އަޒްމިރަލްދާ، ޝާމިލާ ދެކޮޅަށް ހުށަހެޅުއްވި މައްސަލަ އޭސީސީން ރެޖިސްޓްރީކޮށްފި

ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު: އަޒްމިރަލްދާ، ޝާމިލާ ދެކޮޅަށް ހުށަހެޅުއްވި މައްސަލަ އޭސީސީން ވަނީ ރެޖިސްޓްރީކޮށްފައި -- ފޮޓޯ: ސުޕްރީމް ކޯޓު

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ރައީސް އާދަމް ޝާމިލާ ދެކޮޅަށް ހުށަހެޅުއްވި މައްސަލަ އެ ކޮމިޝަނުން ބަލަން ރެޖިސްޓްރީކޮށްފިއެވެ.

އޭސީސީން ބަލަމުންދާ ޖިނާއީ މައްސަލައެއްގެ މައުލޫމާތު ލިބުމާ ގުޅިގެން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ވަނީ މިދިޔަ މަހުގެ 26ގައި އަޒްމިރަލްދާ ސަސްޕެންޑުކޮށްފައެވެ.

އެ މައްސަލައާ ގުޅޭ ގޮތުން މިދިޔަ ހޯމަ ދުވަހު އޭނާ އޭސީސީއަށް ފޮނުއްވި ސިޓީއެއްގައި ވަނީ އޭނާގެ މައްސަލައެއް ބަލާ ކަމަށް ބުނެ ޖޭއެސްސީއަށް އޭސީސީން ސިޓީއެއް ފޮނުވީ އެ މައްސަލަ ބަލަން ނުފަށަނީސް ކަމަށް ވިދާޅުވެފައެވެ. އަދި އެގޮތަށް ކޮމިޝަނުން އަމަލުކުރީ، ޝާމިލް ވަޒީފާ ދިފާއު ކުރެއްވުމަށް އަމިއްލަ މަސްލަހަތުގައި ކަމަށް އަޒްމިރަލްދާ ތުހުމަތު ކުރައްވާފައިވެއެވެ.

https://sun.mv/203533

އެހެންވެ އެ މައްސަލަ ބަލައިދިނުމަށް އޭސީސީގައި އޭނާ ވަނީ އެދިވަޑައިގެންފައެވެ.

އަޒްމިރަލްދާގެ ގާނޫނީ ވަކީލު އިބްރާހިމް ޝަމީލް "ސަން"އަށް ވިދާޅުވީ އޭސީސީއެން އެ މައްސަލަ ރެޖިސްޓްރީކޮށްފައިވާކަން މިއަދު އަންގައިފައިވާ ކަމަށެވެ.

އަޒްމިރަލްދާ ވަނީ އޭނާއާ ގުޅޭ ގޮތުން އޭސީސީން ބަލަމުންދާ ކަމަށް ބުނާ މައްސަލައިގެ ތަފުސީލު ހާމަނުކުރާތީ އެކަމާ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ. އަދި އޭސީސީން ޖޭއެސްސީއަށް ފޮނުވި ސިޓީގައި ޝާމިލް ވަނީ ހިމަނުއްވާފައިވަނީ ދޮގު މައުލޫމާތު ކަމަށާއި އޭނާ މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން އެ ސިޓީ ފޮނުވީ ފަނޑިޔާރުންގެ މަސައްކަތާ ބެހި، ނުފޫޒު ފޯރުވަން ކަމަށް އަޒްމިރަލްދާ ތުހުމަތު ކުރައްވާފައިވެއެވެ.

މީގެ އިތުރުން، ބަންޑާރަނައިބު އަހުމަދު އުޝާމް ބޭނުންވަނީ ސުޕްރީމް ކޯޓުގައި އޮތް މައްސަލަ ކުރިއަށް ނުގެންދިޔުމަށް ކަމަށްވާތީ އާއި އޭސީސީގެ ރައީސަކީ ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ މީހެއް ކަމަށް ބަޔާންކޮށް މިފަހުން ގާނޫނަށް އިސްލާހު ގެނެސްފައިވާތީ، އަމިއްލަ މަގާމު ދިފާއު ކުރުމުގެ މަސްލަހަތު ވެސް ޝާމިލް އިސްކުރި ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.

