70 ކިލޯ ޑްރަގު މައްސަލައިގެ "ބޮޑު" ފިޔަވައި ދެން ތިބި ދިވެހިން ދޫކޮށްލައިފި

މަސްތުވާތަކެތި އެތެރެކުރުމުގައި އިސްކޮށް ހަރަކާތްތެރިވި މީހުން -- ފޮޓޯ: ޕޮލިސް

އީރާނުގެ ބޯޓަކުން އަތުލައިގަތް 70 ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި ތުހުމަތުކުރެވޭ މައިގަނޑު މީހާ ފިޔަވައި ދެން ތިބި ހުރިހާ ދިވެހިން ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

މިދިޔަ އޮކްޓޯބަރު ހަތް ވަނަ ދުވަހު 70 ކިލޯގެ މަސްތުވާތަކެއްޗާ އެކު އަތުލައިގަތް އީރާންގެ "އަލްޝަބާން" ކިޔާ ބޯޓުން ދަތުރު ކުރި ހަ މީހުންގެ އިތުރުން އެ ބޯޓުން މަސްތުވާތަކެތި ބަލާ ދިޔަ "ހެދޭކުރި" ކިޔާ ދޯނީގައި ތިބި ހަތަރު މީހުން ވެސް ފުލުހުން ހައްޔަރު ކުރި އެވެ. އޭގެ ފަހުން ފުލުހުން ވަނީ އެ މައްސަލައާ ގުޅިގެން އިތުރު ތިން މީހަކު ހައްޔަރު ކޮށްފަ އެވެ. އަދި އެއީ އެ މައްސަލާގައި ހިމެނޭ ބޮޑުން ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ފުލުހުން މިއަދު ބުނީ، 70 ކިލޯ މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރު ކުރި ދިވެހިންގެ ތެރެއިން އެކަމުގެ އެންމެ އިސް ފަރާތް ކަމުގައިވާ ސ. ހިތަދޫ، ކޯޒީކޯނާ، އަލީ އަންވަރު މުހައްމަދު (35އ) ފިޔަވައި ދެން ތިބި ހުރިހާ ދިވެހިން ދޫކޮށްލާފައިވާ ކަމަށެވެ.

އެގޮތުން އަލީ އަންވަރުގެ އިތުރުން އީރާނުގެ ހަ މީހުން ޝަރީއަތް ނިމެންދެން ހައްޔަރުގައި ބޭތިއްބުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.

އެ ބޯޓު ހިފަހައްޓާފައި ވަނީ އެމްއެންޑީއެފް ކޯސްޓްގާޑާއި ފުލުހުން ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ހއ. ތުރާކުނުގެ ހުޅަނގު އުތުރުން ގާތްގަނޑަކަށް 172 މޭލު (27.5 ނޯޓިކަލް މޭލު) ބޭރުންނެވެ.

ބޯޓުން ފެނުނީ މަސްތުވާތަކެތި އަޅާފައި ހުރި ތިން ގޯންޏެވެ. ތިން ގޯނީގައި ހުރި 70 ކިލޯ މަސްތުވާތަކެތީގެ މަގުމަތީ އަގު 59.2 މިލިއަން ރުފިޔާ އަށް އަރާނެ ކަމަށް ފުލުހުން މީގެ ކުރިން ވަނީ ބުނެފަ އެވެ.

އޭގެ ފަހުން ވެސް ރާއްޖޭގެ ސަރަހައްދުން ހިފެހެއްޓި އީރާނުގެ ބޯޓަކުން ވަނީ މަސްތުވާތަކެތި ފެނިފަ އެވެ.

ރާއްޖެ އިން ހިފެހެއްޓި ބޯޓުތައް މީގެ ކުރިން މަސްތުވާތަކެއްޗާ އެކު އެހެން ގައުމުތަކުން ވެސް ހިފަހައްޓާފައިވެ އެވެ.

ފުލުހުން މީގެ ކުުރިން ބުނެފައި ވަނީ އެފަދަ ބޯޓުތަކަކީ މި ސަރަހައްދުގެ ގައުމުތަކަށް މަސްތުވާތަކެތި އެތެެރެ ކުރަން ބޭނުން ކުރާ ބޯޓުތަކެއް ކަމަށެވެ. ރާއްޖެ އަކީ މަސްތުވާތަކެތި އެތެރެ ކުރާ "ޓްރާންސިޓް ޕޮއިންޓް"އެއްގެ ގޮތުގައި ވެސް ފުލުހުން ވަނީ ސިފަކޮށްފަ އެވެ.

comment ކޮމެންޓް