ގެއްލިގެން ހޯދާތާ 26 އަހަރު ފަހުން ފެނުނީ އަވައްޓެރިއެއްގެ ގެއިން

އަލްޖީރިއާގެ ފުލުހުން. ގެއްލިގެން ހޯދި މީހާ ވަގަށް ނެގި މައްސަލަ އަލްޖީރިއާގެ ފުލުހުން އަންނަނީ ތަހުގީގު ކުރަމުން -- ފޮޓޯ/މޮރޮކޯ ވޯލްޑް ނިއުސް

ގެއްލުނުތާ 26 އަހަރުވެފައިވާ އަލްޖީރިއާގެ މީހަކު އޭނާގެ އަވައްޓެރިޔާގެ ގެއިން ފެނިއްޖެ ކަމަށް އެ ގައުމުގެ ޖަސްޓިސް މިނިސްޓްރީން އަންގާރަ ދުވަހު ބުނެފިއެވެ.

އުމަރު ބީ ނަމަކަށް އެ މީހާ ގެއްލުނީ 1998 ވަނަ އަހަރު އަލްޖީރިއާގެ ދާހިލީ ހަނގުރާމައިގެ ތެރޭގައެވެ. އޭރު އޭނާގެ އުމުރުން 19 އަހަރެވެ. އޭނާގެ އާއިލާއިން ބުނާ ގޮތުގައި އެހާ ގިނަ ދުވަސް ވަންދެން އުމަރު ފެނިފައިނުވަނީ އޭނާ މަރައިލުމުން ނުވަތަ ވަގަށް ނަގައިފައިވުމުންނެވެ.

އުމުރުން 45 އަހަރުގައި އުމަރު ފެނުނީ އެންމެ 200 މީޓަރު ދުރުގައި އޮންނަ ޖެލްފާ ސިޓީންނެވެ. ރިޕޯޓްތައް ބުނާ ގޮތުގައި އޭނާ ފެނުނީ ވާރުތައިގެ މައްސަލައެއްގައި އޭނާގެ ބޭބެ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓަކާ ގުޅިގެންނެވެ.

އުމަރު ވަގަށް ނެގި ކަމަށް ޝައްކު ކުރެވޭ މީހާ ފުލުހުން މިހާރު ވަނީ ހިފަހައްޓައިފައެވެ. އުމުރުން 61 އަހަރުގެ އެ މީހާ ހިފެހެއްޓީ ފިލަން އުޅެނިކޮށެވެ.

އަލްޖީރިއާގެ މުނިސިޕަލްޓީ މިނިސްޓްރީން މިހާރު އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ. އަދި، އުމަރަށް ބޭނުންވާ ސިއްހީ ފަރުވާއާއި ނަފުސާނީ ގޮތުން ދޭންޖެހޭ ފަރުވާ ދެމުން އަންނަ ކަމަށް ވެސް އެ މިނިސްޓްރީން ހާމަކުރެއެވެ.

އަލްޖީރިއާގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އުމަރަށް އޭނާގެ އާއިލާގެ މީހުންނާ ނުގުޅުނީ އޭނާއަށް ސިހުރު ހަދާފައި ހުރުމުންނެވެ.

comment ކޮމެންޓް