އަލްޖަޒާއިރު (ޑިސެމްބަރު 14) : އަލްޖަޒާއިރުގައި ބޭއްވި ރިޔާސީ އިންތިޚާބު އެގައުމުގެ ކުރީގެ ރައީސް އަބްދުލްއަޒީޒް ބޫތަފްލީޤާގެ ގާތް ބޭފުޅެއްކަމަށްވާ ޢަބްދުލްމަޖީދު ތަބޫން ކާމިޔާބު ކުރައްވައިފި އެވެ.
ތަބޫން އިންތިޚާބު ކާމިޔާބު ކުރެއްވީ ވޯޓުގެ 58 ޕަސެންޓް ކާމިޔާބު ކުރައްވައިގެންނެވެ. އަލްޖަޒާއިރުގެ އިންތިޚާބުތަކާ ބެހޭ އިދާރާއިން ބުނީ މި މަހުގެ 12 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ގޮތުގައި 24 މިލިއަނަށް ވުރެ ގިނަ މީހުން ރަޖިސްޓްރީ ކޮށްފައިވީ ނަމަވެސް އޭގެތެރެއިން ވޯޓުލާފައި ވަނީ އެންމެ ނުވަ މިލިއަން މީހުންކަމުގަ އެވެ.
އެހެންކަމުން ވޯޓުލާފައި ވަނީ ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ އެންމެ 39 ޕަސެންޓެވެ. އެ ނުވަ މިލިއަން މީހުންގެ ވޯޓުގެ ތެރެއިން 1.2 މިލިއަން ވޯޓަކީ ބާޠިލު ވޯޓުކަމަށާ އެއީ ވޯޓު ލީ މީހުން ގަސްދުގައި ކުރި ކަމެއްކަމަށް ބެލެވޭކަމަށް އެ އިދާރާއިން ބުނެފައިވެ އެވެ.
އަލްޖަޒާއިރުގައި ރިޔާސީ އިންތިޚާބު ބާއްވާފައި މިވަނީ ރިޔާސީ އިންތިޚާބު ނުބޭއްވުމަށާ އަދި އިންތިޚާބު ބޭއްވިނަމަވެސް ވޯޓުގައި ބައިވެރިނުވުމަށް ގޮވާލައި އެގައުމުގައި ބޮޑެތި މުޒާހަރާތަކެއް ކުރަމުން ގެންދާ ދަނޑިވަޅެއްގަ އެވެ. މުޒާހަރާކުރާ ފަރާތްތަކުން ގޮވާލަމުންދަނީ އަލްޖަޒާއިރުގެ ހާލަތު އޮތީ މިނިވަން އިންސާފުވެރި އިންތިޚާބެއް ބޭއްވޭފަދަ ގޮތެއްގައި ނޫންކަމަށާ އިންތިޚާބު ބާއްވަންޖެހޭނީ ދަސްތޫރާއި އަލްޖަޒާއިރުގެ ސިޔާސީ ނިޒާމު އިސްލާޙް ކުރުމަށް ޓަކައި އިންތިގާލީ މަރްހަލާއެއް ގެނައުމަށް ފަހުގައި ކަމުގަ އެވެ.
އަލްޖަޒާއިރުގެ ސަރުކާރާއި ދައުލަތުގެ މުއައްސަސާތައް އޮތީ ސިފައިންނާއި ކުރީގެ ސަރުކާރަށް ނިސްބަތްވާ ނުފޫޒު ގަދަ ފަރާތްތަކުގެ ކޮންޓްރޯލްގެ ދަށުގައި ކަމަށާ އެކަންކަން އިސްލާޙް ނުވެ ގައުމަށް ރަނގަނޅު ޑިމޮކްރަސީއެއް ނުގެނެވޭނެކަމަށް މުޒާހަރާކުރާ ފަރާތްތަކުން ގޮވާލަމުން ގެންދާތާ އެތަށް މަހެއްވަނީ ވެފަ އެވެ.
