ޝަޒައިލް ސަސްޕެންޝަންގައި، އިބޫއަށް ފިޔަވަޅު އަޅަން "ނުކެރެނު"

ޖީއެމްއައިޒެޑްއެލްގެ އެމްޑީ އިބޫ އަދި މޯލްޑިވް ގޭސްގެ އެމްޑީ،ސަޒައިލް: ދެބޭފުޅުންނަށް ކޮރަަޕްޝަންގެ ތުހުމަތުތައް ކުރެވޭ އިރު، އިބޫ އަށް ފިޔަވަޅެއް ނާޅާ --- ސަން ފޮޓޯ

ކޮރަޕްޝަންގެ ތުހުމަތުގައި، މޯލްޑިވް ގޭހުގެ މެނޭޖިން ޑިރެކްޓަރު ޝަޒައިލް ޝިޔާމް ސަސެޕްންޑްކޮށްފައި ހުރި އިރު، ހަމަ އެފަދަ ތުހުމަތުތަކެއް ކުރެވޭ ގްރޭޓާ މާލެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ރަޝީދު (މާމިގިލީ އިބޫ) އަށް އަދި ފިޔަވަޅެއް އަޅަން ވިސްނާފައި ނެތްކަން ހާމަވެއްޖެ އެވެ.

ސަރުކާރުގެ "ޒީރޯ ޓޮލިރެންސް ޓްދަ ކޮރަޕްޝަން" ސިޔާސަތުގެ ދަށުން ރައީސް އޮފީހުން ގާއިމްކޮށްފައިވާ ކޮރަޕްޝަންގެ މައްސަލަތައް ހުށަހަޅާ އޮންލައިން ޕޯޓަލްއަށް ހުށަހަޅާފައި ހުރި މައްސަލަތަކަކާ ގުޅިގެން ޝަޒައިލް ސްސްޕެންޑްކޮށްފައި ހުންނަތާ މިހާރު ދެމަހެއްހާ ދުވަސްވެއްޖެއެވެ.

ސަރުކާރު ކޯލިޝަންގައި ހިމެނޭ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމަށް ނިސްބަތްވާ އެމްއާރުއެމްގެ މެމްބަރު ޝަޒައިލް ވަނީ މީގެ ކުރިން އެ ތުހުމަތުތައް ދޮގު ކުރައްވާފަ އެވެ.

ޝަޒައިލް ސަސްޕެންޝަންގައި ހުރި އިރު، ޖީއެމްއައިޒެޑްއެލްގެ މެނޭޖިން ޑިރެކްޓަރު، ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީއަށް ނިސްބަތްވާ އިބޫއަށް ވެސް ކުރަނީ، މަގާމުގެ ނުފޫޒު ނާޖާއިޒު ގޮތުގައި ބޭނުން ކުރެއްވުމުގެ ތުހުމަތެވެ. މިއަދާ ހަމަށް އިބޫއާ މެދު އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެ އެވެ.

ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް ހޫދު މިއަދު "ސަން" އަށް ވިދާޅުވީ، އާންމު އުސޫލުން އެފަދަ ކަންކަމުގައި ފިޔަވަޅު އަޅަނީ ޕޯޓަލްއަށް ޝަކުވާ ހުށަހެޅުމުން، ރައީސް އޮފީހުގައި ގާއިމްކޮށްފައިވާ އެކްޝަން ކޮމިޓީން އެ މައްސަލައެއް ބެލުމަށްފަހު، ކަމަށެވެ. އަދި އެފަދަ މައްސަލަތައް އެކްޝަން ކޮމިޓީއިން ބަލައި، އޭސީސީއަށް ފޮނުވާނެ ކަމަށް ވެސް ހޫދު ވިދާޅުވި އެވެ. އަދި އެ މައްސަލަ އޭސީސީއިން ބަލައި ނިމެންދެން ވަގުތީ ފިޔަވަޅެއް އަޅާ ކަމަށް ހޫދު ވިދާޅުވި އެވެ.

