ސުޕްރީމް ކޯޓާއި ޕީޖީއަށް ފޮނުވި ތިން ބޭފުޅުންގެ ނަން ކޮމިޓީއަށް

އުއްތަމަ ފަނޑިޔާރު ކަމަށް އައްޔަން ކުރަން ނަން ފޮނުވި، މުއުތަސިމް، އަދި ސުޕްރީމް ކޯޓަށް ނަން ފޮނުވި ސުއުދު އަދި ޕީޖީ ކަމަށް ނަން ފޮނުވި ޝަމީމް

އުއްތަމަ ފަނޑިޔާރުގެ މަގާމަށް އައްޔަން ކުރަން ފޮނުވި މުއުތަސިމް އަދުނާން އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރަން ފޮނުވި ހުސްނުއްސުއޫދު އަދި ޕީޖީ ކަމަށް އައްޔަން ކުރަން ރައީސް ފޮނުއްވި ހުސެން ޝަމީމްގެ ނަން ދިރާސާ ކުރުމަށް ޖުޑީޝަރީ ކޮމިޓީއަށް ފޮނުވައިފި އެވެ.

އެ ތިން ބޭފުޅުންގެ ނަންތައް ދިރާސާ ކުރުމަށް ޖުޑީޝަރީ ކޮމިޓަށް ފޮނުވާފައިވާކަން މިއަދު ބޭއްވި މަޖިލިސް ޖަލްސާގައި، މަޖިލިސް ރައީސް، ރައީސް މުހައްމަދު ނަޝީދު އިއުލާން ކުރެއްވި އެވެ.

ސުޕްރީމް ކޯޓްގެ އުއްތަމަ ފަނޑިޔާރު ހިމެނޭ ގޮތުން އެ ކޯޓްގެ ތިން ފަނޑިޔާރުންގެ މަގާމު ހުސްވެފައި ވަނީ، އުއްތަމަ ފަނޑިޔާރަކަށް ހުންނެވި ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި އެ ކޯޓްގެ ފަނޑިޔާރު އާދަމް މުހައްމަދު މިފަހުން ފަނޑިޔާރު ކަމުން ވަކިކުރެއްވުމުން އެވެ. އަދި އެ ކޯޓްގެ ފަނޑިޔާރު އަބްދުﷲ އަރީފް ވަނީ ސިއްހީ ސަބަބުތަކަށް ޓަކައި ކަމަށް ވިދާޅުވެ، މަގާމުން ރިޓަޔާ ކުރައްވައިފަ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަކިވެފައިވާ ދެ ފަނޑިޔާރުންގެ މަގާމަށް ހުސްނުއްސުއޫދާއެކު ހައި ކޯޓުގެ ފަނޑިޔާރު އަބްދުއްރައޫފް އިބްރާހީމްގެ ނަން ވެސް ޖޭއެސްސީއަށް ފޮނުވިއެވެ. ނަމަވެސް އަބްދުއް ރައޫފުގެ ނަން ޖޭއެސްސީން ރައީސްއަކަށް ނުފޮނުވަ އެވެ.

ޖޭއެސްސީން ރޭ ބުނެފައިވަނީ، އަބްދުއްރައޫފް އިބްރާހީމާ ބެހޭ ތިން ޝަކުވާއެއް އެކޮމިޝަނަށް ލިބިފައިވާކަމަށާއި އެހެންކަމުން އެ ޝަކުވާތަކާ ގުޅޭގޮތުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ރައީސް ސޯޯލިހަށް މަޝްވަރާ އަރުވާނެކަމަށެވެ.

ޕީޖީގެ މަގާމު ހުސްވީ، ކުރިން އެ މަގާމުގައި ހުންނެވި އައިޝަތު ބިޝާމް އަމިއްލަފުޅަށް އިސްތިއުފާ ދެއްވުމާ ގުޅިގެނެވެ. ބިޝާމް އަމިއްލަފުޅަށް އިސްތިއުފާ ދެއްވީ އޭނާ ވަކިކުރުމަށްޓަކައި ޖުޑީޝަރީ ކޮމިޓީން ފަށާފައިވާ މަސައްކަތައް ޖަވަބުދާރީވުމަށް ފުރުސަތު ދީފައި ވަނިކޮށެވެ.

ސުޕްރީމް ކޯޓާއި ޕީޖީގެ މަގާމަށް ފޮނުވި ނަންތައް ދިރާސާ ކުރުމަށްފަހު، މަޖިލީހުގެ ތަޅުމަށް ހުށަހަޅާނެއެވެ. އެއަށްފަހު، އެ ނަންތަކަށް ވޯޓަށް އަހާނެއެވެ.

މީގެ އިތުރުން މިއަދުގެ ޖަލްސާގައި ޖޭއެސްސީން ނިންމާފައިވާ އެހެން ނިންމުންތައްވެސް އިޖުރާއަތްތަށް ފުރިމަވޭތޯ ބެލުމަށް ވަނީ ކޮމިޓީއަށް ފޮނުވައިފަ އެވެ. އޭގެ ތެރޭގައި އިއްޔެ އެ ކޮމިޝަނުން ވަކިކުރުމަށް ނިންމެވި، ކްރިމިނަލް ކޯޓުގެ އިސް ގާޒީ، އަހަމަދު ހައިލަމް އާއި ކ. ތުލުސްދޫ ކޯޓުގެ މެޖިސްޓްރޭޓް އައިނާނު އަލީ މުހައްމަދާއި ރ. މާކުރަތު ކޯޓުގެ އިސް މެޖިސްޓްރޭޓް އަދުނާނު ހުސައިންގެ މައްސަލަ ވެސް ވަނީ ޖުޑީޝަރީ ކޮމިޓީއަށް ފޮނުވައިފަ އެވެ.

comment ކޮމެންޓް