ޕީޕީއެމްގެ ސަފުތައް އެނބުރޭނީ ރައީސް ޔާމީން ވަށައިގެން: ޣައްސާނު

ގުރައިދޫ ދާއިރާގެ މެންބަރު ޣައްސާނު މައުމޫން މިރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ/ ޕީޕީއެމް

ޕީޕީއެމްގެ ސަފުތައް އެނބުރޭނީ ރައީސް ޔާމީން ވަށައިގެން ކަމަށް ގުރައިދޫ ދާއިރާގެ މެންބަރު ޣައްސާނު މައުމޫން ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވާފައިވާ ފަސް އަހަރުގެ ޖަލު ހުކުމާ ދެކޮޅަށް އަޑުއުފުލުމަށް އިދިކޮޅު ކޯލިޝަނުން ކާނިވާ ސަރަހައްދުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައިސް ޔާމީންގެ ސަރުކާރުގައި ރައީސް އޮފީހުގެ މިނިސްޓަރުކަންވެސް ކުރެއްވި ޣައްސާނު ވިދާޅުވީ ރާއްޖޭގެ ވެރިކަމަށް ރައީސް ޔާމީން އަލުން ގެނައުމުގެ މަސައްކަތަކީ ގައުމީ ރޫހެއް ކަމަށެވެ.

"އެއީ މުޅިދުނިޔެ ހެކިވާނެހެން ރައީސް ޔާމީން އަކީ އިސްލާމްދީން ހިމާޔަތް ކޮށްދެއްވި ރައީސަކަށް ވީތީ. ގައުމުގެ އިގްތިސޯދު ވެއްޓިފައި މިއޮތް ހިސާބުން އަލުން ނަންގަވާ ހިރަފުސް ފޮޅާލައްވާ އަލުން ކުރިއަށް ވަޑައިގަންނަވާނެ ރައީސަށް ވީތީ. ރާއްޖޭގެ މިނިވަންކަން އެމަނިކުފާނުގެ މޭފުޅުންވިޔަސް ހިމާޔަތް ކުރައްވާނެ ރައީސަށް ވީތީ" ޣައްސާނު ވިދާޅުވިއެވެ.

ރައީސް ޔާމީނަށް ބޮޑުބޭބެ ވިދާޅުވާ ޣައްސާނު ވިދާޅުވީ ޕީޕީއެމް އިން ފަހުރުވެރިވާ، ބިނާކުރުވަނިވި ފިކުރުގެ މައި ތަނބަކީ ރައީސް ޔާމީން ކަމަށެވެ.

"ޕިޕީއެމްގެ ސަފުތައް މި އެނބުރެނީ އެމަނިކުފާނު ވަށައިގެން. އަޅުގަނޑުމެންގެ ލިޑަަރަކީ ރައީސް ޔާމީން. މިއީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު ފަހުރެއް،" ޣައްސާނު ވިދާޅުވިއެވެ.

ރައީސް ޔާމީނުގެ މައްޗަށް ކޮށްފައިވާ މަނީ ލޯންޑްރީގެ ދައުވާ ސާބިތުވެ އެމަނިކުފާނުގެ މައްޗަށް ފަސް އަހަރުގެ ޖަލުހުކުމެއް އިއްވާފައިވާއިރު، ޣައްސާނު ވިދާޅުވީ މިފަދަ ހިތްތދަތި ވަގުތުތަކުގައިވެސް ޕީޕީއެމްގެ ކޯލިޝަނުން ސަރުކާރުން ހުށަހަޅާފައިވާ "ސުވާލު އުފެދޭފަދަ" ބަޖެޓަށްވެސް ވޯޓު ދީފައިވާ ކަމަށެވެ. ސަރުކާރުން ހުށަހެޅި ބަޖެޓަށް ޕީޕީއެމް، ޕީއެންސީ ކޯލިޝަނުން ވޯޓު ދިނީ ރައީސް ޔާމީން އިދިކޮޅުގައި ހުންނެވިއިރު ދެއްކެވި މިސާލުންނާއި ވެރިކަމުގައި ހުންނެވިއިރު ދެއްވި އިރުޝާދުންނާއި މިހާރު ޖަލުގައި ހުންނަވައި ނިންމެވި ނިންމެވުމާ އެއްގޮތަށް ކަމަށެވެ.

ޣައްސާނު ވިދާޅުވީ މިވަގުތަކީ ޕީޕީއެމް ކޯލިޝަނުގެ މީސްކޮޅު މަދުކަމަށް ބަޔަކަށް ހީވާ ވަގުތެއް ކަމަށެވެ.

"އެއްހާސް އަހަރުން ހިނިވެސް ހިނގާ މަގު ފަރުބަދާގައި ކަނޑާ އުސޫލުން އަޅުގަނޑުމެންވެސް މިތިބީ، އަޅުގަނޑުމެންގެ މަގުސަދު، ﷲގެ އިރާދަފުޅުން ހާސިލް ކުރަން. ބަޔަކު ދައްކާނެ ބިރަކަށް އާޅުގަނޑުމެން ފަހަތަށް ނުޖެހޭނެ. ޖަލަށް ލިޔަސް ހެޔޮ. 40 އަހަރު އޮވެފައިވެސް ނިކުމެ ކުރާނީ ރައީސް ޔާމީނުގެ ހައްގުގައި މި މަސައްކަތް،" ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމުގެ ހަގު ދަރިކަލުން ވިދާޅުވިއެވެ.

ޣައްސާނު ވިދާޅުވީ ޕީޕީއެމް ކޯލިޝަނުން ކުރިއަށް ދާނީ ދިވެހި ގައުމުގެ ހައްގުގައި، ރައީސް ޔާމީނާއެކު ކަމަށެވެ.

comment ކޮމެންޓް