ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަށްދޭ ބެލޮންޑިއޯ އެވޯޑް ހަވަނަ ފަހަރަށް އާޖެންޓީނާގެ ބާސެލޯނާ ފޯވާޑް ލިއޮނަލް މެސީ ހޯދައި ރެކޯޑް ހަދައިދި އެވެ.
ފްރާންސްގެ ވެރިރަށް ޕެރިހުގައި ރޭ ބޭއްވި ބެލެންޑިއޯ ރަސްމިއްޔާތުގައި މެސީއަށް ލިބުނު ޝަރަފާ އެކު އޭނާ ވެގެން ގޮސްފައި ވަނީ ދުނިޔޭގެ ތާރީހުގައި ވެސް އެންމެ ގިނަ ފަހަރަށް އެ މަގާމު ހޯދި ކުޅުންތެރިޔާއަށެވެ. އޭނާއާ އެއްމެ ގާތުން ދެން ވާދަކުރާ ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއަށް މޮޅު ކުޅުންތެރިޔާގެ މަގާމު މިހާތަނަށް ލިބިފައި ވަނީ ފަސް ފަހަރެވެ.
މީގެ ކުރިން މެސީ ވަނީ 2009، 2010، 2011، 2012 އަދި 2015 ވަނަ އަހަރު ވެސް ބެލޮންޑިއޯ ހާސިލްކޮށްފަ އެވެ. މެސީއަށް މިފަހަރުގެ ބެލެންޑިއޯ ލިބުނު އިރު އެ އިނާމަށް އެންމެ ގާތުން ވާދަ ކުރީ މިދިޔަ ސީޒަނުގައި ބޮޑެތި ކާމިޔާބީތަކެއް ހޯދި ނެދަލެންޑްސްގެ ލިވަޕޫލް ޑިފެންޑަރު ވާގިލް ވެންޑައިކް އެވެ.
ވެންޑައިކް ވަނީ މިދިޔަ ސީޒަނުގައި ލިވަޕޫލާ އެކު ޔޫރޮޕުގެ އެންމެ ޝަރަފުވެރި މުބާރާތް ކަމަށްވާ ޗެމްޕިއަންސް ލީގު ލިވަޕޫލަށް ހޯދައިދިނުމުގައި މުހިއްމު ދައުރެއް އަދާ ކޮށްފަ އެވެ. އަދި ޕްރިމިއާ ލީގުގެ ދެވަނަ އެ ޓީމަށް ހޯދައިދިނުމުގައްޔާއި މި އަހަރު އޮތް ނޭޝަންސް ލީގުގެ ފައިނަލަށް ނެދަލެންޑްސް ގެންދިއުމުގައި ވެސް ވެންޑައިކް ވަނީ އިސްރޯލެއް ކުޅެފަ އެވެ.
ރޭ ހޯދި އިނާމާ އެކު މެސީއަށް ފާޑުކިޔާ ފާރާތްތަކުގެ އަނގަ ބަންދުވެފައިވާ އިރު މެސީއަށް މިފަހަރުގެ ބެލެންޑިއޯ ހޯދުމަށް އެންމެ ބޮޑު ހިއްސާއެއްވީ ޓީމު ކާމިޔާބީއަށް ވުރެން އަމިއްލައަށް ހޯދި ކާމިޔާބީތަކެވެ. އެގޮތުން ވޭތުވެ ދިޔަ ސީޒަނުގައި މެސީއަށް ލިބުނު ހަމައެކަނި ޓީމް ޓްރޮފީ އަކީ ސްޕެނިޝް ލީގު ތަށްޓެވެ. އެހެން ނަމަވެސް އޭނާ ވަނީ ކުޅުނު ހުރިހާ މުބާރާތެއްގެ ޓޮޕް ސްކޯރާއާއި މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހޯދައިފަ އެވެ.
އުމުރުން 32 އަހަރުގެ މެސީ ވަނީ މިދިޔަ ސީޒަންގައި ޖުމްލަ 56 ގޯލް ޖަހައިފަ އެވެ. މެސީ ވަނީ ބާސެލޯނާއަށް 701 މެޗް ކުޅެ 614 ގޯލް ޖަހައިދީފަ އެވެ. އޭގެ ތެރޭގައި ސްޕެނިޝް ލީގުގައި އޭނާ ޖެހި 428 ގޯލް ހިމެނޭއިރު އެއީ ސްޕެނިޝް ލީގުގެ ރެކޯޑެކެވެ.