އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ 37.8 ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓް، ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅީ 37.5 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ނަމަވެސް ކޮމިޓީ މަރުހަލާގައި، ބަޖެޓަށް ވަނީ 366 މިލިއަން ރުފިޔާ އިތުރުކުރަން ފާސްކޮށްފައެވެ.
އަދި ތަޅުމުގައި ބަހުސް ކުރުމަށްފަހު، މިއަދު މަޖިލީހުން ފާސްކުރީ ކޮމިޓީން ހުށަހެޅިގޮތަށް، 366 މިލިއަން ބަޖެޓަށް އިތުރުކޮށް، 2020ގެ ބަޖެޓުގެ ގޮތުގައި 37.8 ބިލިއަން ރުފިޔާ ފާސްކުރުމަށެވެ.
ބަޖެޓު ފާސްވީ 77 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. ބަޖެޓު ފާސްކުރުމާ ދެކޮޅަށް ވޯޓު ދެއްވީ އެއް މެމްބަރުންނެވެ.
ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ބަޖެޓު ހުށަހަޅާފައި ވަނީ މިދިޔަ ނޮވެމްބަރު މަހުގެ ހަތަރު ވަނަ ދުވަހުއެވެ. ބަޖެޓު ބަހުސް ފަށާފައި ވަނީ ނޮވެމްބަރު 12 ވަނަ ދުވަހުއެވެ.
ބަޖެޓު ހުށަހަޅުއްވަމުން މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ، 2020ގެ ބަޖެޓަކީ ވަރަށް ފުރިހަމަ ބަޖެޓެއް ކަމަށާއި ބަޖެޓު އޮތް ގޮތަށް ފާސް ކުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. ނަމަވެސް ސަރުކާރުން ހުށަހެޅި ބަޖެޓަށް ބައެއް އިތުރުކޮށްފައި ވަނީ ފިނޭންސް މިނިސްޓްރީ އާއި ބަޖެޓު ކޮމިޓީން މަޝްވަރާކުރުމަށް ފަހު އެވެ.
ބަޖެޓަށް އިތުރު ކުރި ބައިގައި މައިގަނޑު ގޮތެއްގައި ހިމެނެނީ ޕީއެސްއައިޕީ ޕްރޮޖެކްޓުތަކަށް ބޭނުންވާ ފައިސާއެވެ. އޭގެ އިތުރުން އެހެނިހެން ހަރަދުތަކަށްވެސް ބަޖެޓަށް ފައިސާ އިތުރުކޮށްފައިވެއެވެ. ބަޖެޓަށް އިތުރުވި އަދަދަށް ފައިނޭންސް ހޯދަން ނިންމާފައި ވަނީ 929 މިލިއަން ރުފިޔާގެ ޓީބިލު ވިއްކައިގެންނެވެ.
ބަޖެޓްގައިވާ ގޮތުން އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 29.92 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. އަދި ބަޖެޓްގެ ޑެފިސިޓް ނޫނީ ބަޖެޓް ދަރަންޏަކީ 5.68 ބިލިއަން ރުފިޔާ އެވެ.
އަންނަ އަހަރުން ފެށިގެން ކައުންސިލްތަކަށް ބަޖެޓް ދެމުންއައި އުސޫލު، 'ބްލޮކް ގްރާންޓް' އުސޫލުން ފައިސާ ދޫކުރާ ގޮތަށް ބަދަލުކޮށް، ކައުންސިލްތަކަށް 1.6 ބިލިއަން ރުފިޔާ ދިނުމަށް 2020ގެ ބަޖެޓުގައި ވަނީ ހިމަނައިފައެވެ.
އެ ބަދަލާ އެކު 2019 ވަނަ އަހަރަށް ފާސްކުރި ބަޖެޓާ އަޅާބަލާ އިރު ރަށު ކައުންސިލްތަކަށް ލިބޭ ފައިސާ ގާތްގަނޑަކަށް 148.6 ޕަސެންޓް، އަތޮޅު ކައުންސިލްތަކަށް ލިބޭ ފައިސާ 155.1 ޕަސެންޓް އަދި ސިޓީ ކައުންސިލްތަކަށް ލިބޭ ފައިސާ 433.4 ޕަސެންޓް އިތުރުވާނެ ކަމަށް އަންނަ އަހަރަށް ހުށަހަޅާފައިވާ ބަޖެޓުގައި ވަނީ ލަފާކޮށްފަ އެވެ.
ބަޖެޓް ފާސްކުރުމުގެ ކުރިން ކޮމިޓީއިން ވަނީ ކައުންސިލުތަކުން ބަޖެޓު ބޭނުންކުރާނެ ގޮތުގެ އުސޫލެއް ކަނޑައަޅަން ފިނޭންސް މިނިސްޓްރީއަށް ރެކޮމެންޑޭޝަނެއް ފާސްކޮށްފަ އެވެ. ރެކޮމެންޑޭޝަނުގައިވާ ގޮތުން ކައުންސިލުތަކުން ބަޖެޓު ބޭނުންކުރާނެ ގޮތް މިނިސްޓްރީއަށް އަންގަން ޖެހޭނެ އެވެ.
އެގޮތުން މަޖިލީހުގެ ލެޖިސްލޭޓިވް އެންޑް ރީސާޗް ޑިޕާޓްމަންޓުން ވަނީ ބަޖެޓުގެ އިތުރު ތަފްސީލް ކޮންމެ ކައުންސިލަކަށް އެނގޭނެ ގޮތަށް އެކުލަވާލައިފަ އެވެ.
ފިނޭންސް މިނިސްޓަރު އަމީރު ވިދާޅުވީ ވިހި ވިހި ވަނަ އަހަރުގެ ބަޖެޓު ވެގެންދާނީ ރައްޔިތުންގެ އުންމީދުތަކުގައި ކުލަ ޖައްސައިދޭނެ ބަޖެޓަކަށް ކަމަށެވެ. އަދި ބަޖެޓުގެ ސިޔާސަތުގެ ތެރެއިން އިގްތިސޯދީ ކުރިއެރުން ގެނުވައި ރައްޔިޔުންގެ އަތްމަތި ތަނަވަސްކުރުމަށް އެހީތެރިވެދޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
ސަރުކާރުގެ ސިޔާސަތުތައް ފުރިހަމައަށް ހިމަނައިގެން، ޖަޒީރާ ރާއްޖެ މެނިފެސްޓޯގައިވާ ކަންކަމުގެ މައްޗަށް ބިނާކޮށް ތައްޔާރުކުރަން ފުރުސަތު ލިބުނު ފުރަތަމަ ބަޖެޓު ކަމުން، އެ ބަޖެޓު ވެގެންދާނީ ދިވެހި އެންމެހާ ރައްޔިތުންނަށް ގަދަރުވެރި ދިރިއުޅުމެއް ލިއްބައިދިނުމަށް މަގުފަހިކޮށްދޭ ރައްޔިތުންނަށް ބުރަ ބޮޑު ނުވާނެ ފަދަ އުސޫލުތަކެއްގެ މަތިން ޖަޒީރާ ދިރިއުޅުމަކަށް މަގުކޮށައިދޭނެ ބަޖެޓަކަން މިނިސްޓަރު ވަނީ ފާހަގަ ކުރައްވައިފަ އެވެ.