮޕަރޭޝަންގައި އެ ރަށުގައި ފުލުހުން ހަރަކާތްތެރިވަނީ -- ފޮޓޯ/ މަޑުއްވަރީ އޮންލައިން

ފުލުހުންނާއި ރައްޔިތުންގެ މަޖިލީހުން އަދި މުޅި ދައުލަތުންވެސް ހާއްސަ އިސްކަމެއް ދީގެން އެމައްސަލަ ބަލަން ފެށީ އޭރު މީޑިއާތަކުގައި އާންމު ކުރި މައުލޫމާތުތަކާއި ގުޅިގެންނެވެ. ފުލުހުންނާއި ޖެންޑަ މިނިސްޓްރީއިން 2018 ވަނަ އަހަރު ހުށަހަޅާފައި އޮތް އެމައްސަލާގައި ހައްމާދު އަދި އޭނާ ކައިވެނިކުރި 13 އަހަރުގެ ކުއްޖާގެ މަންމަވެސް ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ. އަދި އެ އާއިލާގެ ކުދިން ވަނީ ދައުލަތުގެ ބެލުމުގެ ދަށަށް ނަގާފަ އެވެ.

އިއްޔެ މަޑުއްވަރީގައި ސަލާމަތީ ބާރުތަކުން ހިންގި އޮޕަރޭޝަނުގައި އެރަށަށް ނިސްބަތްވާ ދެމީހުންނާއި އެރަށުގައި ދިރިއުޅެމުންދިޔަ އެހެން ރަށެއްގެ މީހަކު ހައްޔަރު ކުރި އެވެ. ތިން މީހުންނަކީވެސް ދީނީ ހަރުކަށި ފިކުރުގެ މީހުންނެވެ. މަޑުއްވަރީއިން ހައްޔަރު ކުރީ އެރަށު މީޒާން، ހަސަން ސިޔާދު، 34 އާއި، ހަމަ އެރަށު މީރާ، ހަސަން ރާޒީ، 30 އެވެ.

އޭގެ އިތުރުން ވެކްސިން ދިނުމަށް ދެކޮޅު ހެދި އާއިލާއެއްގެ ކުދިންތަކަކަށް ފުލުހުން ވަނީ އާއިލާއަށް ވިސްނައިދީގެން ވެކްސިންވެސް ދީފަ އެވެ. އިއްޔެގެ އޮޕަރޭޝަނުގައި ހަ ގެއެއް ބަލާ ފާސްކޮށް ބައެއް ހެކިތައްވެސް ފުލުހުން ހޯދި އެވެ.

https://sun.mv/129106

އެހުރިހާ ކަމެއް އެހެން ހުރިއިރު އަދި ސުކޫލަށް ނުފޮނުވާ އެތަށް ކުޑަކުދިންނެއް ރަށުގައި ދިރިއުޅޭ އިރު މަޑުއްވަރީ ކައުންސިލުން ބަޔާނެއް ނެރެ އެކަންތައްތައް ފޮރުވުމުގެ އެއްވެސް ބޭނުމެއް ނެތެވެ. އަދި މަޑުއްވަރީގައި ބިރުވެރި ނުރައްކާތެރި ކަންކަން ނުހިނގާ ކަމަށް ބުނާއިރު އެންމެ ކުއްޖަކުވެސް ހައްގުތަކުން މަހުރޫވެ ހިނގާ ކަންތައްތަކަކީ ނުރައްކާތެރި ބިރުވެރި ކަމެއް ނޫން ހެއްޔެވެ؟ އީދު ކުޅިވަރު ކުޅެފި ނަމަ، ބޮން ގޮއްވާލޭނެ ކަމުގެ އިންޒާރު ދިނުމަކީ ނުރައްކަލެއް ނޫން ހެއްޔެވެ؟

މިއީ މަޑުއްވަރީ ކައުންސިލުން ޖަވާބުދޭން ޖެހޭ ސުވާލުތަކެވެ. މީގެ ކުރިން އެމައްސަލަތައް މުއައްސަސާތަކަށް ހުށަހެޅި ކަމަށް އެކައުންސިލުން ބުނާއިރު ހަމަ އެކަނި މައްސަލަތައް ހުށަހަޅާފައި ނިންމާލީތޯ މިއީވެސް ކުރަން ޖެހިފައި އޮތް ސުވާލެކެވެ.

comment ކޮމެންޓް