ބޯޓުގެ މައްސަލާގައި 10 މިލިއަން ރުފިޔާގެ ބަދަލެއް ހޯދަން ދައުވާކޮށްފި

ވެރިއަކު ނެތި ތިލަފުށިން ނެގުމަށް އަމުރުކުރި އެމްވީ ސީހޯމް ސަފަޔާ ބޯޓު

ތިލަފުށީ ފަޅުގައި ވެރިޔަކު ނެތި އޮތް ދަގަނޑު ބޯޓު ނަގަން ހަވާލުކުރި ޕާކްވަން އިންވެސްޓްމަންޓް އިން ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް (ޖީއެމްއައިޒެޑްއެލް) އާ ދެކޮޅަށް 700،000 ޑޮލަރު (10.9 މިލިއަން ރުފިޔާ)ގެ ބަދަލެއް ހޯދުމަށް ދައުވާކޮށްފި އެވެ.

ދެހާސް ބާރަ ވަނަ އަހަރުން ފެށިގެން، ތިލަފުށީ ފަޅުގައި އަޅާފައި އޮތް އެ ބޯޓް އެތަނުން ނެގުމަށް ކޯޓުން ކުރި ހުކުމާ އެކު، ޕާކްވަން އާއި ޖީއެމްއައިޒެޑް އިން އެއްބަސްވުމެއް ހެދީ މި އަހަރު އެޕްރީލް މަހު، 16 ވަނަ ދުވަހު އެވެ. ތިރީސް ދުވަހުގެ ތެރޭގައި އެ މަސައްކަތް ނިންމުމަށް ހަވާލުކުރީ، އެ ބޯޓުގެ މިލްކުވެރިކަން ވެސް ޕާކްވަންއަށް ދޭ ގޮތަށެވެ.

ނަމަވެސް ކޯޓު އަމުރަކާ އެކު އެ މަސައްކަތް ފުލުހުން ވަނީ ފަހުން ހުއްޓުވައިފަ އެވެ. އަދި ފަހުން ކޯޓުން ވަނީ އެ އަމުރު ބާތިލު ވެސް ކޮށްފަ އެވެ. އޭރު ފުލުހުން ވަނީ ކުރިން މަސައްކަތް ހުއްޓުވުމަށް ނެރުނު އަމުރު ތަންފީޒުކޮށްފަ އެވެ.

https://sun.mv/127158

ޕާކްވަން ކުންފުނީގެ ވަކީލު އަބްދުﷲ ނަސީރު މުހައްމަދު މިއަދު "ސަން" އަށް ވިދާޅުވީ، ޖީއެމްއައިޒެޑްއެލްއާ ދެކޮޅަށް ދައުވާކޮށްފައި ވަނީ ވަނީ، އެ މަސައްކަތް ހުއްޓުވުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލެއްގެ ގޮތުގައި 708،511 ޑޮލަރު ހޯދުމަށް ކަމަށެވެ. އޭނާ ވިދާޅުވީ، މަސައްކަތް ހުއްޓާލި އިރު ބޯޓު އޮތީ ބައެއްގެ ސަރަހައްދަކަށް އެހެލާފައި ކަމަށެވެ. އަދި އެގޮތަށް އެތަނުގައި ބޯޓު އެހެލާފައި އޮތުމުން އެ ސައިޓްގެ ބެލެނެވެރި ކުންފުންޏަށް ޖޫރިމަނާ އަރަމުންދާ ކަމަށާއި އެހެން ކަމުން އެ ފައިސާގެ ޒިންމާ ވާން ޖެހޭ ފަރާތަކީ ވެސް ޖީއެމްއައިޒެޑްއެލް ކަމަށް އެ ޖީމްއައިޒެޑްއެލްއަށް އަންގާފައި ވާނެ ކަމަށެވެ.

"ޖޫރިމަނާ ފައިސާ ނުލިބޭ ނަމަ، އެ ފައިސާ ހޯދުމަށް ވެސް ދައުވާ ކުރާނަން،" އޭނާ ވިދާޅުވި އެވެ.

ޖީއެމައިޒެޑްއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާޙިމް ރަޝީދު (މާމިގިލީ އިބޫ) މީގެ ކުރިން "ސަން" އަށް ވިދާޅުވީ، އެ މައްސަލާގައި ޖީމްއައިޒެޑްއެލް އިން ޒިންމާވާކަށް ނުޖެހޭނެ ކަމަށާއި އެކަމުގައި އެކުންފުނިން ޕާކްވަންއަށް ދަކަން ޖެހޭ އެއްވެސް ބަދަލެއް ވެސް ނޯންނާނެ ކަމަށެވެ.

އެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ސަރުކާރު ކުންފުނިތަކާ ބެހޭ ކޮމިޓީން ވެސް އަންނަނީ ބަލަމުންނެވެ. އަދި އެކަމާ ގުޅިގެން އެކުންފުނީގެ ބޯޑު މެމްބަރުން ވެސް ވަނީ މަޖިލީހަށް ހާޒިރުކޮށްފަ އެވެ.

https://sun.mv/127619

ބޯޓުގެ މައްސަލާގައި ދައުވާގެ ފުރަތަމަ ޝަރީއަތް މިދިޔަ ހަފްތާ ބުދަ ދުވަހު ސިވިލް ކޯޓުގައި ތާވަލު ކުރިއެވެ. ނަމަވެސް އެ ޝަރީއަތަށް ޖީއެމްއައިޒެޑް ހާޒިރު ނުވުމުން ޝަރީއަތް ކެންސެލްވި އެވެ. އެ މައްސަލަގައި ދެން އަޑުއެހުމެއް ތާވަލުކޮށްފައި ވަނީ މިއަދު 1:35 އަށެވެ.

comment ކޮމެންޓް