ފަތުރުވެރިކަމަށް މުޅިން އަލަށް ދޫކުރާ ބިންތަކާއި 29 ރަށް ސަރުކާރުން އިއުލާނުކޮށްފި އެވެ.
ޓޫރިޒަމް މިނިސްޓްރީން ދަރުބާރުގޭގައި "ބުރަބި"ގެ ނަމުގައި ބޭއްވި ޖަލްސާގައި އެކަން އިއުލާނުކޮށްދެއްވީ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އެވެ.
އެ ލިސްޓުގައި މައިގަނޑު ގޮތެއްގައި ހިމެނެނީ "ވަން އައިލެންޑް، ވަން ރިސޯޓު" ކޮންސެޕްޓުގެ ދަށުން މުޅިން އަލަށް ފަތުރުވެރިކަމަށް ދޫކުރާ ރަށްތަކާއި މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން ފަތުރުވެރިކަމަށް ބިން ދޫކުރާ ރަށްތަކެވެ.
"ވަން އައިލެންޑް ވަން ރިސޯޓު" ކޮންސެޕްޓް
- ހއ. އަތޮޅު: 4 ރަށް (970 އަށް ވުރެ ގިނަ އެނދު، 1300 އަށް ވުރެ ގިނަ ވަޒީފާ)
- ހދ. އަތޮޅު: 3 ރަށް (1169 އެނދު، 1749 ވަޒީފާ)
- ށ. އަތޮޅު: 3 ރަށް (2333 އެނދު، 2949 ވަޒީފާ)
- ނ. އަތޮޅު: 1 ރަށް (250 އެނދު، 350 ވަޒީފާ)
- ރ. އަތޮޅު: 1 ރަށް (200 އެނދު، 400 ވަޒީފާ)
- މ. އަތޮޅު: 2 ރަށް (400 އެނދު، 600 ވަޒީފާ)
- ފ. އަތޮޅު: 2 ރަށް (400 އެނދު، 600 ވަޒީފާ)
- ތ. އަތޮޅު: 4 ރަށް (800 އެނދު، 1400 ވަޒީފާ)
- ލ. އަތޮޅު: 3 ރަށް (799 އެނދު، 1047 ވަޒީފާ)
- ގއ. އަތޮޅު: 2 ރަށް (639 އެނދު، 960 ވަޒީފާ)
- ގދ. އަތޮޅު: 3 ރަށް (648 އެނދު، 972 ވަޒީފާ)
- އައްޑޫ ސިޓީ: 1 ރަށް (207 އެނދު. 309 ވަޒީފާ)
އެ 29 ރަށް ތަރައްގީކޮށް ނިމޭއިރު، ފަތުރުވެރިކަމުގެ ދާއިރާއިން 13،720 އެނދާއެކު 18،672 ވަޒީފާ އުފެދިގެން ދާނެ ކަމަށް މިނިސްޓަރު އަލީ ވިދާޅުވިއެވެ.
މީހުން ދިރިއުޅޭ ރަށްރަށުގެ ތެރެއިން ފަތުރުވެރިކަމަށް ބިން ދޫކުރާ ރަށްތަށް
- އައްޑޫ ސިޓީ: 16.67 ހެކްޓަރު
- ފުވައްމުލަކު ސިޓީ: 2 ހެކްޓަރު
- ގދ. ވާދޫ: 0.5 ހެކްޓަރު
- ލ. ގަން: 19.8 ހެކްޓަރު
- ހދ. ނޮޅިވަރަންފަރު: 0.5 ހެކްޓަރު
- ހއ. ކެލާ: 8.5 ހެކްޓަރު
- ހއ. އުލިގަން: 23 ހެކްޓަރު
އައްޑޫ ސިޓީގެ ފޭދޫ، މަރަދޫ، ހިތަދޫ، ހުޅުދޫ، މީދޫ އަދި ހިކިހެރައިން ޖުމްލަ 16.67 ހެކްޓަރުގެ ބިން ފަތުރުވެރިކަމަށް ދޫކުރާއިރު، އެތަންތަން ތަރައްގީކޮށް ނިމުމުން 4200 އެނދު އައްޑޫ ސިޓީގެ ފަތުރުވެރިކަމަށް އިތުރުވެގެންދާނެ ކަމަށް މިނިސްޓަރު އަލީ ވިދާޅުވި އެވެ.
"އަޅުގަނޑުމެން އައްޑޫ ސިޓީ ކައުންސިލް މެދުވެރިކޮށް އެކަމާ ގުޅޭ އިއުލާނު ވެސް މިހާރު ވާނީ ކޮށްފައި... މި ޕްރޮޖެކްޓުން އައްޑޫ ސިޓީއަށް ބޮޑެތި ބަދަލުތަކެއް އަންނާނެ." މިނިސްޓަރު އަލީ ވިދާޅުވި އެވެ.