މަސް ބާނާވަރު ކޮންޓްރޯލް ކުރަން މަސްވެރިން މަޝްވަރާއަށް

މިއަދު ފެށި މަސްވެރިންގެ ފޯރަމްގެ ތެރެއިން--- ފޮޓޯ: ފިޝަރީޒް މިނިސްޓްރީ

އެހެން އަހަރުތަކެކޭ އެއްފަދައިން މިއަހަރުވެސް ފާހަގަކުރާ މަސްވެރިންގެ ދުވަހާ ގުޅިގެން ފިޝަރީޒް މިނިސްޓްރީން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ މަސްވެރިންގެ ފޯރަމް ފަށައިފި އެވެ.

މަސްވެރިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ޑިސެމްބަރުމަހުގެ 10 ވަނަ ދުވަހެވެ.

މިއަދު ހެނދުނު ހުޅުމާލޭ ބްރައިޓްވޭ އިންޓަރނޭޝަނަލް ސްކޫލްގައި ފެށި އެ ފޯރަމް ހުޅުވައިދެއްވީ ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު އެވެ.

މާދަމާގެ ނިޔަލަށް ކުރިއަށް ގެންދާ އެ ފޯރަމްގައި މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް މިސިނާއަތާއި ގުޅުންހުރި އެކިއެކި މައުލޫމާތު ފޯރުކޮށްދީ، މަސްވެރިކަމާއި ގުޅުންހުރި ސިޔާސަތުތައް ބައްޓަންކުރާނެ ގޮތާ ބެހޭ ގޮތުން މައުލޫމާތު ބަދަލުކުރުމާއި، މިސިނާއަތު ތަރައްގީކޮށް ކުރިއެރުވުމާ ގުޅޭ ގޮތުން މަޝްވަރާކުރެވިގެންދާނެ ކަމަށް މިނިސްްޓްރީން ބުންޏެވެ.

މިއަދު ފެށި މަސްވެރިންގެ ފޯރަމް މިނިސްޓަރު ޒަހާ ވާހަކަދަައްކަވަނީ--- ފޮޓޯ: ފިޝަރީޒް މިނިސްޓްރީ

އެ ފޯރަމްގައި ރާއްޖޭގެ 15 އަތޮޅުން، މަސްވެރިންނާއި އޮޑިވެރިން އަދި މަސްވެރިކަމުގެ ސިނާއަތުގެ ތަފާތު މަސައްކަތްތަކުގައި ހަރާކާތްތެރިވާ ކުންފުނިތަކާއި މަސްވެރިކަމުގެ ޖަމްއިޔާތަކުން ބައިވެރިވެ އެވެ.

މިއަދުގެ ރަސްމިިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޒަހާ ވިދާޅުވީ އެ ފޯރަމްގައި އިންޑިއާ ކަނޑުގައި، ކަނޑުމަހުގެ މަސްވެރިކަން ދެމެހެއްޓެނިވި މިންވަރެއްގައި ހިފެއްޓުމުގެ ގޮތުން މަސްބާނާނެ މިންވަރު ކަނޑައެޅުމާގުޅޭ ގޮތުން މަޝްވަރާ ކުރާނެ އެވެ. އަދި މަސްވެރިކަމުގެ ތަފާސް ހިސާބު ނެގުމާއި މަސްވެރިކަމުގެ ގާނޫނާއި ގަވާއިދުތަކާ ގުޅޭގޮތުން އަދި އެނޫންވެސް ގުޅުންހުރި އެހެން ބަައެއް ކަންކަމާއި ގުޅޭ ގޮތުން މަޝްވަރާކުރެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"މިއަދު މިފެށިގެންދާ ފޯރަމްގައި އެންމެ މުހިއްމު އެއް މައުލޫއަކީ އިންޑިއާ ކަނޑުގައި ކަނޑުމަހުގެ މަސްވެރިކަމުގައި މަސް ބާނާނެ މިންވަރު ކަނޑައެޅުމާއި ގުޅޭގޮތުން ނުވަތަ ކެޗް އެލޮކޭޝަންއާއި ގުޅޭ މައުލޫ. މިއީ އިންޑިއާ ކަނޑުގެ ރީނދޫ އުރަހަ ކަންނެލީގެ ސްޓޮކް ރަތް ދަރަޖައިގައި ގިންތިކުރެވިފައިވާ ދުވަސް ވަރެއްގައި، ވަކިން އާއްސަ މައުލޫއަކަށް މިވަނީ ވެފައި. ދިވެހިރާއްޖެއަށް މިމަޢުލޫގެ ހައްސާސްކަން ވަކިން ބޮޑު." ޒަހާ ވިދާޅުވިއެވެ.

comment ކޮމެންޓް