ދިރާގާއި ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް ގުޅިގެން އެ ބޭންކްގެ ކަސްޓަމަރުންނަށް ދިރާގު ޕޭ ވޮލެޓު ތައާރަފުކޮށްފިއެވެ.
އެއާއެކު ކޮމާޝަލް ބޭންކުގެ ކަސްޓަމަރުންގެ ބޭންކިން ޕޯޓަލް މެދުވެރިކޮށް ދިރާގު ޕޭ ވޮލެޓަށް ފައިސާ އެޅުމުގެ ހިދުމަތް ލިބޭނެއެވެ.
މިއީ ރާއްޖޭގައި އަލަށް ބޭންކް އަކާއި ދިރާގު ޕޭ ފަދަ އިލެކްޓްރޯނިކް ވޮލެޓެއް އިތުރު އެޕްލިކޭޝަނެއް ނުވަތަ ޕޭމަންޓް ގޭޓްވޭއެއް މެދުވެރި ނުކޮށް ކޭޝް އިން ކުރެވޭނެ ގޮތުގެ އިންތިޒާމެއް ގާއިމުކޮށްދިން ފުރަތަމަ ފަހަރު ކަމަށް ދިރާގުން ބުންޏެވެ.
އެ ހިދުމަތާ ގުޅޭގޮތުން ދިރާގުގެ ސީއީއޯ. އަދި އެމްޑީ އިސްމާއިލް ރަޝީދު ވިދާޅުވީ އެ ތަޢާރަފު ކުރެވުނު ހިދުމަތުގެ ސަބަބުން ދިރާގުޕޭ ކަސްޓަމަރުންނަށް އިތުރު ލުއި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ. އަދި އެއީ ކޮމާޝަލް ބޭންކު ފަދަ މާލީ މުވައްސަސާ ތަކާ އެކު ދިރާގުން އޮންނަ ގުޅުން ބަދަހިކޮށް ކޭޝްލެސް' މުޖުތަމައެއް ބިނާ ކުރުމަށް އެޅޭ ފިޔަވަޅެއް ކަމަށެވެ.
ކޮމާޝަލް ބޭންކުގެ ސީއީއޯ އަދި އެމްޑީ ދިލަން ރާޖަޕަކްސަ ވިދާޅުވީ އެ ޕާޓްނާޝިޕަކީ އެ ބޭންކަށް ޒަމާނީ ޑިޖިޓަލް ހިދުމަތް ފޯރުކޮށްދިނުމުގައި ހާސިލް ކުރެވުނު ލަނޑުދަނޑިއެއް ކަމަށެވެ.
ދިރާގުޕޭގެ ހިދުމަތް މިހާރު ރާއްޖޭގެ އެކި ހިސާބުތަކުން 230 މާޗެންޓުން ފޯރުކޮށްދެއެވެ. އަދި އެ ފަދަ މާޗެންޓް ތަކުން ދިރާގުޕޭ ގެ ކަސްޓަމަރުންނަށް އެ ހިދުމަތް ބޭނުން ކުރައްވައިގެން ކުރައްވާ ވިޔަފާރި ތަކަށް 10 ޕަސެންޓާ 50 ޕަސެންޓާ އާއި ދެމެދުގެ ޑިސްކައުންޓު ދެއެވެ.
ދިރާގު ޕޭ އަކީ 2017 ވަނަ އަހަރު ދިރާގުން ތަޢާރަފުކުރި ކޭޝްލެސް ނުވަތަ ޖީބުގައި ފައިސާ އަދި ޕްލާސްޓިކް ކާޑް ނުގެންގުޅެ ވިޔަފާރީގެ އެކި މުއާމަލާތް ހިންގޭ ޑިޖިޓަލް ވޮލެޓެކެވެ.
ރާއްޖޭގައި ނިއަ ފީލްޑް ކޮމިނިކޭޝަން (އެންއެފްސީ) ޓެކްނޮލޮޖީ ބޭނުންކޮށްގެން ކޮންމެ މޯބައިލް ފޯނަކުންވެސް ތަކެއްޗާއި ހިދުމަތްތަކަށް ފައިސާ ދެއްކޭނެގޮތާއި ފައިސާ ޖަމާކުރުމާއި ފައިސާ ނެގޭނެގޮތަށް ތައާރަފްކުރި މިހިދުމަތުގެ ސަބަބުން ކަސްޓަމަރުންނަށް ފަސޭހަކާމާއި، ރައްކާތެރިކަމާއެކީ ބާޒާރުކުރުމާއި ފައިސާގެ މުއާމަލާތް ހިންގޭނެ ކަމަށް ދިރާގުން ބުންޏެވެ.
ދިރާގުގެ އަމާޒަކީ އިނޮވޭޝަނާއި ޓެކްނޮލޮޖީގެ ޒަރިއްޔާއިންނާއި ކަސްޓަމަރުންގެ ޑިޖިޓަލް ތަޖްރިބާ އިތުރަށް ފުރިހަމަކޮށް ދިނުން ކަމަށް އެ ކުންފުނިން ބުނެއެވެ