ސައުތު އޭޝިއަން ގޭމްސްގެ ފުރަތަމަ ރަންމެޑަލް ސާއިދު ރާއްޖެއަށް ހޯދައިދީފި

ސައުތް އޭޝިއަން ގޭމްސް 100 މީޓަރު ދުވުމުގެ ފައިނަލުގައި ސާއިދު ވާދަ ކުރަނީ --- ފޮޓޯ// އެމްއޯސީ

ނޭޕާލް، ކަތަމަންޑޫ: ނޭޕާލުގައި މިހާރު ކުރިއަށްދާ 13 ވަނަ ސައުތު އޭޝިއަން ގޭމްސްގެ 100 މީޓަރު ދުވުމުން ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު ރަން މެޑަލް ހޯދައިފި އެވެ.

ނޭޕާލްގެ ވެރިރަށް ކަތަމަންޑޫގެ ދަސަރަތު ސްޓޭޑިއަމުގައި މިއަދު އޮތް 100 މީޓަރު ދުވުމުން ސާއިދު އެއްވަނަ ހޯދީ 10.49 ސިކުންތުން ރޭސް ނިންމައިގެންނެވެ. މިއީ މިފަހަރުގެ ގޭމްސްގައި ރާއްޖެއަށް ލިބުނު ފުރަތަމަ ރަން މެޑައްޔެވެ.

ސައުތް އޭޝިއަން ގޭމްސްގެ 100 މީޓަރު ދުވުމުން އެއްވަނަ ހޯދުމަށްފަހު ސާއިދު ދިވެހި ދިދައާ އެކު --- ފޮޓޯ// އެމްއޯސީ

މިއަދުގެ ފައިނަލުން ރަން މެޑަލް ހޯދައި ސަރަހައްދީ އެންމެ ބާރު ދުވުންތެރިޔާއަށް ސާއިދުވީ އިރު، ރޭހުގެ ދެވަނައަށް ދިޔައީ ސްރީ ލަންކާގެ ހިމާޝާ އީޝާން އެވެ. އޭނާ ރޭސް ނިންމީ 10:50 އިންނެވެ. ތިންވަނަ ހޯދި ޕާކިސްތާނުގެ ސަމިއުﷲ 10:66 އިން ރޭސް ނިންމި އިރު ހަތަރުވަނައަށް ދިޔައީ ވެސް ޕާކިސްތާނުގެ ދުވުންތެރިޔެކެވެ.

މި އިވެންޓުން އެންމެ ފަހުގެ ގޭމްސްގައި ރިހި މެޑަލް ހޯދި ސާއިދު މި ފަހަރު ފައިނަލަށް ދަތުރުކުރީ ހީޓުގެ ތިން ވަނަ ހޯދައިގެންނެވެ. ޓައިމިން އަކީ 10.66 ސިކުންތުވެ. ހީޓުގެ އެއް ވަނަ އަކީ 10.51 ސިކުންތުން ދުވި ސްރީ ލަންކާގެ ހިމާޝާ އީޝަން އެވެ. އަދި ދެ ވަނަ އަކީ 10.60 ސިކުންތުން ދުވި އިންޑިއާގެ ގުރިންދެރްވިރް ސިންހެވެ.

ސާއިދު 2016 ވަނަ އަހަރު އިންޑިއާގައި އޮތް ގޭމްސްގެ 100 މީޓަރު ދުވުމުން ރިހި މެޑަލް ހޯދީ 10.41 ސިކުންތުން ދުވެގެންނެވެ. އެ ފަހަރު ރަން މެޑަލް ހޯދީ 10.28 ސިކުންތުން ދުވެ، މިއަދުގެ ހީޓުގެ އެއް ވަނަ ހޯދި ލަންކާގެ ހިމާޝާ އެވެ. އަދި ލޯ މެޑަލް ހޯދީ 10.69 ސިކުންތުން ދުވި ލަންކާގެ މުހައްމަދު އަޝްރަފުލް އެވެ.

މި އިވެންޓުގައި ސާއިދުގެ ކާމިޔާބީތަކަށް ބަލާއިރު އޭނާ ވަނީ 2015 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި 10.51 ސިކުންތުން ދުވެގެން ރަން މެޑަލް ހޯދައިފަ އެވެ. އެއީ ބައިނަލްއަގްވާމީ މުބާރާތަކުން ރާއްޖޭގެ އެތުލެޓިކްސް އަށް ލިބުނު ފުރަތަމަ ރަން މެޑެއްޔެވެ.

comment ކޮމެންޓް