ދީނީ އިލްމުވެރިޔާ ޝައިހް އިލްޔާސް ހުސެއިން ފަދަ ބޭފުޅުން ގައުމަށް ގައްދާރުވީ އެނގިތިބެކަމަށް ބުނެ ކުރީގެ އިސްލާމިކް މިނިސްޓަރު އަދި ނިމިގެން ދިޔަ ރިޔާސީ އިންތިހާބުގައި ރައީސް އަބްދުﷲ ޔާމީންގެ ރަނިން މޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ހޫނު ބަހުގެ ހަމަލާތަކެއް ދެއްވައިފި އެވެ.
ފުލުހުންނާއި ސިފައިން ހަރުކަށި ފިކުރަށް ލެނބި އަނދިރި ދައުލަތަށް ބައިއަތު ހިފާފައިވާ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް، މުހައްމަދު ނަޝީދު އިއްޔެ ވިދާޅުވި ވިދާޅުވުމަށް ރައްދުދެއްވައި އިލްޔާސް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސް ނަޝީދު އެފަދައިން ވިދާޅުވި ވިދާޅުވުމަކީ ހެއްދެވި ވަރަށް ބޮޑު ގޯހެއް ކަމަށެވެ.
" ދިވެހި ގައުމިއްޔަތުގެ އަސާސްތައް ހިމާޔަތްކޮށް ރައްކާތެރިކުރުމަށް ފުރާނަ ގުރުބާންކުރަން ތައްޔާރަށް ތިއްބެވި ދިވެހިން ފަހުރުވެރިވާ ފުލުހުންނާ ސިފައިން ބަދުނާމުކޮށް ގައުމިއްޔަތުގެ ދުޝްމަނުން ދޮގު ފެތުރުމީ ބޮޑު ގޯހެއް. ދިފާއީ ބާރުތައް އިސްލާމީ ވަހުދަތުތައި މިނިވަންކަން ދަމަހައްޓާނެ." އިލްޔާސްގެ ޓުވީޓުގައި ވެއެވެ.
އިލްޔާސްއަށް ރައްދު ދެއްވައި ޝަހީމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ގައުމު މިހާލަތަށް ވެއްޓުނީ ޝެއިހް އިލްޔާސްފަދަ ބޭބޭފުޅުން އެފަދަ ހާލަަތަކަށް ގައުމު ވައްޓާލުމުން ކަމަށެވެ.
" ޝައިލް އިލްޔާސްއެވެ! މިއީ ތިޔަ ބޭފުޅުން އުފެއްދެވި ހާލަތެވެ. އެނގިތިބެ ގައުމަށް ގައްދާުރުވީ އެވެ." ޝަހީމްގެ ޓުވީޓުގައި ވެއެވެ.
ނިމިގެން ދިޔަ ރިޔާސީ އިންތިހާބްގައި ޝައިހް އިލްޔާސް ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ސަޕޯޓްކުރައްވައި ކެމްޕޭން ރެލީތަކުގައި ބައިވެރިވެލައްވައިފަ އެވެ.
ރައީސް ނަޝީދު ފުލުހުންނާއި ސިފައިން ބަދުނާމުކޮށް ދެއްކި ވާހަކަތައް ކުރީގެ ނާއިބު ރައީސް މުހައްމަދު ޖަމީލް އާއި ކުރީގެ ޕޮލިސް ކޮމިޝަނަރު އަދި ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ވެސް ވަނީ ވަރަށް ބޮޑަށް ކުށްވެރިކުރައްވައިފަ އެވެ.
ދިވެހިންގެ ތެރޭގައި ހަރުކަށި ފިކުރު ފެތުރި ވިސްނުމަށް ބަދަލު އައީ ދިފާއި ބާރުތަކުގެ ތެރޭގައި ފަރުވާ ކުޑަކަމާއި އަޅާނުލެވުމުގެ ސަބަބުން ކަމަށްވެސް ރައީސް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.