ރާއްޖޭގެ އަންހެން ބާސްކެޓް ޓީމާ ހަވާލުވި އިރު ޓީމުގައި ތިބީ އެންމެ އަށް ކުޅުންތެރިން ކަމަށާއި މިހާ ކުޑަ މުއްދަތެއްގެ ތެރޭގައި ސަރަހައްދީ އެންމެ ބޮޑު މުބާރާތުގެ ސެމީއަށް ދަތުރު ކުރެވޭނެ ކަމަށް ހީ ނުކުރާ ކަމަށް ގައުމީ ބާސްކެޓް ޓީމުގެ ކޯޗު ސުޕުން ވިމާލް ބުނެފި އެވެ.
ނޭޕާލްގައި މިހާރު ކުރިޔަށްދާ 13 ވަނަ ސައުތު އޭޝިއަން ގޭމްސްގެ އަންހެނުންގެ ބާސްކެޓް އިވެންޓްގެ ސެމީ ފައިނަލަށް ރާއްޖެ ދަތުރުކުރީ ގްރޫޕް "އޭ" ގެ ދެ ވަނަ ޓީމުގެ ގޮތުގައެވެ. މި ގްރޫޕުން އެއް ވަނަ ޓީމުގެ ގޮތުގައި ސެމީއަށް ދިޔައީ އިންޑިއާއެވެ. ގްރޫޕް ސްޓޭޖުގައި ކުޅުނު ފަހު މެޗުގައި ރާއްޖެއިން ސްރީ ލަންކާ ބަލިކުރީ 69 ޕޮއިންޓް 64 ޕޮއިންޓުންނެވެ. މިއީ ރާއްޖޭގެ އަންހެން ބާސްކެޓް ޓީމެއް ސެމީ ފައިނަލަށް ދަތުރު ކުރި ފުރަތަމަ ފަހަރެވެ.
ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ އެ މެޗުގެ ފުރަތަމަ ކުއާޓަރއެކޭ އެއްގޮތަށް ދެވަނަ ކުއާޓަރ ވެސް ފަސޭހަ ކަމާއެކު ދިވެހި ޓީމުން ކާމިޔާބުކުރިއެވެ. އެއީ 38 ޕޮއިންޓް 25 ޕޮއިންޓުންނެވެ.
ނަމަވެސް ތިންވަނަ ކުއާރޓާގައި ލަންކާ ޓީމުން ކުޅުން ރަނގަޅުކޮށް ފަރަގު ކުޑަ ކުރި އެވެ. އެގޮތުން މެޗުގައި ފުރަތަމަ ފަހަރަށް ލަންކާއިން ނަތީޖާ ހަމަހަމަކުރީވެސް ތިންވަނަ ކުއާޓަރގައެވެ. އެއީ 42 ވަނަ ޕޮއިންޓުންނެވެ. އަދި އޭގެ ފަހުން ލަންކާއިން ވަނީ ދިވެހި ޓިމުގެ މައްޗަށް ލީޑުވެސް ނަގާފައެވެ. ނަމަވެސް މާ ގިނައިރުތަކެއް ނުވަނީސް ރާއްޖެއިން ވަނީ ހަ ޕޮއިންޓްގެ ލީޑެއް ސްރީ ލަންކާގެ މައްޗަށް ނަގާފައެވެ.
މެޗުގެ ފަހު ކުއާޓަރގައި ވެސް ސްރީ ލަންކާއިން ރާއްޖެއާ ޕޮއިންޓުގެ ގޮތުން ހަމަހަމަކުރުމާއި ގާތަށް ޖެހިލިއެވެ. ނަމަވެސް ހިތްވަރާއެކު އެންމެ ފަހު ވަގުތާއި ހަމައަށް ކުޅެ 69 ޕޮއިންޓް 64 ޕޮއިންޓުން މެޗު ކާމިޔާބުކޮށް މުބާރާތުގެ ސެމީއަށް ފުރަތަމަ ފަހަރަށް ރާއްޖެ ވަނީ ދަތުރުކޮށްފައެވެ.
މެޗަށްފަހު ނޫސްވެރިންނާއި ވާހަކަ ދައްކަމުން ޓީމުގެ ކޯޗު ސުޕުން ވިމާލް ބުނީ، މިމުބާރާތަށް ތައްޔާރުވާން ފެށިއިރު ޓީމެއް ހަމަވާ ވަރަށް ވެސް ކުޅުންތެރިން ނެތް ކަމަށެވެ. އެގޮތުން މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ޕްރެކްޓިސްތައް ފެށިއިރު ތިބީ އަށް ކުޅުންތެރިން ކަމަށާއި އެކަން ބަދަލު ކުރެވުނީ އެސޯސިއޭޝަނުން ދިން ފުރިހަމަ އެއްބާރުލުމުގެ ސަބަބުންނެވެ.
"ހަގީގަތުގައި މިހާ ކުޑަ މުއްދަތެއްގެ ތެރޭގައި މިފަދަ ބޮޑު ކާމިޔާބީއަކަށް އާދެވޭނެ ކަމަކަށް ހިއެއް ނުކުރަން. އެކަމަކު ކުޅުންތެރިން ޕްރެކްޓިހުގައި ހޯދި ކުރިއެރުންތަކާ ޓާގެޓަކަށް ހެދީ ބްރޯންޒް މެޑަލް. އުންމީދަކީ ނޭޕާޅް ބަލިކޮށް ފައިނަލަށް ދިއުން." ސުޕުން ބުންޏެވެ.
މުބާރާތުގެ ސެމީ ފައިނަލް މެޗުގައި ރާއްޖެ މިއަދު ހަވީރު ނުކުންނާނީ މުބާރާތް ބާއްވާ ޤައުމު ނޭޕާލާ ދެކޮޅަށެވެ. މި މެޗު ފަށާނީ ރާއްޖެ ގަޑިން ހަވީރު 4:45 ގައެވެ.