ކަންކަމުގައި އަޑުއުފުލަން ކެރޭ އަންހެނުން ކައުންސިލްތަކަށް ހޮވުމަކީ އުއްމީދު: ދުންޔާ

ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން، ރާއްޖޭގެ ފަރާތުން އދގެ އާންމު މަޖިލީހުގައި ތަގުރީރު ކުރައްވަނީ -- ފޮޓޯ/ އޭޕީ

ރަށު ކައުންސިލްތަކުގެ 33 ޕަސެންޓު އަންހެނުންނަށް ހާއްސަ ކުރުމާއެކު ކަންކަމުގައި އަޑުއުފުލާނެ ގާބިލް އަންހެނުންތަކެއް ރަށު ކައުންސިލްތަކަށް ހޮވިގެން ދިޔުމަކީ އުއްމީދު ކަމަށް ދުންޔާ މައުމޫނު ވިދާޅުވެއްޖެ އެވެ.

ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނެސް، ރަށު ކައުންސިލްތަކުގެ ތިންބައިކުޅަ އެއްބައި އަންހެނުންނަށް ހާއްސަ ކުރުމަށް ނިންމި ނިންމުމާ ގުޅޭގޮތުން "ސަން" އާ ވާހަކަ ދައްކަވަމުން ކުރީގެ ފޮރިން މިނިސްޓަރު އަދި އަންހެނުންގެ ހައްގުތަކަށް ވަކާލާތު ކުރައްވާ ދުންޔާ ވިދާޅުވީ އަންހެނުން ބާރުވެރިކޮށް، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ގިނަ ގައުމުތަކުގައި އިންތިހާބީ މަގާމުތަކުގެ ވަކި ޕަސެންޓެއް އަންހެނުންނަށް ހާއްސަކޮށްފައި އޮންނަ ކަމަށެވެ.

"[މަގާމުތަކުގައި ތިބޭ އަންހެނުންނާ ފިރިހެނުންގެ] އެހާ ތަފާތު ބޮޑުވީމާ، އަންހެނުން ކުރިއެރުވުމަށް އިތުރު ހިތްވަރަކަށް ކުރާ ކަމެއް [މިއީ]. ކޮންމެހެން އަބަދަކު އޮންނަންޖެހޭ ކަންތައްތަކެއް ވެސް ނޫން. އެކަމަކު މިހާރު ބަލާއިރު، ހާއްސަކޮށް ސިޔާސީ ދާއިރާ އަށް ބަލާއިރު އަންހެނުންގެ ދައުރު [ރާއްޖޭގައި] މަދު. މަޖިލީހަށް ބަލައިލި ނަމަވެސް މަޖިލީހުގައި ހިމެނޭ އަންހެން މެންބަރުންގެ އަދަދު ދިޔައީ ދަށަށް. ލޯކަލް ކައުންސިލްގެ ލެވެލްގައި އަންހެނުންގެ ބައިވެރިވުން އިތުރުވުން އުއްމީދަކީ،" ދުންޔާ ވިދާޅުވި އެވެ.

ދުންޔާ ވިދާޅުވީ ކައުންސިލްތަކަށް ހޮވޭ މީހުންނަކީ ގާބިލު ބަޔަކަށް ވާންޖެހޭނެ ކަމަށެވެ. އަދި ކޮންމެ ޕާޓީއަކުން އިންތިހާބުވި ނަމަވެސް ކައުންސިލްތަކުގައި އަންހެނުންގެ ދައުރު އިތުރުވުމަކީ އުފާކުރައްވާނެ ކަމެއް ކަމަށް ދުންޔާ ވިދާޅުވި އެވެ.