އަލްޖަޒާއިރުގެ ރިޔާސީ ރޭހުގައި ވާދަކުރައްވާފައި ވަނީ ފަސް ކެންޑިޑޭޓުން ކަމަށްވާއިރު އެ ފަސް ބޭފުޅުންނަކީ ވެސް ކުރީގެ ސަރުކާރަށް ތާއީދުކުރައްވާ ބޭފުޅުންނެވެ. ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި ޢަބްދުލްމަޖީދު ތަބޫން އަކީ ކުރީގެ ރައީސް އަބްދުލްއަޒީޒް ބޫތަފްލީޤާގެ ވެރިކަމުގައި އޭނާގެ ސަރުކާރުގެ ބޮޑުވަޒީރުކަން ކުރައްވާފައިވާ ބޭފުޅެކެވެ.
ދިގު މުއްދަތަކަށް ރައީސްކަން ކުރެއްވި ބޫތަފްލީޤާ އިސްތިއުފާދެއްވީ، މިދިޔަ އެޕްރީލް މަހުގެ ދެ ވަނަ ދުވަހު އެވެ. ބޫތަފްލީޤާ އިސްތިއުފާ ދެއްވީ އޭނާގެ އިސްތިއުފާއަށް ގޮވާލައި މުޅި ގައުމުގައި މުޒާހަރާކޮށް އިހުތިޖާޖުކުރަމުންދާތާ ދޮޅު މަހެއްހާ ދުވަސް ފަހުންނެވެ.
ބޫތަފްލީޤާގެ އިސްތިއުފާއަށް ފަހު އެކުލަވާލި ވަގުތި ސަރުކާރުގައި އިސްކޮށް ތިއްބެވީ އޭނާގެ ގާތް އެކުވެރިނެވެ. ބޫތަފްލީޤާގެ އިސްތިއުފާއަށް ގޮވާލައި ކުރި މުޒާހަރާތައް އޭނާގެ އިސްތިއުފާއަށް ފަހު ބަދަލުވެގެން ދިޔައީ އަލްޖަޒާއިރަށް ޑިމޮކްރަސީ ގެނެސް، ވަކި ފަރާތަކަށް ނުޖެހޭ އިންތިގާލީ ސަރުކާރެއް އެކުލަވާލައި، އެ ސަރުކާރުގެ ބެލުމުގެ ދަށުން އައު ދަސްތޫރެއް އެކުލަވާލުމަށްފަހު ރިޔާސީ އިންތިޚާބު ބޭއްވުމަށެވެ.
އެހެންނަމަވެސް، އަލްޖަޒާއިރުގެ ވަގުތީ ސަރުކާރުން މިވަނީ އެކަމަށް ބެލުމެއްނެތި ރިޔާސީ އިންތިޚާބު ބޭއްވުމުގެ ކަންތައް ކުރިޔަށް ގެންގޮސްފަ އެވެ. މިކަން ވަގުތީ ސަރުކާރުން ކުރިޔަށް ދިޔައީ އެގައުމުގެ ބާރުގަދަ ސިފައިންގެ ރުހުމާއި ތާއީދު ލިބިގެންނެވެ. ނަމަވެސް ސިފައިންނާއި ފުލުހުން މުޒާހަރާތަކަށް ހުރަސްއަޅައި މުޒާހަރާކުރާ ފަރާތްތަކާ ދެކޮޅަށް އެއްވެސް ވަރަކަށް ބާރުގެ ބޭނުން ކުރަމުން ގެންގޮސްފައެއް ނުވެ އެވެ.
އަލްޖަޒާއިރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި އަބްދުލްމަޖީދު ތަބޫން ވަނީ ޑިމޮކްރަސީ އަށް ގޮވާލައި މުޒާހަރާކުރާ ފަރާތްތަކާ މަޝްވަރާކުރައްވަން ބޭނުންފުޅުކަމަށާއި އެމީހުން އެދޭގޮތަށް ދަސްތޫރު އިސްލާޙް ކުރުމުގެ މަސައްކަތް ފަށަން ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް މުޒާހަރާކުރާ ފަރާތްތަކުން އޭނާގެ ގޮވާލުމަށް އިޖާބަ ދީފައެއް ނުވެ އެވެ. (އަލްޖަޒީރާ)