މާވާރުލު އެއާޕޯޓަށް ފެނާއި ކަރަންޓު ދޭން ފެނަކަ އަށް

މާވާރުލު އެއާޕޯޓު -- ފޮޓޯ: އެމްޓީސީސީ

ގދ. މާވާރުލުގައި ތަރައްގީކުރާ އެއާޕޯޓަށް ފެނާއި ނަރުދަމާ އަދި ކަރަންޓުގެ ހިދުމަތް ދިނުމަށް ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފި އެވެ.

ތިން މަސް ތެރޭ ނިންމާގޮތަށް ފެނަކަ އާއި މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި ފެނަކަ ކޯޕަރޭޝަނުގެ ފަރާތުން ސޮއިކުރެއްވީ ފެނަކަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދު އެވެ.

މާވާރުލުގައި އެއާޕޯޓު ތަރައްގީކުރުމުގެ މަސައްކަތް ފެށީ މިދިޔަ އަހަރުގެ ޖޫން މަހު އެވެ. އެ އެއާޕޯޓްގެ ރަންވޭ އާއި ޓެކްސީވޭ އަދި ފަސިންޖާ ޖެޓީގެ މަސައްކަތް ކުރީ އެމްޓީސީސީ އިންނެވެ. ޖުމްލަ 1.2 ކިލޯ މީޓަރުގެ ރަންވޭ އަކާއެކު ތަރައްގީ ކުރާ މި އެއާޕޯޓުގެ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ނިންމާ ދަތުރު ފެށޭނެ ކަމަށް ޓްރާންސްޕޯޓު މިނިސްޓަރު އާއިޝަތު ނަހުލާ މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ.

ގދ. މާވާރުލުގެ އިތުރުން އެ އަތޮޅު ފަރެސްމާތޮޑާގައި ވެސް އެއާޕޯޓެއް ތަރައްގީކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ސަރުކާރުގެ އަމާޒަކީ މީހުން ދިރިއުޅޭ ރަށަކުން ފުރައިގެން ސްޕީޑް ލޯންޗުގައި 30 މިނެޓުން ދެވޭ ސަރަހައްދުތަކުގައި އެއާޕޯޓުތައް ތަރައްގީ ކުރުމެވެ.

comment ކޮމެންޓް