"އަންހެނުންނަށް އެކަނި ކަންނޭނގެ އަންހެނުންނަށް ދިމާވާ ބައެއް ކަހަލަ ކަންތައް އަދި އާއިލާގެ ތެރޭގައި ދިމާވާ ބައެއް ކަންތައްކުގެ ވާހަކަ ދެއްކޭނީ. އަދި އެ ދަތިތަކަށް ހައްލު ހޯދާނެ ގޮތާމެދު ރަށު ފެންވަރުގައި ހިޔާލު ދެވޭނީ،" ދުންޔާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ރަށުގެ ރަރައްގީ އަށް އަންހެނުންނާއި ފިރިހެނުން ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށެވެ. ރަށަށްވެސް އަދި ގައުމަށްވެސް ކުރިއެރުމާއި ތަރައްގީ އަންނާނީ ގުޅިގެން ކުރާ މަސައްކަތުންކަން ދުންޔާ ފާހަގަ ކުރެއްވި އެވެ.

އާ ގާނޫނު އަސާސީ އެކުލަވާލުމުގެ މަސައްކަތް ކުރިއިރު، ރައްޔިތުންގެ މަޖިލީހުގެ ވަކި އަދަދެއް އަންހެނުންނަށް ހާއްސަ ކުރަން ބައެއް ފަރާތްތަކުން މަސައްކަތް ކުރި ކަމަށާއި އޭރު އެކަން ނުވެ އޮތީކަން ފާހަގަ ކުރައްވާ ދުންޔާ ވިދާޅުވީ ރަށު ކައުންސިލްތަކުގައި އަންހެނުންނަށް ހާއްސަ ކޯޓާއެއް ކަނޑައެޅުމަކީ ފެށުމެއް ކަމަށެވެ.

"ފުރަތަމަ ކައުންސިލް. އޭގެ ފަހުން އަޅުގަނޑުގެ އުއްމީދަކީ ހަމަ އިތުރަށް މަޖިލީހުގައި ވެސް އަންހެނުންގެ ބައިވެރިވުން އިތުރުވުން. ކެބިނެޓުގައިވެސް. ޕްރައިވެޓް ސެކްޓާގެ ކުންފުނިތަކުގައިވެސް އަންހެނުން މަތީ މަގާމުތަކުގައި ތިބޭތަން ފެނުން އުއްމީދަކީ،" ދުންޔާ ވިދާޅުވި އެވެ

ދުންޔާ ވިދަޅުވީ ދިވެހި އަންހެނުންނަކީ ރަށުގެ ތަރައްގީ އަށް ކުރެވޭ މަސައްކަތްތަކުގައި އަބަދުވެސް ޝާމިލުވެ އުޅޭ ބައެއް ކަމަށާއި ގޮތް ނިންމާ މަގާމުތަކުގައި ތިބޭ އަންހެނުންގެ އަދަދު މަދީ ކަމަށެވެ. އަދި ކައުންސިލްތަކުގައި އަންހެނުންގެ ދައުރު ފުޅާވުމަކީ މަތީ ފަންތީގެ މަގާމުތަކަށް ދިޔުމަށް އަންހެނުންނަށް ލިބޭނެ ހިތްވަރެއް ކަމަށް ދުންޔާ ވިދާޅުވި އެވެ.

އަންހެނުންނަށް ކުރާ އަނިޔާ އާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ދުންޔާ ވިދާޅުވީ އަނިޔާ ލިބިފައިތިބި މީހުންނަށް އިންސާފު ނުލިބޭތަން ދިވެހި މުޖުތަމައިންވެސް ފެންނަ ކަމަށެވެ. އަދި އެފަދަ މައްސަލަތަކުގައި އިންސާފު ނުލިބޭހައި ހިދު، އެފަދަ އަމަލުތައް ކުރާ މީހުންނަށް އެދެވެނީ ހިތްވަރެއް ކަމަށް ދުންޔާ ވިދާޅުވި އެވެ.

އިންޑިއާގައި އަންހެނުން ރޭޕު ކޮށް އަނިޔާ ކުރާ މައްސަލައަށް އިޝާރާތް ކުރައްވާ ދުންޔާ ވިދާޅުވީ ޝަރުއީ ނިޒާމުގެ ތެރެއިން ކުށްވެރިވާ މީހުންނަށް ހައްގު އަދަދު ދެވޭނަމަ އެފަދަ ކަންތައް ތަކުރާރު ނުވާނެ ކަމަށެވެ.

comment ކޮމެންޓް