އީރާނު ބޯޓަކުން ޑްރަގު ފެނުނު މައްސަލައެއްގައި ދައުވާ ނުކުރަން ނިންމައިފި

މަސްތުވާތަކެއްޗާއި އެކު އަތުލައިގަތް އިރާނުގެ ބޯޓު: އެ ބޯޓުން ދަތުރު ކުރި މީހުނަށް ދައުވާ ނުކޮށް ވަނީ ޑީޕޯޓް ކޮށްފައި ---- ފޮޓޯ: އެމްއެންޑީއެފް

އީރާނުގެ ބޯޓަކުން މަސްތުވާތަކެތި ފެނުނު މައްސަލައެއްގައި ދައުވާ ނުކުރަން ނިންމައި އެ މީހުން ޑީޕޯޓް ކޮށްލައިފި އެވެ.

އެ ބޯޓު އަތުލައިގަނެފައިވަނީ އެމްއެންޑީއެފް ކޯސްޓްގާޑާއި ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި، އދ .މަންދޫގެ ހުޅަނގުން ގާތްގަނޑަކަށް 4.8 ނޯޓިކަލް މޭލު ބޭރުން މިދިޔަ މަހުގެ ތިން ވަނަ ދުވަހު އެވެ.

އެ މައްސަލައިގައި ފުލުހުން ވަނީ، ބޯޓުން ދަތުރު ކުރި އީރާނުގެ ހަތް މީހަކު ހައްޔަރު ކޮށްފަ އެވެ. އެ މީހުންގެ ބަންދުގެ މުއްދަތު ވެސް ކްރިމިނަލް ކޯޓުން ވަނީ އިތުރުކޮށްފަ އެވެ. އަދި އެ ހަތް މީހުންގެ ބަންދު އަމަރުގެ އިސްތިއުނާފް އަޑުއެހުން ހައި ކޯޓުގައި ތާވަލު ކުރި އެވެ.

ނަމަވެސް ޕީޖީގެ ފަރާތުން ވަނީ އެ މައްސަލަ ކުރިއަށް ގެންދަން ބޭނުންނުވާ ކަމަށް އަންގައިފަ އެވެ. އަދި އަޑުއެހުންތައް ވެސް ވަނީ ކެންސަލް ކޮށްފަ އެވެ.

އެކަމާއި ގުޅިގެން ޕްރޮސިކިއުޓާ ޖެނަރަލް ހުސައިން ޝަމީމް މިއަދު "ސަން" އަށް ވިދާޅުވީ، އެ ބޯޓްގައި ތިބި ހަތް މީހުންގެ މައްޗަށް ދައުވާ ނުކުރަން ނިންމައި އެ މީހުން ޑީޕޯޓް ކުރުމަށް ނިންމާފައިވާ ކަމަށެވެ.

ސަބަބެއްގެ ގޮތުގައި ޝަމީމް ވިދާޅުވީ، ތަހުގީގުން އެނގުނު ގޮތުގައި އެ މީހުން ރާއްޖެއިން އަތުލައިގަތީ އިންޖީނު ހަލާކުވެ ހާލުގައި ޖެހިފައި ވަނިކޮށް ކަމަށާއި އަދި އެ މީހުން ރާއްޖެއަށް ޑްރަގު އެތެރެކުރުމުގެ ނިޔަތް އޮތް ކަން އެނގެން ނެތް ކަމަށެވެ. އެ ގޮތުން ދިވެހިންގެ އެއްވެސް ބަޔަކާއި އެމީހުން ގުޅިފައިވާ ކަމުގެ ހެއްކެއް ފުލުހުންގެ ތަހުގީގަށް ހޯދިފައި ނެތް ކަމަށް ވެސް ޝަމީމް ފާހަގަ ކުރެއްވި އެވެ.

އެ ބޯޓުގެ ކުރިން ވެސް ވަނީ އީރާނު ބޯޓެއް 70 ކިލޯގެ މަސްތުވާތަކެއްޗާއި އެކު އަތުލައިގަނެފަ އެވެ. އެ މައްސަލައާ ގުޅިގެން ހައްޔަރު ކުރި އީރާނުގެ ހުރިހާ މީހުންގެ އިތުރުން ދިވެއްސެއް ވަނީ ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން އަމަރު ކޮށްފަ އެވެ.

ރާއްޖެ އިން ހިފެހެއްޓި ބޯޓުތައް މީގެ ކުރިން މަސްތުވާތަކެއްޗާ އެކު އެހެން ގައުމުތަކުން ވެސް ހިފަހައްޓާފައިވެ އެވެ.

ފުލުހުން މީގެ ކުުރިން ބުނެފައި ވަނީ އެފަދަ ބޯޓުތަކަކީ މި ސަރަހައްދުގެ ގައުމުތަކަށް މަސްތުވާތަކެތި އެތެެރެ ކުރަން ބޭނުން ކުރާ ބޯޓުތަކެއް ކަމަށެވެ. ރާއްޖެ އަކީ މަސްތުވާތަކެތި އެތެރެ ކުރާ "ޓްރާންސިޓް ޕޮއިންޓް"އެއްގެ ގޮތުގައި ވެސް ފުލުހުން ވަނީ ސިފަކޮށްފަ އެވެ.

comment ކޮމެންޓް