ރާއްޖެ އިޝްތިހާރުކުރަން ޓްރިޕް އެޑްވައިޒާއާ އެކު ކެމްޕޭންއެއް ފަށައިފި

މާފުށީގައި ދެ ފަތުރުވެރިޔަކު --- ސަން ފައިލް ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމުގެގޮތުން ދުނިޔޭގެ މަޝްހޫރު ޓްރެވަލް ރިވިއު ވެބްސައިޓް ޓްރިޕް އެޑްވައިޒާއާ އެކު މޯލްޑިވްސް މާކެޓިން އެންޑް ޕީއާރް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިން ކެމްޕޭންއެއް ފަށައިފި އެވެ.

އެމްއެމްޕީއާރްސީ އިން ބުނީ އެ ކެމްޕޭން ޓާގެޓްކޮށްފައި ވަނީ އިނގިރޭސިވަލާތް، ސައުދި އަރަބިއާ، ރަޝިޔާ، އިންޑިއާ، އިޓަލީ އަދި ޗައިނާ މާކެޓަށް ކަމަށެވެ.

އެ ކެންޕެއިންގެ ދަށުން ޓްރިޕްއެޑްވައިޒާ ވެބްސައިޓްގައި އިޝްތިހާރު ކުރާ އިރު ރާއްޖޭގެ ގުދުރަތީ ރީތިކަން އަދި ރާއްޖޭގައި ކުރެވޭނެ ތަފާތު ކަންތައްތައް ފަތުރުވެރިނަށް ދައްކުވައިދޭނެ އެވެ. އަދި ރާއްޖެއަކީ ފަތުރުވެރިން އެންމެ ޗުއްޓީ ހޭދަކޮށްލަން ބޭނުންވާ އެއް މަންޒިލެއްގެ ގޮތުގައި އިޝްތިހާރު ކުރެވިގެންދާނެ ކަމަށް އެމްއެމްޕީއާރުސީން ބުންޏެވެ.

ޓްރިޕްއެޑްވައިޒާއަކީ ދުނިޔޭގެ އެންމެ ބޮޑު އެއް "ސޯޝަލް ޓްރެވަލް" ވެބްސައިޓެވެ. ތިންސަތޭކަ ފަނަރަ މިލިޔަން ވިޔުވާސް އަދި ތަފާތު ފަތުރުވެރިކަމުގެ ޕްރޮޑަކްސްތަކުގެ ރިވިޔުސް ހިމެނޭ ވެބްސައިޓެކެވެ. އެ ވެބްސައިޓްގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ހޮޓާތަކާއި، ރިސޯޓް އަދި ރެސްޓޯރަންޓްސްގެ ރިވިޔުސް ހިމެނެ އެވެ. އަދި އެ ވެބްސައިޓް މެދުވެރިކޮށް ބުކިންސް ހެދުމުގެ ފުރުސަތު ވެސް ލިބިގެންދެ އެވެ.

ޓްރިޕްއެޑްވައިޒާއަކީ ދުނިޔޭގެ އޮންލައިން މާކެޓަށް އަންނަ ބަދަލުތަކާ އެކު އެންމެ ފަހުގެ ޓްރެންޑްސްތައް ހިމަނައިގެން ހިންގާ ޕްލެޓްފޯމެކެވެ. އެހެންކަމުން ކެންޕެއިނުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރި ކަމަށް ވަރަށްބޮޑު ފައިދާތަކެއް ކުރާނެ ކަމަށް އެމްއެމްޕީއާރުސީން ބުންޏެވެ.

އެމްއެމްޕީއާރުސީން މިއަހަރު ވަނީ 17 ޖޮއިންޓް ކެންޕެއިނެއް ކުރިއަށް ގެންގޮސްފަ އެވެ. ތޭވީސް މާކެޓަކަށް އަމާޒުކޮށްގެން ފެއާތަކާއި ރޯޑްޝޯ އަދި ގްލޯބަލް ކެމްޕެއިންގެ އިތުރުން ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް އިޝްތިހާރު ކުރުމަށް ޓަކައި، ޒަމާނާ އެއްގޮތަށް ޑިޖިޓަލް ޕްލެޓްފޯމްތަކުގައި ވެސް ދަނީ އިޝްތިހާރު ކުރަ،މުންނެވެ.

ރާއްޖެއަށް ޒިޔާރަތް ކުރި ފަތުރުވެރިންގެ ނިސްބަތް ވަނީ އޮކްޓޯބަރުގެ ނިޔަލަށް 14.5 ޕަސެންޓް އިތުރުވެފަ އެވެ. އަދި 1.5 މިލިއަން ވަނަ ފަތުރުވެރިޔާ ވެސް ވަނީ ނޮވެންބަރު މަހުގައި ދިވެހިރާއްޖެއަށް ޒިޔާރަތްކޮށްފަ އެވެ.

comment ކޮމެންޓް