އައްޑޫ ސިޓީގެ ހަންކެޑެ ފަތުރުވެރިކަމަށް ތަރައްގީ ކުރުމަށް "އައްޑޫ ހަންކެޑެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް"ގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް ރައީސް ޑރ. މުހައްމަދު މުއިއްޒު އުފައްދަވައިފިއެވެ.
ރައީސް އޮފީހުން މިއަދު ބުނީ، އައްޑޫ ހަންކެޑެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް އުފެއްދެވުމުގެ މައިގަނޑު މަގުޞަދަކީ، އިންޓެގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް މޮޑެލަކަށް "އައްޑުއަތޮޅު ހަންކެޑެ" ތަރައްގީ ކުރުން ކަމަށެވެ. އަދި އައްޑޫ އަތޮޅުގައި ފަތުރުވެރިކަމުގެ ސިނާޢަތް އިތުރަށް ފުޅާކުރުމާއެކު، ފަތުރުވެރިކަމުގެ ސިނާޢަތުން ލިބޭ މަންފާ މުޅި އައްޑޫ އަތޮޅަށް ހަމަހަމަކަމާއެކު ފޯރުކޮށްދިނުމަކީ ވެސް މަގުސަދެއް ކަމަށް އެ އޮފީހުން ބުންޏެވެ.
އެ ކުންފުނިން، ފަތުރުވެރިކަމުގެ ދާއިރާގައި އައްޑޫ އަތޮޅުގެ ބައިވެރިވުން އިތުރުކޮށް، ހަންކެޑެ މަޝްރޫޢުގެ ދަށުން ސަރުކާރުން ކަނޑައަޅާފައިވާ އިގުތިޞާދީ ލަނޑުދަނޑިތައް ހާސިލުކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ރޭވުންތެރިކަމާއެކު ކުރިއަށްގެންދާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރާއްޖޭގެ އެންމެ ދެކުނުގައި އޮންނަ އައްޑޫގައި ފަތުރުވެރިކަން އެކަށީގެންވާ މިންވަރަކަށް ކުރިނޭރުވޭ ކަމުގެ ކަންބޮޑުވުން ވަރަށް ބޮޑެވެ. އެ އަތޮޅުގައި އޮންނަ ހަންކެޑެ ފަތުރުވެރިކަމަށް ތަރައްގީކުރުމަށް އެކި ސަރުކާރުތަކުން ވައުދުވި ނަމަވެސް، އެ މަސައްކަތް މިހާތަނަށް އޮތީ ނުނިމިއެވެ.
ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލީހްގެ ސަރުކާރުގައި ހަންކެޑެ އިންޓަގްރޭޓެޑް ޓޫރިޒަމަށް ތަރައްގީ ކުރަން އިއުލާންކުރިއެވެ. އެއީ 2023 ވަނަ އަހަރުގެ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއާ ދިމާކޮށް އެ އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައެވެ. އެހެން ނަމަވެސް އެ ސަރުކާރު ނިމުނު އިރު ވެސް ހަންކެޑެ ތަރައްގީކުރުމަށް މަސައްކަތްތަކެއް ކުރެވިފައެއްް ނުވެއެވެ.
އެއަށްފަހު، މިދިޔަ އަހަރުގެ ޖޫން މަހު މި ސަރުކާރުން ވަނީ، ހަންކެޑެގައި ހަލާލް ޓޫރިޒަމް ތަރައްގީ ކުރުމަށް ރައީސް މުއިއްޒު ނިންމަވައިފައިވާކަން އިއުލާންކޮށްފައެވެ. ނަމަވެސް އޭގެ ތިން މަސް ފަހުން ސަރުކާރުން އަނެއްކާވެސް ނިންމުން ބަދަލުކުރިއެވެ. އަދި، ހަންކެޑެ ތަރައްގީ ކުރާނީ އިންޓަގްރޭޓެޑް ޓޫރިޒަމް މަޝްރޫއެއްގެ ގޮތުގައި ކަމަށް ޓޫރިޒަމް މިނިސްޓްރީން އިއުލާންކުރިއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، ސަރުކާރުގެ އާ ކުންފުންޏެއް ރައީސް އުފެއްދެވިއިރު، މިހާރު ހިންގާ ސަރުކާރު ކުންފުނިތަކުން ވެސް ދައުލަތަށް ބުރަ ބޮޑުވާ ކަމަށް ތަފާސްހިސާބުން ދައްކައެވެ. އަދި އެފަދަ ކުންފުނިތައް އެކި ސަރުކާރުތަކުގައި ސިޔާސީ ކަންކަމަށް ބޭނުންކުރާ ކަމުގެ ތުހުމަތުތައް ވެސް އަމާޒުވެއެވެ.