މޯލްޑިވިއަން ޑިމޮކްރެސީ ނެޓްވޯކް (އެމްޑީއެން) އުވާލުމަކީ އިސްލާމް ދީނާއި ކީރިތި ރަސޫލާއަށް ލޯބިކުރައްވާ ހުރިހާ ފަރާތްތަކަށްވެސް ލިބުނު ވަރަށް ބޮޑު ހިތް ޖެހުމެއް ކަމަށް ކުރީގެ ރައީސް އަދި އެމްއާރުއެމްގެ ރައީސް މައުމޫނު އަބްދުލްގައްޔޫމު ވިދާޅުވެއްޖެ އެވެ.
އެމްޑީއެން ރަސްމީކޮށް އުވާލައި ސަރުކާރުން އެކަން އިއުލާނު ކުރީ މިއަދު އެވެ. ސަރުކާރުން އެމްޑީއެން އުވާލީ އިސްލާމް ދީނާއި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް އެ ޖަމިއްޔާއިން ނެރުނު ރިޕޯޓެއްގެ މައްސަލަ ބެލުމަށް ފަހު އެވެ.
އެމްޑީއެން އުވާލުމާ ގުޅިގެން ރައީސް މައުމޫނު މިއަދު ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ޝުކުރު އަދާކޮށް ޓްވީޓް ކުރައްވާފަ އެވެ. އެމްޑީއެން އުވާލުމަކީ ލިބުނު ހިތްހަމަޖެހުމެއް ކަމަށް މައުމޫނު ވިދާޅުވީ އެ ޓްވީޓްގަ އެވެ.
ޖަމްއިއްޔާ ޖަމާއަތްތަކުގެ ބެލެނިވެރި ފަރާތް، ޔޫތް މިނިސްޓްރީއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އެމްޑީއެން އުވާލާފައިވަނީ އެ ޖަމްއިއްޔާ އާއި ގުޅޭ މައްސަލަތައް ނިންމުމަށް ދިން 45 ދުވަސް ތެރޭ އެ ޖަމްއިއްޔާގެ ފަރާތުން މިނިސްޓްރީ އަށް އެއްވެސް އެއްޗެއް އަންގާފައި ނުވާތީ ޖަމްއިއްޔާތަކާ ބެހޭ ގާނޫނުގެ ދަށުން ރަޖިސްޓްރާއަށް ލިބޭ ބާރުގެ ދަށުން ކަމަށެވެ.
އެމްޑީއެންގެ ރަޖިސްޓްރީ ވަގުތީ ގޮތުން ބާތިލްކޮށް މުދަލާއި ދަރަނީގެ ކަންކަން ހަމަޖެއްސުމަށް ޖަމިއްޔާތަކުގެ ގާނޫނުގެ ދަށުން ދޭން ޖެހޭ 45 ދުވަސް އެ ޖަމްއިއްޔާއަށް ދިނީ މިދިޔަ ނޮވެމްބަރު ފަސް ވަނަ ދުވަހު އެވެ.
އެ ޖަމްއިއްޔާ އުވާލަން ނިންމީ ޖަމިއްޔާތަކުގެ ގާނޫނުގެ 19 ވަނަ މާއްދާގެ (ހ) އާއި (ށ)އާ ހަވާލާދީ އެ ގާނޫނުގެ 32 ވަނަ މާއްދާގެ ދަށުން ނެވެ.
އެމްޑީއެންއިން ނެރުނު "ޕްރިލިމިނަރީ އެސެސްމަންޓް އޮފް ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް" ރިޕޯޓުގައި ދީނާ ހިލާފު ވާހަކަތަކެއް ހުރި މައްސަލަ ހޫނުވެ ގިނަ ބަޔަކު ވަނީ އެ ޖަމިއްޔާ އުވާލައި، އެ ޖަމިއްޔާގެ މައްސަލަ ބަލަން މީގެ ކުރިން ގޮވާލައިފަ އެވެ.
އެމްޑީއެންގެ "ޕްރިލިމިނަރީ އެސެސްމަންޓް އޮން ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް" ރިޕޯޓަކީ ރާއްޖޭގައި ދީނީ ގޮތުން ހަރުކަށި ފިކުރު ފަތުރާ ގޮތްތަކާއި، އެ ފިކުރުގެ އަސަރު ރާއްޖޭގައި އަށަގެންފައިވާ މިންވަރު ބެލުމަށްޓަކައި އެ ޖަމިއްޔާއިން ކުރި ދިރާސާއެއްގެ މައްޗަށް ނެރުނު ރިޕޯޓެކެވެ. އެ ރިޕޯޓު ޝާއިއު ކުރީ 2015 ވަނަ އަހަރުގެ ތެރޭގަ އެވެ.
ދީނީ އިލްމުވެރިންގެ އެހީތެރިކަމާ އެކު ފުލުހުން އެ މައްސަލަ ތަހުގީގު ކުރުމަށް ފަހު ބުނެފައި ވަނީ، ދީނީ އިލްމުވެރިންނާ ހަވާލުކޮށްގެން ފުލުހުންގެ އިދާރާއިން ހެދި އެ ރިޕޯޓްގެ އެސެސްމަންޓުން ވެސް އެމްޑީއެންގެ ރިޕޯޓުގައި ދީނާ ހިލާފު ވާހަކަތަކެއް ހުރިކަން ހާމަވި ކަމަށެވެ. އެހެންވެ، ފުލުހުން ޔޫތް މިނިސްޓްރީގެ ސަމާލުކަމަށް އެކަން ގެނަ އެވެ.