ވައިގެ ދަތުރުފަތުރާ ބެހޭ އެއްބަސްވުމެއްގައި ފިންލޭންޑާ އެކު ސޮއިކޮށްފި

ވައިގެ ދަތުރުފަތުރާ ބެހޭ އެއްބަސްވުުމުގައި ފިންލޭންޑާ އެކު ސޮއިކުރުން --- ފޮޓޯ/ އަބްދުﷲ ޝާހިދު

ރާއްޖެއިން ފިންލޭންޑާ އެކު ދަތުރުފަތުރޭ ބެހޭ އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

އެ އެއްބަސްވުމަކީ ދެގައުމުގެ ފަރާތުން ބައިނަލްއަގުވާމީ ވައިގެ ދަތުރުފަތުރުގެ ރޮގުން ލުއި ފަސޭހަކޮށްދޭނެ އެއްބަސްވުމެއް ކަމަށް ފޮރިން މިނިސްޓްރީން ބުނެ އެވެ.

އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ، މިހާރު ފިންލޭންޑަށް ރަސްމީ ދަތުރުފުޅެއްގައި ވަޑައިގެންފައިވާ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ. ފިންލޭންޑްގެ ފަރާތުން ސޮއި ކުރެއްވީ، އެ ގައުމުގެ ފޮރިން މިނިސްޓަރު ޕެއްކާ ހާވިސްޓޯ އެވެ.

އެއްބަސްވުމާ ގުޅޭ ގޮތުން އަބްދުﷲ ޝާހިދު އިއްޔެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެއްބަސްވުމާ އެކު އެއްބަޔަކު އަނެއްބަޔަކު ގުޅުވައިދީ، ފަތުރުވެރިކަމުގެ ދާއިރާއަށް އިތުރު ކުރިއެރުން އަންނާނެ ކަމަށެވެ.

ފޮރިން މިނިސްޓަރު އިއްޔެ އިން ފެށިގެން ފިންލެންޑަށް ކުރައްވާ ދަތުރުފުޅުގައި މިނިސްޓަރު ޝާހިދު ވަނީ އެގައުމުގެ އެކި ލެވެލްގެ ބޭފުޅުންނާ ބައްދަލު ކުރައްވައިފަ އެވެ. އެގޮތުން މިއަދު މިނިސްޓަރު ޝާހިދު ވަނީ ފިންލޭންޑްގެ އެޑިއުކޭޝަން މިނިސްޓަރާ ބައްދަލު ކުރައްވައިފަ އެވެ.

އެ ބައްދަލުވުގައި ގުޅޭ ގޮތުން ޝާހިދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ތައުލީމީ ދާއިރާ އިތުރަށް ހަރުދަނާ ކުރުމަށް ދެގައުމުން ކުރެވިދާނެ ކަންތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރެވުނު ކަމަށެވެ.

އޭގެ އިތުރު ޝާހިދު ވަނީ ފިންލޭންޑްގެ ވިޔަފާރިވެރިންނާ ވެސް މިއަދު ބައްދަލު ކުރައްވައިފަ އެވެ. ޝާހިދު ވިދާޅުވީ، އެ ބައްދަލުވުމުގައި އެ ވިޔަފާރިވެރިންނަށް ރާއްޖޭގައި އިންވެސްޓް ކުރުމަށް ދައުވަތު ދެއްވި ކަަމަށެވެ.

ޝާހިދު ފިންލޭންޑަށް ކުރެއްވީ ދެދުވަހުގެ ދަތުރުފުޅެކެވެ.

ފިންލޭންޑާއެކު ރާއްޖެއިން ހާރިޖީ ގުޅުން ގާއިމުކޮށްފައި ވަނީ އޮކްޓޯބަރު، 1، 1984 ގައެވެ. އެއީ ރާއްޖެއިން ސިޔާސީ ގުޅުން ގައިމު ކުރި 63 ވަނަ ގައުމެވެ.

comment ކޮމެންޓް