މާކިއުރީ ބޭރުވާވަރު ދެނެގަނެ އެ މާއްދާ ކޮންޓްރޯލް ކުރަން އެކްޝަން ޕްލޭންއެއް އެކުލަވާލަނީ

"މިނަމާޓާ އިނީޝިއަލް އެސެސްމަންޓް"ގެ ހޯދުންތައް ހިއްސާކުރަން މިއަދު ފެށި ބައްދަލުވުމުގެ ތެރެއިން--- ފޮޓޯ: އެންވަޔަރަމަންޓް މިނިސްޓްރީ

ނުރައްކާތެރި ކެމިކަލްއެއް ކަމަށްވާ މާކިއުރީ ރާއްޖޭގައި ބޭރުވާވަރު ނުވަތަ އެމިޝަން ދެނެގަނެ އެކަން ކޮންޓްރޯލްކޮށް މެނޭޖުކުރަން އެކްޝަން ޕްލޭންއެއް އެކުލަވާލަން ނިންމައިފި އެވެ.

މާކިއުރީ އަދި މަރކިއުރީއާ ގުޅުންހުރި މާއްދާތަކުން ތިމާވެއްޓާއި އިންސާނުންގެ ސިއްހަތު ސަލާމަތްކުރުމަށް، ޔުނައިޓެޑް ނޭޝަންސް އެންވަޔަރަންމަންޓް ޕްރޮގްރާމް (ޔުނެޕް)ގެ ފަރާތުން 2013 ވަނަ އަހަރު، 'މިނަމާޓާ ކޮންވެންޝަން އޮން މަރކިއުރީ'ގެ ނަމުގައި މުއާހަދާއެއް ވަނީ އެކުލަވާލައިފަ އެވެ.

އެ މުއާހާދާގެ މަގުސަދުތަކުގެ ތެރޭގައި، މާކިއުރީ މާއްދާ އިން ފޯރާ ނޭދެވޭ އަސަރުތަކުން އިންސާނުންގެ ސިއްހަތާއި ތިމާވެށި ރައްކާތެރިކުރުމަށް މެންބަރު ގައުމުތަކުން ފިޔަވަޅުތައް އެޅުން ހިމެނެ އެވެ.

އެ މުއާހަދާ ދިވެހިރާއްޖެ އިން ތަސްދީގު ކުރުމަށް މަގުފަހިކުރުމަށް "މިނަމާޓާ އިނީޝިއަލް އެސެސްމަންޓް" ނަމުގައި އެސެސްމަންޓްއެއް އެންވަޔަރަންމަންޓް މިނިސްޓްރީން ވަނީ އެކުލަވާލާފަ އެވެ. އަދި އެ އެސެސްމަންޓްގެ ހޯދުންތައް ހިއްސާކުރުމަށް އެންވަޔަރަމަންޓް މިނިސްޓްރީން މިއަދު ވަނީ ބައްދަލުވުމެއް ވެސް ފަށައިފަ އެވެ.

"މިނަމާޓާ އިނީޝިއަލް އެސެސްމަންޓް" ގެ ހޯދުންތައް ހިއްސާކުރަން މިއަދު ފެށި ބައްދަލުވުމުގެ ތެރެއިން--- ފޮޓޯ: އެންވަޔަރަމަންޓް މިނިސްޓްރީ

ކުރިން ދެންނެވި އެސެސްމަންޓްގެ ދަށުން މާކިއުރީ އާގުޅުން ހުރި މާއްދާތައް ބޭނުންކުރެވޭ ގޮތާއި، ބޭނުންކުރެވޭ ދާއިރާތަކާއި އެތަކެތި ރެގިއުލޭޓްކުރުމަށް ރާއްޖޭގައި ހުރި މެކޭނިޒަމްތައް، އުސޫލުތައް ދެނެގަނެ، އަދި އިތުރުށް ހަރުދަނާ ކުރަންޖެހޭ ދާއިރާތަކާ ބެހޭ މައުލޫމާތުތައް އެއްކުރެވުނު ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

އެގޮތުން އެއްކުރެވުނު މައުލޫމާތުތަކުގެ ތެރޭގައި، މާކިއުރީ މާއްދާ އެކުލެވޭ އިކުއިޕްމަންޓް ރާއްޖޭގައި ބޭނުންކުރެވޭ މިންވަރާއި މާކިއުރީ މެނޭޖްކުރުމަށް އެންމެ އެކަށީގެންވާ ކަމާގުޅޭ ގާނޫނު، ގަވައިދުތައް ރާޢްޖޭގައި އެކަށައަޅާފައި ހުރިވަރާއި އަދި މާކިއުރީ މެނޭޖްކުރުމުގެ ގާބިލުކަން ސަރުކާރާގެ އިދާރާތަކުގެ ހުރި މިންވަރު ހިމެނެ އެވެ.

މިއަދު ފެށި ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގައި އެންވަޔަރަމަންޓް މިނިސްޓްރީގެ ޑިރެކްޓަރު ޖެނެރަލް މުހައްމަދު ޒާހިރު ވިދާޅުވީ ދިވެހިރާއްޖެއަކީ، މާކިއުރީ މައިނިންގް މަސައްކަތްކުރާ ނުވަތަ އުފައްދާ ގައުމެއް ނޫންކަމަށާއި އެހެންކަމުން ރާއްޖެއަށް މާކިއުރީ ހިމެނޭ ތަކެތި އެތެރެވަނީ އެހެން ޤައުމުތަކުން އުފައްދާ ތަކެތި ރާއްޖެއަށް އިންޕޯޓުކުރުމުގެ ތެރެއިން ކަމަށެވެ.

އެގޮތުން ރާއްޖޭގައި ބޭނުންކުރާ ތަކެތީގެ ތެރެއިން މައިގަނޑުގޮތެއްގައި މާރކިއުރީ ހިމެނޭ ތަކެތިކަމުގައި ފާހަގަކުރެވިފައި ވަނީ، ބެޓެރިތަކުގައާއި ކޮންޕެކްޓް ފުލޮސިސަންޓް ލޭމްޕްތަކުގައާއި ސިއްހީ ދާއިރާގައި ބޭނުންކުރާ ތާރމޯމީޓާސް އަދި ޑެންޓަލް އެމެލްގަމްގައި ކަން ޒާހިރު ވަނީ ފާހަގަކުރައްވައިފަ އެވެ.

އެތަކެތި ކުނީގެ ގޮތުގައި ނައްތާލުމުގައި ތިމާވެށްޓަށް ލިބިދާނެ ގެއްލުންތައް ވީހާވެސް ކުޑަކުރެވޭ ގޮތްތައް ހަމަޖައްސަންޖެހޭ ކަމަށް ވެސް ޒާހިރު ވިދާޅުވި އެވެ.

comment ކޮމެންޓް