މޮރޮކޯއިން ހަދިޔާއަށް ދިން ކާޕެޓް ޝާހިދު ގެއަކަށް ނުގެންދަވާ: މިނިސްޓްރީ

ފޮރިން މިނިސްޓަރު އަބްދިﷲ ޝާހިދު ---

މޮރޮކޯއިން ހަދިޔާއަށް ދިން ކާޕެޓެއް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އަމިއްލަފުޅު ގެއަށް ގެންދެވިކަމަށް ދެކެވޭ ވާހަކަ ފޮރިން މިނިސްޓްރީއިން ދޮގުކޮށްފިއެވެ.

މޮރޮކޯއަށް މިނިސްޓަރު ޝާހިދު ކުރެއްވި ދަތުރުފުޅެއްގައި އެގައުމުން ދިން ކާޕެޓެއް މިނިސްޓަރު ޝާހިދު ގޭގައި ބޭނުންކުރައްވާކަމަށް ބުނެ އަމިއްލަ ފަރާތަކުން ވަނީ އެންޓި ކޮރަޕްޝަން ކޮމިޝަނަށް މައްސަލަ ހުށަހަޅާފައެވެ. އެ މައްސަލަ ހުށަހަޅާފައިވާކަން އެންޓި ކޮރަޕްޝަން ކޮމިޝަނުން ވަނީ "ސަން"އަށް ކަށަވަރު ކޮށްދީފައެވެ.

އެކަމާ ގުޅިގެން "ސަން" އިން ސުވާލުކުރުމުން ފޮރިން މިނިސްޓްރީގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު މުހައްމަދު މިއުވާން ވިދާޅުވީ މޮރޮކޯއިން ހަދިޔާއަށް ދެއްވިކަމަށް އެ ވިދާޅުވާ ކާޕެޓް ފޮރިން މިނިސްޓްރީގައި އެބައޮތް ކަމަށެވެ.

"އެ ކާޕެޓް އެ ގައުމުން ގެނައިގޮތަށް އޮފީހުގައި ބާއްވާފައި އެބައޮތް. އަދި ކަނޑާފައެއްވެސް ނުވޭ. މިނިސްޓަރާ ގުޅޭގޮތުން އޭސީސީއަށް ހުށަހަޅާފައިވަނީ ދޮގު މައުލޫމާތު،" މިއުވާން ވިދާޅުވިއެވެ.

ދައުލަތުގެ މާލިއްޔަތު ގަވައިދުގައި ބުނެފައިވާ ގޮތުން ހަދިޔާގެ ގޮތުގައި މިނިސްޓްރީތަކަށް ލިބޭ މުދަލަކީ ދައުލަތުގެ މުދަލެވެ. އަދި އެ މުދާ ބަލަހައްޓަން ޖެހޭނީ މާލިއްޔަތު ގަވައިދުގައި ބުނެފައިވާ ގޮތަށެވެ. އަމިއްލަ ބޭނުމަށް އެފަދަ މުދަލެއް ބޭނުމެއް ނުކުރެވޭނެއެވެ.

ކޮރަޕްޝަން ހުއްޓުވުމާއި މަނާ ކުރުމުގެ ގާނޫނުގެ 14 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވާ ގޮތުން ސަރުކާރުގެ އެއްވެސް އެއްޗެއް މީހެއްގެ އަމިއްލަ ފައިދާއަށްޓަކައި ނުވަތަ އާމްދަނީއެއް ހޯދުމަށްޓަކައި ގަވައިދާ ހިލާފަށް ބޭނުންކުރުމަކީ ކުށެކެވެ. އެފަދަ ކުށެއް ކުރިކަން ސާބިތުވެއްޖެނަމަ ތިން އަހަރަށް ޖަލަށް ލެވޭނެ ކަމަށްވެސް އެ ގާނޫނުގައި ވަނީ ބުނެފަ އެވެ.

އެ ކާޕެޓާއި ބެހޭ ގޮތުން އަމިއްލަ ފަރާތުން އޭސީސީއަށް ހުށަހެޅި މައުލޫމާތަކީ ދޮގު މައުލޫމެއް ކަމަށް ފޮރިން މިނިސްޓްރީއިން ބުނެފައިވާއިރު އޭސީސީއަށް ދޮގު މައުލޫމާތު ދިނުމަކީވެސް ކުށެއްކަމަށް ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ 20 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވެއެވެ.

  • 20 (ހ) - މި ގާނޫނުގައި ބުނެފައިވާ ކުށެއް ކޮށްފިކަމަށް ނުވަތަ މި ގާނޫނުގައި މަނާކޮށްފައިވާ ކަމެއް ކޮށްފިކަމަށް ބުނެ ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ނުވަތަ މިއިން ކަމެއްގެ ތަހުގީގަށް އެއީ ދޮގު މައުލޫމާތެއްކަން އެނގިހުރެ، ހަގީގަތާއި ހިލާފު މައުލޫމާތު ދިނުމާއި، ހަގީގަތް އޮޅޭފަދަ މައުލޫމާތު ދިނުމަކީ ކުށެކެވެ.

ދޮގު މައުލޫމާތު ދިންކަން ސާބިތުވެއްޖެނަމަ އެއް އަހަރަށްވުރެ ދިގު ނޫން މުއްދަތަކަށް ކޮރަޕްޝަން ހުއްޓުވުުގެ ގާނޫނުގެ ދަށުން ޖަލަށް ލެވޭނެއެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަނުން މިހާރު ދަނީ އެމައްސަލަ ބަލަމުންނެވެ.

comment ކޮމެންޓް