ޕީީޖީ ކަމުން ބިޝާމް އިސްތިއުފާ ދެއްވައިފި

އައިޝަތު ބިޝާމް ހަފްލާއެއްގައި: އެކަމަނާ ވަނީ ޕީޖީ ކަމުން ވަނީ އިސްތިއުފާ ދެއްވާފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޕްރޮސިކިއުޓާ ޖެނެރަލް ކަމުން އައިޝަތު ބިޝާމް މިއަދު އިސްތިއުފާދެއްވައިފި އެވެ.

އެކަމަނާ އިސްތިއުފާ ދެއްވިކަން ކަށަވަރުކޮށްދެއްވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެކަމަނާގެ އިސްތިއުފާގެ ސިޓީ މިއަދުގެ ވަގުތެއްގައި ލިބިވަޑައިގެންފައިވާ ކަމަށެވެ.

ބިޝާމް މަގާމުން އިސްތިއުފާ ދެއްވީ، އޭނާގެ މައްޗަށް ރައްޔިތުން މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީގައި ބަލަމުން އަންނަ އިތުބާރު ނެތްކަމުގެ މައްސަލައަށް ޖަވާބުދާރީ ވުމަށް މިއަދު ހެނދުނު 11:00 އަށް އެ ކޮމިޓީއަށް ހާޒިރުވުމަށް ނޯޓިސް ފޮނުވާފައި ވަނިކޮށެވެ. ނަމަވެސް ވަކި އެއްޗެއް އެންގުމެއް ނެތި، އެކަމަނާ ކޮމިޓީއަށް ވެސް ވަޑައިގެންފައެއް ނުވެ އެވެ.

ޕީޖީ އޮފީސް މެދުވެރި ކުރައްވައި ބިޝާމް މިއަދު އާންމު ކުރެއްވި ބަޔާނެއްގައި ވިދާޅުވެފައިވާ ގޮތުގައި އޭނާ މަގާމުން ވަކިކުރުމަށް މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއިން ކުރާ މަސައްކަތަކީ އިހްލާސްތެރި ނިޔަތެއްގައި ކުރިއަށް ގެންދަވާ މަސައްކަތެއް ނޫން ކަމަށެވެ. އަދި އެއީ ގާނޫނު އަސާސީގެ ނައްޞާއި ރޫހާ އެއްގޮތަށް ކުރިޔަށްގެންދާ އިޖުރާއަތްތަކެއްކަމުގައި ގަބޫލު ނުކުރެވޭ ކަމަށް ވެސް ބިޝާމް ވަނީ ވިދާޅުވެފަ އެވެ.

އެކަމަނާ އެގޮތަށް ވިދާޅުވި ސަބަބުތަކުގެ ގޮތުގައި ފާހަގަ ކުރައްވާފައި ވަނީ އޭނާ ވަކިކުރަން މަޖިލީހުގައި ނަން އިއްވި ދުވަހު މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވި ސަބަބުތަކާއި ޖުޑީޝަރީ ކޮމިޓީގައި މެންބަރުން އޭނާ ވަކިކުރުމަށް ބުނާ ސަބަބުތައް ދިމާނުވުމެވެ. އަދި ވަކީލެއްގެ ހައްގުވެސް ލިބިދެވޭ ގޮތަށް، ކޮމިޓީއަށް ހާޒިރުވުމަށް ނޯޓިސް ފޮނުވި އިރު، އެކަމަނާއަށް ކުރެވޭ ތުހުމަތުތައް ބަޔާންކޮށްފައި ނެތުމަކީ، ޖަވާބުދާރީ ވުމުގެ ހައްގަށް އުނިކަން އަންނަ ސަބަބެއް ކަމަށް ވެސް އެ ސިޓީގައި ވަނީ ބުނެފަ އެވެ.

މީގެ އިތުރުން، މިނިވަން މުއައްސަސާއެއްގެ ވެރިއަކު ވަކިކުރަން ކޮމިޓީއެއްގެ އެޖެންޑާގެ "އެހެނިހެން" ކަންތައްތަކުގެ ތެރޭގައި ހިމަނަިއގެން ގޮތް ނިންމުމަކީ ގަބޫލު ކުރައްވާ ކަމެއް ނޫން ކަމަށް ވެސް ބިޝާމް ވިދާޅުވެފައިވެ އެވެ.

ޕީޖީ ބިޝާމް އިސްތިއުފާ ދެއްވިއިރު، އެކަމަނާ ވަކިކުރުމަށް މީގެ ކުރިން ވެސް ދެ ފަހަރެއްގެ މަތިން މަޖިލީހަށް ހުށަހަޅާފައިވެ އެވެ. އެހެން ނަމަވެސް އެކި ސަބަބުތަކާ ހުރެ އެކަން މަޖިލީހުގެ ތެރެއިން އޮތީ ހިނގާ ގޮތް ނުވެފަ އެވެ.

comment ކޮމެންޓް