ހިޖުރަވެރިންގެ ހައްގުތައް ކަށަވަރުކުރަން މީޑިއާ، މަދަނީ ޖަމިއްޔާތަކުން އެއްބާރުލުން އިތުރަށް ދިނުމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)އިން ގޮވާލައިފި އެވެ.
މިއަދަކީ ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ ހިޖުރަވެރިންގެ ދުވަހެވެ. އެ ދުވަސް ފާހަގަކުރަނީ އެކިއެކި ބޭނުންތަކުގައި އަމިއްލަ ގައުމު ދޫކޮށް އެހެން ގައުމުތަކަށް ހިޖުރަކޮށްއުޅޭ މީހުނަށް ދިމާވާ ގޮންޖެހުންތަކާ ގުޅޭ ގޮތުން ހޭލުންތެރިކޮށް، އެގޮންޖެހުންތައް ޙައްލުކުރުމަށް ވަކާލާތުކުރުމާއި، ހައްގުތައް ރައްކާތެރިކުރުމަށް ބާރުއެޅުމުގެ ގޮތުންނެވެ.
އެ ދުވަހާ ގުޅިގެން އެޗްއާރުސީއެމް އިން މިއަދު ނެރުނު ބަޔާނުގައި ބުނީ ރާއްޖެ އަށް މައިގަނޑުގޮތެއްގައި ހިޖުރަކުރަނީ މަސައްކަތްތެރިން ކަމަށްވާއިރު، ހިޖުރަވެރީންގެ ހައްގުތައް ހިމާޔަތްކޮށް ރައްކާތެރިކުރުމަށާއި އެފަދަ ފަރާތްތަކުގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް ބަޔާންކޮށް ތަފާތު ގާނޫނުތައް ހަދާފައިވާ ކަމަށެވެ.
އެހެން ނަމަވެސް ބިދޭސީ މަސައްކަތްތެރިން ރާއްޖެއަށް ގެންނަ ފަރާތްތަކާއި އަދި އެކަމުގައި ޝާމިލުވާ އެހެނިހެން ފަރާތްތަކުން އެ މަސައްކަތްތެރިންގެ ހައްގުތަކަށް އަރައިގަންނަމުންދާ ކަމަށް ވެސް އެޗްއާރުސީއެމްއިން ބުންޏެވެ.
ބިދޭސީންނާ ގުޅޭ ގޮތުން އެޗްއާރުސީއެމްއަށް ހުށަހެޅޭ ބައެއް މައްސަލަތައް
- ރައްކާތެރިކަންނެތް މާހައުލުގައި މަސައްކަތްކުރަން ޖެހި ދިރިއުޅެން އެކަށީގެންނުވާ ތަންތަނުގައި ދިރިއުޅެން ޖެހުން
- މަސައްކަތުގެ އުޖޫރަ ނުދިނުމާއި ބިދޭސީއަކަށް ވާތީ ތަފާތުކުރުން
- ނިސްބަތްވާ ގައުމު ނޭނގުމާއި، މަސައްކަތްކުރުވާ ފަރާތްތަކުން ބިދޭސީ މަސައްކަތްތެރިންގެ ޕާސްޕޯޓާއި އެހެނިހެން ޒާތީ ލިޔެކިޔުން އަތުލުމާއި،
- ނޯޓިސް ދިނުމަކާނުލައި ވަޒީފާއިން ވަކިކުރުމާއި، އިންސާނީ ވަގުފާރި (ހިއުމަން ޓްރެފިކިންގް)ގެ މައްސަލަތައް
- މަސައްކަތްކުރުވާ ފަރާތުގެ އިޙުމާލުން ނުރައްކާތެރި ހާލަތްތަކަށް ހުށަހެޅި ބިދޭސީ މަސައްކަތްތެރިން މަރުވެފައިވާ ކަމަށްބުނެ ހުށަހަޅާފައިވާ މައްސަލަތައް
- ބިދޭސީ މަސައްކަތްތެރިން ގެއްލުން
"އެހެންކަމުން، ގާނޫނުތަކާއި ގަވާއިދުތަކުން ލިބިދީފައިވާ ހައްގުތަކާއި ރައްކާތެރިކަން ތަފާތުކުރުމެއްނެތި އެފަރާތްތަކަށް ކަށަވަރުކޮށްދީ، މިކަމާ މެދު ރައްޔިތުންނާއި ބިދޭސީ މަސައްކަތްތެރިން ހޭލުންތެރިކުރުވައި ދުޅަހެޔޮ މުޖުތަމައުއެއް ގާއިމުކުރުމަށް މި ކޮމިޝަނުން ކުރާ މަސައްކަތުގައި ދިވެހި ދައުލަތާއި މީޑިއާތަކާއި މަދަނީ ޖަމާއަތްތަކުން މިހާރަށް ވުރެ ބޮޑަށް އެއްބާރުލުން ދިނުމަށް ގޮވާލަމެވެ." އެޗްއާރުސީއެމްގެ ބަޔާނުގައިވެ އެވެ.
އޭގެ އިތުރުން ރާއްޖޭގައި ބިދޭސީ މަސައްކަތްތެރިންނާމެދު ގެންގުޅޭ ނުރަނގަޅު ވިސްނުންތަކާއި، ނޭދެވޭ ތަފާތުކުރުންތައް ނައްތާލައި އެފަރާތްތަކާ މެދު އިހުތިރާމާ އެކު މުއާމަލާތްކުރުމަށް ވެސް އެޗްއާރުސީއެމް އިން ވަނީ ގޮވާލައިފަ އެވެ. އަދި ރާއްޖެއަށް ހިޖުރަކުރާ ބިދޭސީ މަސައްކަތްތެރިން ވެސް އެފަރާތްތަކުގެ ޒިންމާތަކާއި މަސްއޫލިއްޔަތުތައް އަދާކުރަން ޖެހޭ ކަމަށް ވެސް އެ ކޮމިޝަނުން ބުންޏެވެ.