"ނޮވެންބަރު"ގެ ޝޫޓިން ސިންގަޕޫރުގައި ފަށައިފި

ނޮވެމްބަރ ގެ ޝޫޓިން ވަނީ ސިންގަޕޫރުގައި ނަގަން ފަށާފައި-- ފޮޓޯ/ ޑާކްރެއިން

ކާމިޔާބު ފިލްމު ކުންފުނި ޑާކްރެއިން އެންޓަޓެއިންމަންޓުގެ ކުރިއަށް އޮތް ފިލްމު "ނޮވެމްބަރ"ގެ ޝޫޓިން ސިންގަޕޫރުގައި ފަށައިފިއެވެ.

ފިލްމުގެ މަންޒަރުތައް ސިންގަޕޫރުގައި ނެގުމަށް ފިލްމުގެ ކާސްޓުން އެ ގައުމަށް ފުރީ ބުދަދުވަހުއެވެ. ފިލްމުގެ ބައެއް ތަރިން ވަނީ ޝޫޓިން އަށް ސިންގަޕޫރަށް ގޮއްސައެވެ. އެ ގައުމުގައި ނަގަންޖެހޭ ހުރިހާ މަންޒަރެއް އެއްކޮށް ނަގާ ނިންމާލެވޭނީ އަންނަ މަހު ކުރީކޮޅުގައެވެ.

މަރިޔަމް މަޖުދާ އަދި ޖުމައްޔިލް ނިމާލު ލީޑު ރޯލުން ފެނިގެންދާ އެ ފިލްމުގެ ޝޫޓިންތައް މާލޭގައި ނަގާފައިވާއިރު ފިލްމުގެ ބައެއް މަންޒަރުތައް އަތޮޅުތެރޭގައި ނެގުމަށް ވަނީ ހަމަޖެހިފައެވެ. އަދި ވެލާނާ އެއާޕޯޓުގައިވެސް ވަނީ މި ފިލްމުގެ ބައެއް މަންޒަރުތައް ދާދިފަހުން ނަގާފައެވެ.

އެ ފިލްމުގެ ސްކްރިޕްޓް ތައްޔާރުކޮށްފައިވަނީ އައިޝަތު ފުއާދު އަދި އަހްމަދު ތޮލާލު އެވެ. އަލީ ޝިފާއު (ޗިއްޕެ) ޑައިރެކްޓްކުރާ "ނޮވެމްބަރު"ގެ ޕްރޮޑިއުސަރުންނަކީ މޮގާ އަދި އައިޝަތު ފުއާދެވެ.

އަންނަ އަހަރު ސްކްރީންކުރުމަށް އަމާޒު ހިފާފައިވާ އެ ފިލްމަކީ ލޯބީގެ ރަހަތައް އެކުލެވިގެންވާ ފިލްމެކެވެ.

comment ކޮމެންޓް