ވީއައިއޭގެ އާ ޓާމިނަލްގެ ފައުންޑޭޝަން މަސައްކަތް ނިންމާލައިފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލްގެ މަސައްކަތް -- ފޮޓޯ: އެމްއޭސީއެލް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލްގެ ފައުންޑޭޝަން މަސައްކަތް ނިންމާލައިފި އެވެ.

އެމްއޭސީއެލް އިން ބުނީ އާ ޓާމިނަލްގެ މަސައްކަތުގެ ތެރެއިން ބިމުން މަތީގައި ކުރަންޖެހޭ މަސައްކަތުގެ ފުރަތަމަ ފިޔަވަޅު ނިމިފައިވާ ކަމަށެވެ. ކޮލަމް ރީއިންފޯސް ކުރުމުގެ މަސައްކަތް ނިމިފައިވާ ކަމަށާއި ޕައިލް ކެޕް ކުރުމުގެ 15 ޕަސެންޓު މަސައްކަތް ނިމިފައިވާ ކަމަށްވެސް އެމްއޭސީއެލް އިން ބުންޏެވެ.

މީގެ އިތުރުން ގްރައުންޑް ސްލެބިންގެ 2000 އަކަމިޓަރުގެ މަސައްކަތް ވެސް މިހާރު ނިމިފައިފައިވާ ކަމަށް އެމްއޭސީއެލް އިން ބުންޏެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއުގެ ތެރޭގައި ހިމެނޭ ޓާމިނަލްގެ މަސައްކަތް ކުރަނީ ސައުދީ ބިންލާދިން ގްރޫޕުންނެވެ.

މިއަހަރުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި ވަހަކަ ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ ވެލާނާ އެއާޕޯތުގެ ޓާމިނަލްގެ މަޝްރޫއަކީ އަންނަ އަހަރު ސަރުކާރުން އެންމެ އިސްކަން ދީގެން ކުރިއަށްގެންދާނެ މަޝްރޫއު ކަމަށެވެ.

އެއާޕޯޓު ތަރައްގީކުރުމުގެ ބިޔަ މަޝްރޫއުގައި ހިމެނޭ އާ ޓާމިނަލްގެ މަސައްކަތް މަޑުޖެހިފައި އޮތުމަށްފަހު މިދިޔަ ޖުލައި މަހު ވަނީ އެކަން އަލުން ފަށާފައެވެ. މިހާރު އެއާޕޯޓުގައި ހުރި ޓާމިނަލުގެ ހުޅަނގު ދެކުނު ފަރާތުން 78،000 އަކަ މީޓަރުގެ ސަރަހައްދެއްގައި ހަދާ މި ޓާމިނަލުގެ މަސައްކަތް މިހާރު ކުރަނީ އެތަނުގެ ޑިޒައިނަށް ބަދަލު ގެނެސްގެންނެވެ.

މަޝްރޫއަށް އަބޫދާބީ ފަންޑާއި، ކުވެއުތު ފަންޑާއި ސައުދީ ފަންޑާއި، އޯޕެކް ފަންޑް ފޯރ އިންޓަނޭޝަނަލް ޑިވެލޮޕްމެންޓް (އޮފިޑް)އިން 680 މިލިއަން ރުފިޔާ ވަނީ ދީފައެވެ.

އެއާޕޯޓުގެ މަސައްކަތްތައް ނޫސްވެރިންނަށް ދައްކާލުން މާދަމާ އޮންނާނެއެވެ.

comment ކޮމެންޓް