60،000 ރުފިޔާއިން މަތީގެ އާމްދަނީއިން އިންކަމް ޓެކްސް ނަގަން ބިލް އިސްލާހުކޮށްފި

މަޖިލީހުގެ ޖަލްސާއެއްގައި މެންބަރުން -- ފޮޓޯ/ މަޖިލިސް

ފަރުދުންގެ އާމްދަނީގެ ޓެކްސް، މަހަކު 60،000 ރުފިޔާއިން މަތީގެ އާމްދަނީއިން ނަގާ ގޮތަށް، އިންކަމް ޓެކުހުގެ ބިލް ރައްޔިތުންގެ މަޖިލީހުގެ މުޅި މަޖިލީހުގެ ކޮމިޓީއިން އިސްލާހުކޮށްފިއެވެ.

މިއަދު ކުރިއަށް ދިޔަ މުޅި މަޖިލީހުގެ ކޮމިޓީއަށް އެމްޑީޕީގެ ފަރާތުން، އެ ޕާޓީގެ ޕީޖީ ލީޑަރު އަލީ އާޒިމް ހުށަހެޅުއްވީ ސަރުކާރުން ހުށަހަޅާފައިވާ އިންކަމް ޓެކުހުގެ ބިލުގައިވާ ފަރުދުންގެ އާމްދަނީ އިން ޓެކްސް ނެގުމަށް ކަނޑައަޅާފައިވާ ބްރެކެޓުތައް މަތިކޮށް އަދި ޓެކްސް ނަގާ އިންސައްތަ ކުޑަކުރުމަށެވެ.

މި ބިލަށް އެމްޑީޕީ އިން ހުށަހެޅި އެންމެ ބޮޑު އިސްލާހަކީ ޓެކްސް ނަގަން ފަށާ އާމްދަނީގެ ބުރެކެޓް މަތިކުރުމެވެ. އެގޮތުން، މަހަކު 40،000 ރުފިޔާއަށް އަށް ވުރެ މަތީ އާމްދަނީއިން ޓެކްސް ނަގަން ސަރުކާރުން ބިލް ހުށަހަޅާފައި އޮތް ނަމަވެސް، އެމްޑީޕީއިން މިއަދު ހުށަހެޅީ މަހަކު 60،000 ރުފިޔާއިން އަށް ވުރެ މަތިން ލިބޭ އާމްދަނީ އިން ޓެކްސް ނެގޭނެ ގޮތަށް ބިލް އިސްލާހުކުރާށެވެ. އަދި ފަރުދުންގެ އަތުން އާމްދަނީ ޓެކްސް ނަގަން ފަށާ، އިންސައްތައަކީ އަށް ޕަސެންޓަށް އޮތް އޮތުން 5.5 ޕަސެންޓަށް ދަށްކުރުމަށް ވެސް ހުށަހެޅި އެވެ.

މީގެ އިތުރުން، އެ ބަދަލާ އެއްގޮތަށް ފަރުދުންގެ އާމްދަނީ އިން ޓެކްސް ނެގޭނެ، ފަސް ބްރެކެޓެއް ބިލްގައި ހިމަނައި އޭގެ ތެރެއިން ބައެއް ބްރެކެޓްތަކުން ޓެކްސް ނެގޭ އިންސައްތައަށް ބަދަލުތައް ގެންނަން އެމްޑީޕީގެ އިސްލާހުގައިވެ އެވެ. އެހެން ނަމަވެސް، ސަރުކާރުން މަޖިލީހަށް ބިލް ހުށަހެޅިއިރު ހިމަނާފައި އޮތީ ޓެކްސް ނަގަން ހަތަރު ބްރެކެޓެކެވެ.

ޓެކްސް ބްރެކެޓްތަކަށް މަޖިލީހުގެ މުޅި ކޮމިޓީއިން ގެނައި ބަދަލުތަކަކީ؛

  • 60،000 ރުފިޔާ އިން ދަށުގެ އާމްދަނީ - 0 ޕަސެންޓް.
  • 60،000 އާއި 100،000 ރުފިޔާއާ ދެމެދުގެ އާމްދަނީ: 5.5 ޕަސެންޓު.
  • 1ަ00،000 އާއި 150،000 ރުފިޔާއާ ދެމެދުގެ އާމްދަނީ: އަށް ޕަސެންޓު.
  • 150،000 އާއި 200،000 ރުފިޔާއާ ދެމެދު އާމްދަނީ އިން 12 ޕަސެންޓު.
  • 200،000 ރުފިޔާ އިން މަތީގެ އާމްދަނީ އިން 15 ޕަސެންޓް.

މި އިސްލާހުތައް ފާސްވީ މަޖިލީހުގައި މުޅި ކޮމިޓީގައި އެވަގުތު ތިއްބެވި 31 މެންބަރުންގެ އިއްތިފާގުން އެވެ.

ބިލު ދިރާސާ ކުރާ މުޅި މަޖިލީހުގެ ކޮމެޓީގެ މުގައްރިރު، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ފާހަގަ ކުރެއްވި ގޮތުގައި މި އިސްލާހުތަކާ އެކު އާމްދަނީ އިން ނަގާ ޓެކުހުގެ ގޮތުގައި ދައުލަތަށް ލިބޭނެ ކަމަށް ލަފާކޮށްފައިވާ އާމްދަނީ ދެ ގުނަ ކުޑަވާނެ ކަމަށް ލަފާކުރެވެ އެވެ.

"އިންކަމް ޓެކުހުން ލިބޭނެ ކަމަށް ލަފާކޮށްފައިވާ އާމްދަނީ އިން 150 މިލިއަން ރުފިޔާ މަދު އަދަދަދަކަށް ވާނެ މި ބަދަލުތަކާ އެކު،" ރައީސް ނަޝީދު ވިދާޅުވި އެވެ.

މީގެ ކުރިން ފިނޭންސް އިން ލަފާކޮށްފައިވަނީ އިންކަމް ޓެކުހުގެ ގޮތުގައި އަންނަ އަހަރު، 600 މިލިއަން ރުފިޔާ ލިބޭނެ ކަމަށެވެ.

އެމްޑީޕީ އިން ޓެކްސް ބްރެކެޓުތަކަށް ހުށަހެޅި އިސްލާހަކީ އެޕާޓީގެ އެޖެންޑާ 19 ގައި ބުނެފައިވާ ރޭޓުތަކެވެ.

comment ކޮމެންޓް