ޖުޑިޝަރީ އޮތީ ހައިޖެކް ކޮށްފައި، މި ފިލުވައިލީ ސިޔާސީ ހަސަދައެއް: އިދިކޮޅު

ޕީޕީއެމް އިން ބޭއްވި ޕްރެސް އެއްގެ ތެރެއިން -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ރާއްޖޭގެ ޖުޑިޝަރީ ހައިޖެކް ކޮށްފައިވާ ކަމަށާއި، މިއަދު ރައީސް އަބްދުﷲ ޔާމީނަށް ކްރިމިނަލް ކޯޓުން އިއްވި ފަސް އަހަރގެ ޖަލު ހުކުމަކީ ސިޔާސީގޮތުން "ފިލުވައިލި" ހަސަދައެއް ކަމަށް އިދިކޮޅުން ޕީޕީއެމް/ޕީއެންސީ އިން ބުނެފި އެވެ.

އެި ހުކުމާ ގުޅިގެން، އެމަނިކުފާނުގެ ސަޕޯޓަރުން ވަނީ ކްރިމިނަލް ކޯޓު ދޮށުގައި ނުރުހުން ފާޅުކޮށް އަޑުގަދަކޮށްފަ އެވެ. އެ ސަރަހައްދުގައި ހުންނަވައި ޕީއެންސީގެ ނައިބު ލީޑަރު އާދަމް ޝަރީފް އުމަރު ވިދާޅުވީ މިހާރު ޖުޑިޝަރީ ތެރޭގައި ހިނގަމުން އަންނަނީ އެއްގޮތަކަށް ވެސް ރަނގަޅު ކަންތައްތަކެއް ނޫން ކަމަށެވެ.

"ޖުޑީޝަރީ މިހާރު ވަނީ ހައިޖެކް ކުރެވިފައި. ޖުޑިޝަރީގެ ތެރޭގައި ހިނގަމުން ދަނީ ރަނގަޅު ކަންތައްތަކެއް ނޫން،" ރައީސް ޔާމީންގެ ސަރުކާރުގައި ޑިފެންސް މިނިސްޓަރު، އާދަމް ޝަރީފް ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވީ ޕީޕީއެމް/ޕީއެންސީން ސަރުކާރު ޖަވާބުދާރީ ކުރުވުމުގައި ވަރުބަލިވުމެއް ނެތި މަސައްކަތް ކުރާނެ ކަމަށާއި، އަދި މި ސަރުކާރުން ހިންގަމުން އަންނަ ކޮރަޕްޝަންގެ ހުރިހާ ކަމެއް ހާމަކުރަމުން ގެންދާނެ ކަމަށެވެ.

ޝަރީފް ވިދާޅުވީ މިއީ ވަރަށް ހިތާމަވެރި ދުވަހެއް ކަމަށާއި، ނަމަވެސް އަދި ރައީސް ޔާމީން މިގައުމުގައި ވެރިކަން ކުރާނެ ދުވަހެއް އަންނާނެ ކަމަށެވެ.

ހުކުމާ ގުޅިގެން ވާހަކަ ދައްކަވަމުން ޕީއެންސީގެ ނައިބު ލީޑަރު އަދި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވީ މިއީ ބަލައިގަނެވޭނެ ހުކުމެއް ނޫން ކަމަށާއި، މި ހުކުމަކީ ސަރުކާރުގެ އިސްވެރިންނާ ސަރުކާރު ކޯލިޝަނުގައި ތިބި ބައެއް ސިޔާސީ ޕާޓީތަކުގެ ލީޑަރުން ރައީސް ޔާމީނާ ދޭތެރޭ އޮތް ސިޔާސީ ހަސަދައެއްގެ ސަބަބުން ކުރި ދައުވާއެއް އަދި ހުކުމެއް ކަމަށެވެ.

"މިއީ ސަރުކާރުން، ރައީސް ސޯލިހް އަދި މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ އަޅުގަނޑުމެންނާ އިދިކޮޅު އަދި މިއަދުގެ ކޯލިޝަންގައި ތިބި ބައެއް ސިޔާސީ ޕާޓީތަކުގެ ވެރިން، ހަމަ ކަނޑައެޅިގެން ރައީސް ޔާމީނާ ދޭތެރޭގައި އޮތް ސިޔާސީ ހަސަދައެއް ފިލުވާލުމަށްޓަކައި ވަރަށް ބޮޑަށް ސިޔާސީ ދައުވާއެއްކޮށް އިއްވި ހުކުމެއް މިއީ،" ސައީދު ވިދާޅުވި އެވެ.

ސައީދު ވިދާޅުވީ މިއަދަކީ ވަރަށް ހިތާމަވެރި ދުވަހެއް ކަމަށާއި އެހެން ނަމަވެސް ރައީސް ޔާމީންގެ ދިފާއުގައި ކުރަން ޖެހުނު ކޮންމެ ކަމެއް، ވަރުބަލިކަމެއް ނެތި ކުރަމުން ގެންދާނެ ކަމަށެވެ.

ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ ދައުވާ ކުރީ، އެމްއެމްޕީއާރްސީ މެދުވެރިކޮށް، ގއ. ވޮޑަމުލާ ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށް އެ ފައިސާ ލޯންޑާ ކުރި ކަމުގެ ތުހުމަތުގަ އެވެ. އެ ދައުވާ ސާބިތުވެ އެމަނިކުފާނުގެ މައްޗަށް މިއަދު އިއްވީ، ފަސް އަހަރަށް ޖަލަށް ލައި، ފަސް މިލިއަން އެމެރިކާ ޑޮލަރުން ޖޫރިމަނާކުރުމަށެވެ. އަދި އެ ފައިސާ ހަ މަސް ތެރޭ ދެއްކުމަށް ވެސް އަމުރުކުރި އެވެ.

comment ކޮމެންޓް