ޖީއެމްއައިޒެޑްއެލްގެ އެމްޑީ އިބޫއާ ގުޅޭގޮތުން އެއްވެސް ޝަކުވާއެއް ހުށަހެޅިފައިވޭތޯ ސުވާލު ކުރުމުން ހޫދު ވިދާޅުވީ، އަދި މިހާތަނަށް އެނގިފައި ނުވާ ކަމަށާއި އިތުރަށް އެކަން ސާފު ކުރުމަށްފަހު މައުލޫމަތު ދެއްވާނެ ކަމަށެވެ. އަދި ޝަޒައިލްއަށް ފިޔަވަޅު އަޅާފައި އިބޫއަށް ފިޔަވަޅު ނޭޅީ ކީއްވެތޯ އެހުމުން ވެސް، ހޫދު ވިދާޅުވީ އެކަން އިތުރަށް ސާފުކޮށްފައި ޖަވާބު ދޭނެ ކަމަށެވެ.

ޖީއެމްއައިޒެޑްއެލްގެ އިހްތިސާސްތެރޭގައި ހިމެނޭ ތިލަފުށި ފަޅުތެރޭގައި ވެރިއަކު ނެތި އޮތް "އެމްވީ ހޯމް ސަފަޔާ" ބޯޓް އެތަނުން ނެގުމަށް ޕާކަވަން ކުންފުންޏާ ހަވާލުކުރީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިންނާއި އޮޑިޓް އޮފީހުންވެސް އަންނަނީ ތަހުގީގު ކުރަމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ސަރުކާރު ހިއްސާވާ ކުންފުނިތަކާ ބެހޭ ކޮމިޓީ، އެސްއޯއީ ކޮމިޓީއިން މިދިޔަ ހޮނިހިރު ދުވަހު ނިންމާފައިވަނީ، ބޯޓު ބަޔަކަށް ދިނުމުގައި މެނޭޖްމަންޓުން އަމަލުކޮށްފައިވަނީ ގާނޫނާއި ގަވާއިދާ ހިލާފަށް ކަމަށާއި، އެކަމުގައި އިހުމާލުވި އެންމެންނަށް ފިޔަވަޅު އެޅުމަށް ކަމާ ބެހޭ ފަރާތްތަކަށް ލަފާ އެރުވުމަށެވެ.

މަޖިލީހުން އެ މައްސަލައިގައި ގޮތެއް ނިންމައި އަދި އެސީސީން ޖީއެމްއައިޒެޑްއެލްގެ އެ މުއާމަލާތުގެ މައްސަލަ ބަލަމުން އަންނައިރު، އެކަމާ ގުޅޭގޮތުން ފިޔަވަޅު އެޅުން ލަސްވަނީ ކީއްވެގެތޯ ސުވާލު ކުރުމުން ހޫދު ވިދާޅުވީ، އިތުރަށް އެކަން ބެލުމަށްފަހު، މައުލޫމަތު އަރުވާނެ ކަމަށެވެ.

ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ޝިފާޒުގެ އެމްޑީޕީ ލީޑާޝިޕް އިންތިހާބުގައިވެސް އިސްކޮށް އުޅުއްވި އިބޫ ވަނީ އޭނާއަށް ކުރާ ތުހުމަތުތައް މީގެ ކުރިން ދޮގު ކުރައްވާފަ އެވެ.

ބޯޓު ތިލަފުށީ ފަޅުން ނެގުމަށް ޕާކްވަން ކުންފުންޏާއެކު އެއްވަސްވުން ހެދީ، ޕާކްވަންއަށް އޭގެ މިލުކުވެރިކަންވެސް ލިބޭ ގޮތަށެވެ. އަދި އެކުންފުންޏަކީ، ބިޑް ކުރި ދުވަހު އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓްރީ ކުރި ކުންފުންޏެކެވެ.

ބޯޓުގެ މައްސަލައިގައި ޖީއެމްއައިޒެޑްއެލް އިން މަކަރާ ހީލަތް ހެދި ކަމަށް ބުނެ، ކުންފުނިން ވަނީ ބަދަލުގެ ގޮތުގައި 708،511 ޑޮލަރު (10.9 މިލިއަން ރުފިޔާ) ހޯދުމަށް ކޯޓުގައި ދައުވާ ކޮށްފަ އެވެ. ނަމަވެސް އިބޫ ވިދާޅުވި ގޮތުގައި ޖީއެމްއައިޒެޑްއެލް އިން މި މައްސަލައިގައި ދޭން ޖެހޭނެ އެއްވެސް ބަދަލެއް ނޯންނާނެ އެވެ.

http://www.sun.mv/127619

comment ކޮމެންޓް