ކުރީގައި އޮތް ސުލްހަވެރިކަން ގެންނަން ޖެހޭ، އެކަން ކުރެވޭނީ ޒުވާނުންނަށް: އިމްރާން

އެމްއެންޔޫއެސްޔޫއިން ބޭއްވި ވާހަކަ ދެއްކުމުގެ މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް ރޭ ބޭއްވި ހަފްލާގައި މިނިސްޓަރު އިމްރާން ވާހަކަ ދައްކަނީ----ފޮޓޯ: ހޯމް މިނިސްޓްރީ

ރާއްޖޭގައި ކުރިން އޮތް ސުލްހަވެރިކަމާއި އަމާންކަން ގެންނަން ޖެހޭ ކަމަށާއި އެކަން ކުރެވޭނީ ޒުވާނުންނަށް ކަމަށް ހޯމް މިނިސްޓަރު ޝައިހު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ގައުމީ ޔުނިވަސިޓީގެ ދަރިވަރުންގެ ޔޫނިއަން ގުޅިގެން ބޭއްވި ވާހަކަ ދެއްކުމުގެ މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް ރޭ ބޭއްވި ހަފްލާގައި މިނިސްޓަރު ވިދާޅުވީ ރާއްޖެ ވަނީ ބޮޑުތަނުން ބަދަލުވެފައި ކަމަށާއި ކުރިން ދުނިޔޭގެ ކުރިމަތީގައި އަޅުގަނޑުމެން ފަޚުރުވެރި ވަނީ ރާއްޖެއަކީ އެންމެ ޞުލުޙަވެރި އެންމެ އަމާން ޤައުމަށް ވުމުންކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ދުނިޔޭގެ ތާރީހުގައި ގައުމުތައް ބަދަލުވެ ގައުމުތައް ހެޔޮގޮތް ގޮތަށް ގެންގޮސްފައި ހުރީ ހަމަނުޖެހުމާނުލާ ކަމަށެވެ. ހެޔޮމަގަށް އަބަދު ވެސް ގެންދަންޖެހޭނީ ސުލްހަވެރިކަމާއި އަމާންކަމާއެކީކަން މިނިސްޓަރު ވަނީ ފާހަގަކުރައްވައިފަ އެވެ.

"ރާއްޖޭގެ މިއަދުގެ ހާލަތު ބަދަލުކުރުމުގައި ހަގީގަތުގައި ވެސް ހުރިހާ ބާރެއް އޮތީ އަޅުގަނޑުމެންގެ ޒުވާން ލީޑަރުންގެ މައްޗަށް. އެހެންކަމުން ރާއްޖެއަށް ހެޔޮ ބަދަލު ގެނައުމަށް ސުލްހަވެރިކަމާއި އަމާންކަމާ އެކުވެރިކަމާއެކުގައި ބަދަލާ ދިމާއަށް އަޅުގަނޑުމެން ދަތުރުކުރަން ޖެހޭ. އިސްލާމް ދީނަކީ ސުލުހަވެރި ދީނެއް، އަމާން ދީނެއް، ސުލްހައަށް ލޯބިކުރާ ދީނެއް." މިނިސްޓަރު ވިދާޅުވި އެވެ.

އިމްރާން ވިދާޅުވީ ގައުމެއް އޭގެ މައްޗަށް ބިނާވަނީ ޒުވާން ވަރުގަދަ ލީޑަރުން އުފެއްދުނު މިންވަރެއްގެ މައްޗަށް ކަމަށެވެ. އެގައުމެއް ގައުމެއްގެ ގޮތުގައި ހަދާނެ ބަޔަކު އުފެދި ނެރެވިގެންދަނީ ސްޓޫޑެންޓް ޔޫނިއަންގެ ތެރެއިންކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އެހެންކަމުން ގައުމުގެ މުސްތަގުބަލް އުޖާލާވާނެ މިންވަރަކީ އެ ޔުނިވަރސިޓީގެ ސްޓޫޑެންޓް ޔޫނިއަން ވަރުގަދަވީ މިންވަރެއްކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

ވާހަކަ ދެއްކުމުގެ މުބާރާތުން އެއް ވަނަ ހޯދީ ގައުމީ ޔުނިވަސިޓީގެ ފެކަލްޓީ އޮފް ލޯ އެންޑް އިސްލާމިކް ސްޓަޑީޒްގެ ދަރިވަރު އާއިޝަތު ޒަހާ އެވެ. ދެވަނަ ހޯދީ ސެންޓާ ފޯ ފައުންޑޭޝަން ސްޓަޑީޒްގެ އަނޫފާ ޢާލީ އެވެ. ތިން ވަނަ ހޯދީ ފެކަލްޓީ އޮފް ލޯ އެންޑް އިސްލާމިކް ސްޓަޑީޒްގެ މުޙައްމަދު އައިޝް މުސްތާއެވެ.

މުބާރާތުން އެއް ވަނަ ފެކަލްޓީއަކީ ފެކަލްޓީ އޮފް ލޯ އެންޑް އިސްލާމިކް ސްޓަޑީޒް އެވެ. ދެވަނަ ހޯދީ އެމްއެންޔޫ ބިޒްނަސް ސްކޫލެވެ. ތިންވަނަ ހޯދީ ފެކަލްޓީ އޮފް އާޓްސް އާއި ސެންޓާ ފޯ ފައުންޑޭޝަން ސްޓަޑީޒް އެވެ. ރޭގެ ހަފްލާގައި ގައުމީ ޔުނިވާސިޓީގެ ދަރިވަރުންގެ ހިދުމަތުގެ އަގު ވަޒަންކޮށް ތިން ކެޓަގަރީއަކުން އެވޯޑް ދިނެވެ. ސަތޭކަ ފަސްދޮޅަހަށް ވުރެ ގިނަ ދަރިވަރުން ވަނީ އެވޯޑް ހާސިލްކޮށްފަ އެވެ. އެޔނިވަރސިޓީން ދޭ ދެވަނަ އަށް އެންމެ މަތީ ޝަރަފް މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ ޑެޕިއުޓީ ޑިރެކްޓަރު އައްބާސް މުޙައްމަދަށް ވަނީ ދެއްވާފަ އެވެ.

comment ކޮމެންޓް