އޮޕަރޭޝަން ހިންގަނީ ހަރުކަށި ފިކުރުން އަންހެނުންނާއި ކުދިން ސަލާމަތްކުރަން: ފުލުހުން

މަޑުއްވަރީގައި ފުލުހުން ހިންގާ އޮޕަރޭޝަން --- ސަން ފޮޓޯ

ރ. މަޑުއްވަރީގައި ފުލުހުން ފަށާފައިވާ އޮޕަރޭޝަނަކީ ހަރުކަށި ވިސްނުމުގެ ޝިކާރަކައަށްވެފައިވާ ކުޑަކުދިންނާއި އަންހެނުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ފަށާފައިވާ އޮޕަރޭޝަނެއް ކަމަށް ފުލުހުން ބުނެފި އެވެ.

މަޑުއްވަރީގައި ފުލުހުންނާއި ސިފައިން ގުޅިގެން މިއަދު ހާއްސަ އޮޕަރޭޝަނެއް ފަށާފައިވާއިރު އެ އޮޕަރޭޝަނާ ގުޅިގެން ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ އޮޕަރޭޝަނަކީ ރާއްޖޭގައި ބައެއް ފަރާތްތަކުން ގާނޫނާއި ގަވައިދާ ހިލާފަށް ހަރުކަށި ފިކުރުތަކަށް ތަބާވެ، ޖަމާއަތުން ވަކިވެ ކުޑަކުދިންނާއި އަންހެނުންނަށް ލިބިދޭ އަސާސީ ހައްގުތަކުންނާއި ރައްކާތެރިކަމުން މަހުރޫމުކޮށް ޓެރަރިޒަމާއި ހައްދު ފަހަނަ އަޅައިދިޔުމުގެ އަމަލުތަކަށް މީހުން އަހުލުވެރިކޮށް ޓެރަރިސްޓް ޖަމާއަތްތަކަށް މީހުން ރެކްރޫޓު ކުރުމާ ދެކޮޅަށް ހިންގާ އޮޕަރޭޝަނެއް ކަމަށެވެ.

ފުލުހުންގެ ބަޔާނުގައި ބުނީ މަޑުއްވަރީގައި ހަރުކަށި ފިކުރު ފަތުރައި، ދައުލަތުގެ އާންމު ނިޒާމާއި އިދާރީ އިންތިޒާމުތަކުން ބޭރުން ވަކި ޖަމާއަތް ހަދައިގެން އުޅޭ ބަޔަކު އުޅޭ ކަމަށެވެ. އަދި އެމީހުންނަކީ އަންހެނުންނާއި ކުޑަކުދިންގެ ހައްގުތަކުން މަހުރޫމުކޮށް އެ ފަރާތްތަކުގެ ނާޖާއިޒު ފައިދާ ނަގަމުންދާ ކަމަށްވެސް ފުލުހުންގެ ބަޔާނުގައި ބުންޏެވެ.

"މިފަދަ އަމަލުތައް ހިންގާ ބައެއް ފަރާތްތަކުން އަންހެނުންނާއި ކުޑަކުދިން މުޖުތަމައު އާއި ވަކިކޮށް ކުޑަކުދިންނަށް ސިއްހީގޮތުން ދިނުން ލާޒިމުކުރާ ވެކްސިން ނުދީ ތައުލީމު ހާސިލްކުރުމުގެ ހައްގުން މަހުރޫމުކޮށް ކުޑަކުދިން މީހުންނާ ކައިވެނިކޮށްގެން ކަމަށް ބުނެ މިކަންކަން ހިންގާ ގެތަކުގައި ބަންދުކޮށްގެން ގެންގުޅޭ ކަމަށާއި ދަރިމައިވުމާއި އުފަންވަނިވި ސިއްހަތާއި ގުޅުންހުރި ސިއްހީ އިންތިޒާމުތަކާއި ހައްގުތަކުން އަންހެނުން މަހުރޫމުކޮށް އެފަދަ އަންހެނުންގެ ފުރާނައާއި ސިއްހަތަށް ނުރައްކާތެރި ހާލަތްތަކަށް ހުށަހެޅިފައިވާކަމަށް،" ފުލުހުންގެ ބަޔާނުގައި ބުންޏެވެ.

އެ ބަޔާނުގައި ބުނީ މިހާރު ކުރިއަށްގެންދާ އޮޕަރޭޝަނުގައި މި މައުލޫމާތާ ގުޅިގެން މިކަންކަން ހިންގަމުންދާކަމަށް ފާހަގަކުރެވޭ ގެތައް ބަލައި ފާސްކޮށް މިކަންކަން ކުރުމުގައި އިސްވެހަރަކާތްތެރިވާ ފަރާތްތައް ހޯދާ ދެނެގަނެ، މިތަންތަނުގައި ތިބި އަންހެނުންނާއި ކުޑަކުދިންގެ ހާލަތު ބަލައި، އެމީހުންގެ ހައްގުތައް ރައްކާތެރިކުރުމަށް މަސައްކަތް ކުރާނެ ކަމަށެވެ.

މަޑުއްވަރީގައި ހަރަކާތްތެރިވާ ހަރުކަށި ފިކުރުތަކަށް ތާއީދުކޮށް އަދި އެފަދަ އަމަލުތައް ފަތުރަން މަސައްކަތްކުރާ ފަރާތްތަކުން އެ ފަރާތްތަކުން ގަބޫލުކުރާ ކުރުންތަކުގެ މައްޗަށް ބިނާކޮށް ހައްގަކާ ނުލާ މީހުންގެ މުދަލާއި ތަކެއްޗަށް އަރައިގަނެ، ތަފާތު ޖިނާއީ ކުށްތައް ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ. އަދި ޓެރަރިޒަމާއި ހައްދުފަހަނަ އަޅާފައިވާ އަމަލުތައް ހިންގާ ޖަމާއަތްތަކަށް ތާއީދުކޮށް އެކަންތައް ދިފާއުކޮށް ފަތުރަން މަސައްކަތްކުރާކަމަށް ލިބޭ މައުލޫމާތުގެ މައްޗަށް ބިނާކޮށް ގާނޫނީގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ފުލުހުންނާއި ސިފައިން ގުޅިގެން އަޅާނެ ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.

ފުލުހުން ބުނީ މަޑުއްވަރީގައި ހިންގާ އޮޕަރޭޝަނަށް ރައްޔިތުންގެ އެއްބާރުލުން ލިބެމުންދާ ކަމަށެވެ.

comment ކޮމެންޓް