ޖޭއެސްސީން ވެސް އަޒްމިރަލްދާގެ މައްސަލަތަކެއް ބަަލަމުން އަންނައިރު އެ މައްސަލަ ގުޅިފައި ވަނީ، ސްޕާއެއްގައި ޚިދުމަތް ހޯދަން ހުއްޓާ މިދިޔަ ޑިސެމްބަރު މަހު ހައްޔަރުކުރި އޭނާގެ ފިރިކަލުން ޑރ. އިސްމާއީލް ލަތީފާއެވެ. އެގޮތުން އޭނާ ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓަށް ނުފޫޒު ފޯރުވި ކަމަށް ތުހުމަތުކޮށްފައިވެއެވެ.

އަޒްމިރަލްދާ ވަނީ އެ ތުހުމަތުތަކަށް އިންކާރު ކުރައްވައިފައެވެ. އެ މައްސަލައިގައި އޭނާ ޖަވާބުދާރީ ވުމަށް އެއް ފަހަރު ޖޭއެސްސީއަށް ހާޒިރުކޮށްފައިވެއެވެ.

އަޒްމިރަލްދާއާ އެކު ސަސްޕެންޑުކުރި ފަނޑިޔާރު މަހާޒު އަލީ ޒާހިރަށް ވެސް ކުރަނީ ކްރިމިނަލް ކޯޓުގެ ބަންދު މަޖިލީހަށް ނުފޫޒު ފޯރުވި ކަމުގެ ތުހުމަތެވެ. އޭނާ ވެސް ވަނީ އެ ތުހުމަތަށް އިންކާރު ކުރައްވައިފައެވެ.

އެ ދެ ބޭފުޅުންގެ އިތުރުން، ސުޕްރީމް ކޯޓު ބެންޗުގައި ހިމެނިވަޑައިގެންނެވި ހުސްނުއްސުއޫދު ވެސް ފެބްރުވަރީ 26ގައި ސަސްޕެންޑުކުރިއެވެ. އޭނާވަނީ ސަރުކާރުން އެ ކޯޓަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރާ ކަމަށް ތުހުމަތު ކުރައްވައި މިމަހުގެ ހަތަރު ވަނަ ދުވަހު މަގާމުން އިސްތިއުފާ ދެއްވައިފައެވެ.

އެ ތިން ފަނޑިޔާރުން ސަސްޕެންޑުކުރި ދުވަހު، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް މަދުކުރަން ރައްޔިތުންގެ މަޖިލީހުން ބިލެއް ވެސް ފާސްކުރިއެވެ. ނަމަވެސް ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ އެ ބިލް ތަސްދީގު ނުކުރައްވައި އަނބުރާ ފޮނުވާލައްވައިފައެވެ.

އެ ބިލަށް އިދިކޮޅާއި ޕީއެންސީގެ ބައެއް މެންބަރުންނާއި ގާނޫނީ ދާއިރާގެ ފާޑުކިޔުން އަމާޒުވެފައިވާއިރު، ބިލަށް ބަދަލުތައް ގެންނަން އަލުން ކޮމިޓީއަށް ފޮނުވަން މިއަދު ވަނީ ފާސްކޮށްފައެވެ.

އަަޒްމިރަލްދާއާއި ސުއޫދު ވެސް ތުހުމަތު ކުރައްވާ ގޮތުގައި ސަރުކާރުން މި ފިޔަވަޅުތައް އަޅަނީ، ސުޕްރީމް ކޯޓުގައި އޮތް ދުސްތޫރީ މައްސަލަ ބެލުން ހުއްޓުވުމަށެވެ. އެއީ މެންބަރުން ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ގެނެސްފައިވާ އިސްލާހު ބާތިލުކުރުމަށް ހުށަހަޅައިފައިވާ މައްސަލައެކެވެ.

https://sun.mv/203791

ސުއޫދު މިހާރުވަނީ، ތިން ފަނޑިޔާރުން ސަސްޕެންޑުކުރި މައްސަލަ އދ.އާއި ކޮމަންވެލްތު އަދި ބޭރުގެ މާލީ އިދާރާތަކަށް ހުށަހަޅުއްވައިފައެވެ.

comment ކޮމެންޓް