ސައުތު އޭޝިއަން ގޭމްސް: ބޫޓާން އަތުން ބަލިވެ ރާއްޖެއަށް ފުރުސަތު ހަނިވެއްޖެ

ސައުތް އޭޝިއަން ގޭމްސްގައި ރާއްޖެއާ ބޫޓާން މިއަދު ބައްދަލު ކުރި މެޗުގެ ތެރެއިން --- ފޮޓޯ// އެމްއޯސީ

(ކަތަމަންޑޫ، ނޭޕާލް): ނޭޕާލްގައި ކުރިއަށްދާ 13 ވަނަ ސައުތު އޭޝިއަން ގޭމްސްގައި ސަރަހައްދުގައި ވެސް އެންމެ ބަލި ޓީމުގެ ގޮތުގައި އަބަދުވެސް ފާހަގަވެފައި އޮންނަ ބޫޓާން އަތުން ރާއްޖޭގެ ފިރިހެން ފުޓުބޯޅަ ޓީމު ބަލިވެ ފައިނަލަށް ދިއުމުގެ ފުރުސަތު ހަނިވެއްޖެއެވެ.

ރާއްޖޭގައި މިހާތަނަށް ބައިނަލްއަގުވާމީ ފެންވަރެއްގައި ފުޓުބޯޅަ ކުޅޭތާ 40 އަހަރު ވީ އިރު މިއަދުގެ މެޗުން ލިބުނު ބައްޔަކީ ރާއްޖޭގެ ސީނިއާ ޓީމެއް ބޫޓާން އަތުން ބަލިވި ފުރަތަމަ ފަހަރެވެ. ރާއްޖެއިން މި މުބާރާތުގައި ދަށް ކުޅުމެއް ދައްކަމުން އަންނަ އިރު ފުރަތަމަ ދެ މެޗުގައި ބަންގްލަދޭޝްއާއި ސްރީލަންކާ އަތުން ވަނީ އެއްވަރުވެފައެވެ.

މިއަދުގެ މެޗުން ލިބުނު ބައްޔާ އެކު ތާވަލުގެ ހަތަރުވަނައަށް ރާއްޖެ ވަނީ ވެއްޓިފައެވެ. ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެ ބޫޓާން އެއްވަނައިގައި އޮތް އިރު ދެވަނައިގައި އޮތް ނޭޕާލަށް ލިބެނީ ހަތަރު ޕޮއިންޓެވެ. ތިންވަނައިގައި އޮތް ސްރީލަންކާއަށް ދެ ޕޮއިންޓް ލިބޭ އިރު ރާއްޖެ ހަތަރު ވަނައިގައި އޮތީ ދެ ޕޮއިންޓާއެކު އެއް ގޯލު މައިނަސްގައެވެ. އެހެންކަމުން ރާއްޖެއަށް މިހާރު އޮތް ގޮތުންނަމަ ފައިނަލަށް ދިއުމުގެ ފުރުސަތު ވަނީ ވަރަށް ބޮޑަށް ހަނިވެފައެވެ.

ނޭޕާލްގެ ވެރިރަށް ކަތަމަންޑޫގެ ދަސްރަތު ސްޓޭޑިއަމްގައި މިއަދު ކުޅުނު މެޗުން ރާއްޖެ ގާތުން ބޫޓާން ކުރި ހޯދީ 1-2 ގެ ނަތީޖާ އަކުންނެވެ. ކުރީ ދެ މެޗެކޭ އެއްގޮތަށް ގިނަ ހަމަލާތައް އުފައްދާ މެޗު ޑޮމިނޭޓް ކޮށްގެން ރާއްޖެ ކުޅުނު ނަމަވެސް ލިބުނު ހުސް ގިނަ ފުރުސަތުތަކެއް ވަނީ ބޭކާރު ކޮށްލާފައެވެ.

ފުރަތަމަ ހާފުގެ 11 ވަނަ މިނެޓުގައި ރާއްޖޭގެ ހަސަން ރާއިފް އަހުމަދު (ހަންނަ) އަށް އޭރިއާ ތެރެއިން މުޅިން ހުހަށް ލިބުނު ބޯޅަ އަމާޒުނުކުރެވި ދިޔައިރު އޭގެ ދެ މިނެޓު ފަހުން އަކްރަމް އަބްދުލްގަނީ ދިން ބޯޅައަކަށް ނާއިޒް ހަސަން (ދާދު) އެކަނިމާއެކަނި އަރައި ފޮނުވާލި ބޯޅަ ބޫޓާން ގޯލްކީޕަރު މަތަކުރީއެވެ. އެ ހާފުގައި ބޫޓާނަށް މާބައިވަރު ހަމަލާތަކެއް އުފެއްދިފައެއް ނުވެއެވެ. ގޯލަށް ނުރައްކާ ކުރަން ބޯޅައެއް ލިބުނީވެސް ކައުންޓާ އެޓޭކުގައި އެކަންޏެވެ.

ދެވަނަ ހާފު ފެށިގެން ފުލުފުލުގައި ރާއްޖެއަށް ހުސް ފުރުސަތުތަކެއް ލިބުނެވެ. ނަމަވެސް އެ ބޯޅަތައް ގޯލަށް ނިންމާ ނުލެވުމުގެ ނަތީޖާއަކަށްވީ ބޫޓާނަށް ލިބުނު ފުރުސަތުގައި ލީޑު ނެގުމެވެ.

ބޫޓާނުން ލީޑު ނެގީ 54 ވަނަ މިނެޓުގައެވެ. އެ ޓީމުގެ ކެޕްޓަން އޭރިއާ ތެރެއިން ފޮނުވާލި ޝޮޓް އަކްރަމް ބްލޮކްކޮށް ކޯނަރަކަށް ބޭރުކޮށްލުމުން ލިބުނު ކޯނަރުން ހުރަސްކޮށްލި ބޯޅަ ޗިމީ ޑޯޖީ ބޮލުން ގޯލަށް ވައްދާލީ އެވެ. އެ ޓީމުން ދެ ވަނަ ގޯލް ޖެހީ 83 ވަނަ މިނެޓުގައި ފުބް ތިންލޭ ދުރުން ފޮނުވާލި ބޯޅައެއް ގޯލުގެ ތިރީ ކަނަށް ވައްދާލައިގެންނެވެ.

ރާއްޖޭގެ ހަމްޒާ މުހައްމަދު (ހަމްޕު) 90 ވަނަ މިނެޓުގައި ގޯލެއް ޖަހައި ރާއްޖެއަށް އުއްމީދު އާކޮށްދިނެވެ. އިތުރު ވަގުތުގެ ގޮތުގައި ދިން ހަތަރު މިނެޓުގެ ތެރޭގައި އަކްރަމަށް އެއްވަރުކުރަން ރަނުގެ ފުރުސަތެއް ލިބި ބޭކާރުވިއެވެ.

ރާއްޖެއިން ގްރޫޕް ސްޓޭޖުފަހު މެޗުގައި ނުކުންނާނީ މުބާރާތް ކުރިއަށްދާ ނޭޕާލާ ދެކޮޅަށެވެ.

comment ކޮމެންޓް