މާޒިޔާއިން ވާދަވެރި ގްރީންސްޓްރީޓްސް ބޮޑު ތަފާތަކުން ބަލިކޮށްފި

ދިވެހި ޕްރިމިއާ ލީގުގެ ފުރަތަމަ ބުރުގައި މާޒިޔާއާއި ގްރީންސްޓްރީޓްސް ބައްދަލު ކުރ މެޗުގެ ތެރެއިން --- ފޮޓޯ// އެފްއޭއެމް

ގިނަ ދުވަސްތަކެއްގެ މެދުކެނޑުމަކަށްފަހު ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ކުޅުން މިއަދު ފެށި އިރު ބޮޑު ތަފާތަކުން ވާދަވެރި ގްރީންސްޓްރީޓްސް ބަލިކޮށް މާޒިޔާއިން އެއްވަނައިގައި 11 ޕޮއިންޓްގެ ލީޑެއް ނަގައިފި އެވެ.

ވޯލްޑް ކަޕާއި އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިންގައި ފިލިޕީންސް އާއި ގުއާމާ ދެކޮޅަށް ގަލޮޅު ދަނޑުގައި ކުޅުނު ދެ މެޗަށާއި މި މަހުގެ ކުރީކޮޅު ނޭޕާލުގައި އޮތް 13 ވަނަ ސައުތު އޭޝިއަން ގޭމްސްގައި ރާއްޖޭގެ 23 އަހަރުން ދަށުގެ ޓީމު ވާދަކުރުމާ ގުޅިގެން 50 ދުވަހުގެ މެދުކެނޑުމަކަށްފަހު މިއަދު ކުޅުނު ފުރަތަމަ މެޗުގައި ގްރީން އަތުން މާޒިޔާ ކުރި ހޯދީ 1-6 ގެ ބޮޑު ތަފާތަކުންނެވެ.

މިއަދުގެ މޮޅާ އެކު ކުޅުނު 13 މެޗުން ލިބުނު 32 ޕޮއިންޓާ އެކު މާޒިޔާ އެއްވަނައިގައި އޮތް އިރު އެ ޓީމާއި ދެން އެންމެ ގާތުން ވާދަކުރާ އީގަލްސްއަށް 11 މެޗު ކުޅެގެން ލިބިފައި ވަނީ 21 ޕޮއިންޓެވެ. މިއަދުގެ މެޗުން ބަލިވި ގްރީންސްޓްރީޓްސް ތިންވަނައިގައި އޮތީ 12 މެޗުން ލިބުނު 20 ޕޮއިންޓާ އެކު އެކު އެވެ.

މިފަހަރުގެ ސީޒަނަށް އެންމެ ރަނގަޅަށް ތައްޔާރުވި ޓީމުތަކުގެ ތެރޭގައި ހިމެނޭ ގްރީންސްޓްރީޓުން ލީގުގެ ފުރަތަމަ ބުރުގައި ވަނީ މާޒިޔާއާ ދެކޮޅަށް ވާދަވެރި ކުޅުމެއް ދައްކާފަ އެވެ. ނަމަވެސް މިއަދުގެ މެޗުގައި އެ ޓީމުގެ ފަރާތުން ފެނުނީ އާދައިގެ ކުޅުމެކެވެ.

މިއަދުގެ މެޗުގައި ފުރަތަމަ ގޯލު ޖަހައި ލީޑު ނެގީ ގްރީން އެވެ. އެ ޓީމުގެ ބިދޭސީ މިޑްފީލްޑަރު މުހައްމަދު ސަލާހު ޖައްސާލި ބޯޅަޔަކުން ދެ ކުޅުންތެރިޔަކު ކައިރިން ނައްޓާފަ ގޯލުގެ ތިރީ ކަނަށް ފޮނުވާލީ އަލީ އަޝްފާގު (ދަގަނޑޭ) އެވެ. ދަގަނޑޭގެ ގޯލާ އެކު މާޒިޔާއިން ރައްދުގައި ގިނަ ހަމަލާތަކެއް އުފައްދާ ގްރީންސްޓްރީޓުގެ ގޯލަށް ބާރު ބޮޑު ކުރި އެވެ.

ނަތީޖާއެއްގެ ގޮތުން ފުރަތަމަ ހާފު ނިމުމުގެ ކުރިން މާޒިޔާއިން ވަނީ ދެ ގޯލު ޖަހައި ލީޑު ނަގާފަ އެވެ. މި ދެ ގޯލު ވެސް އެ ޓީމަށް ޖަހައިދިނީ މިއަދުގެ މެޗުގައި ތަފާތު ކުޅުމެއް ދައްކާ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހޯދި ކޮނޭލިއަސް ސްޓެވާޓް (ކޯނޭ) އެވެ. އޭނާ ވަނީ މިއަދުގެ މެޗުގައި ހެޓްރިކެއް ހަދާފަ އެވެ.

މެޗުގެ ދެ ވަނަ ހާފް ފަށައިގެން ފަސް ވަނަ މިނެޓުގައި ގްރީން ސްޓްރީޓްސްއަށް ލިބުނު ޕެނަލްޓީއެއް ދަގަނޑޭ ފޮނުވާލުމުން ދިޔައީ ގޯލުގެ މަތިންނެވެ. މިއީ ސަލާހަށް މާޒިޔާގެ ގޯލްކީޕަރު އުވޭސް އަޒީޒީ ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ. ޕެނަލްޓީ ވައްދާނުލެވުނުތާ އިރުކޮޅެއް ފަހުން ދަގަނޑޭ ފޮނުވާލި ހަމަލާއެއް ވަނީ އަރިމަތީ ދަނޑިއަށް އަމާޒުވެފަ އެވެ.

އެއަށްފަހު ދެން އަނެއްކާވެސް މާޒިޔާއިން މެޗު ޑޮމިނޭޓްކޮށް އޮއެވަރު ބަދަލުކޮށްލި އެވެ. އެ ހާފުގައި އެ ޓީމުން ހަތަރު ގޯލު ޖެހި އިރު ކޯނޭގެ ގޯލުގެ އިތުރުން އެ ޓީމަށް ބާކީ ތިން ގޯލު ޖަހައިދިނީ ހަމްޒާ މުހައްމަދު (ހަމްޕު) އާއި އަސަދުﷲ އަބްދުﷲ އަދި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް އިބްރާހީމް ވަހީދު ހަސަން (އިއްބެ ވަހީދު) އެވެ.

ލީގުގައި މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ޓީސީ ސްޕޯޓްސް ކްލަބާއި ފ. ނިލަންދޫ ސްޕޯޓްސް ކްލަބް އެވެ. މިރޭގެ މެޗު ފަށާނީ ރޭގަނޑު ނުވައެއް ޖަހާއިރު އެވެ.

comment ކޮމެންޓް