ފްރީ ޓްރޭޑް އެގްރީމަންޓް މިހާރު ވުޖޫދަކު ނެތް: ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު --- ފޮޓޯ/ މަޖިލިސް

ޗައިނާއާއި ރާއްޖެއާ ދެމެދު އެކުލަވާލާފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުން މިހާރު ވުޖޫދުގައި ވެސް ނެތް ކަމަށާއި އެ އެއްބަސްވުން ކުރިއަށް ނުގެންދަވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މިހާރު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު އެމަނިކުފާނު ވަނީ އިންޑިއާގެ މީޑިއާތަކަށް މައުލޫމާތު ދެއްވައިފައެވެ. އެގޮތުން އިންޑިއާގެ ނޫހަކަށް ދެއްވި އިންޓަވިއުއެއްގައި ނަޝީދު ވިދާޅުވީ އެއްބަސްވުން ތަންފީޒު ކުރެވޭނީ މަޖިލީހުން ކަމަށާއި ނަމަވެސް މިއަދުގެ ރައްޔިތުންގެ މަޖިލިސް މެމްބަރުން އެ އެގްރީމަންޓައިގެން ކުރިއަށް ވަޑައިނުގަންނަވާނެ ކަމަށެވެ.

"ފްރީ ޓްރޭޑް އެގްރީމަންޓް މިހާރު ވުޖޫދުގައި ވެސް ނެތް. އެޔެއް ކުރިއަކަށް ނުދޭ އަދި އެއްބަސްވުން ތަންފީޒު ކުރެވޭނީ ފުރަތަމަ މަޖިލީހަށް ހުށަހެޅިގެން. އަޅުގަނޑަކަށް ނުފެނޭ މިއަދު މަޖިލީހުގައި ތިއްބެވި މެމްބަރުން އެއްބަސްވުމައިގެން ކުރިއަށް ވަޑައިގަންނަވާ ތަނެއް،" ނަޝީދު ވިދާޅުވިއެވެ.

ދެ އަހަރު ދުވަހުގެ ދިގު މަޝްވަރާތަކަކާށް ފަހު ރާއްޖެއިން ޗައިނާއާ އެކު ފްރީ ޓްރޭޑް އެގްރިމެންޓެއްގައި ސޮއިކުރީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި 2017 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ.

އެއީ ރާއްޖެއަށް އޮތް ނުރައްކަލެއް ކަމަށާއި މި ސަރުކާރުން އެ އެއްބަސްވުން އުވާލަން ނިންމާފައިވާ ކަމަށް ނަޝީދު ވަނީ މީގެ ކުރިން ރޮއިޓާސްއަށް އަށް ދެއްވި އިންޓަވިއުއެއްގައި ވެސް ވިދާޅުވެފައެވެ.

އެއްބަސްވުން އުވާލަނީ ރާއްޖެއަކީ ޗައިނާ އާ އަޅާބަލާއިރު ކުޑަ އިގްތިސޯދަކަށްވެފައި ދުނިޔޭގެ އެންމެ ބޮޑެތި އިގްތިސޯދުތަކުގެ ތެރޭގައި ހިމެނޭ ގައުމަކާ އެކު މިނިވަން ވިޔަފާރިއެއް ކުރުމަކީ ރާއްޖެއަށް އެއްވެސް ފައިދާއެއް ވާނެކަމެއް ކަމަށް ގަބޫލު ނުކުރެވޭތީ ކަމަށް ނަޝީދު ވިދާޅުވިއެވެ.

ނަމަވެސް އޭރު ނަޝީދު ދެއްކެވި ވާހަކަތައް، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ ދޮގު ކުރައްވައިފައެވެ. ޝާހިދު ވިދާޅުވީ އެއްބަސްވުން އުވާލަން ނިންމާފައި ނުވާކަމަށާއި ފޮރިން މިނިސްޓްރީން އެ އެއްބަސްވުމާ ގުޅިގެން ކުރިއަށް ދާނީ ކަމާ ބެހޭ މާހިރުން އެ ދިރާސާކުރުމަށްފަހު ދެއްވާ ލަފާތަކެއްގެ މަތިން ކަމަށެވެ.

ނަޝީދު މިއަދު ވިދާޅުވީ ޗައިނާއިން މިހާރު ކުރިއަށް ގެންދާ އެހެން ޕްރޮޖްކެޓުތަކުގެ މަސައްކަތް ހުއްޓާނުލާ ކުރިއަށް ގެންދާނެ ކަމަށެވެ.

"މަސައްކަތެއްގެ މެދުތެރެއިން ހުއްޓުވައެއް ނުލެވޭނެ. އެއިން އެއްވެސް ބަޔަކަށް ކުރާނެ ފައިދާއެއް ނޯންނާނެ. އެންމެ ފަހުން ބިލްތައް ދައްކަން ޖެހޭނީ ހަމަ އަޅުގަނޑުމެންނަށް،" ނަޝީދު ވިދާޅުވިއެވެ.

comment ކޮމެންޓް