"ރިޕޯޓުގައި ސަލަފުގެ ވާހަކަ ހިމަނާފައި އޮތީ ނުބައި އެޖެންޑާއެއްގައި"

ޖަމިއްޔަތުލް ސަލަފުގެ ރައީސް އަބްދުﷲ ބިން މުހައްމަދު އިބްރާހިމް -- ފޮޓޯ/ ޖަމިއްޔަތުލް ސަލަފު

ޑރ. އަފްރާޝީމް އަލީގެ މަރާއި ޖަމިއްޔަތުލް ސަލަފާ ގުޅުމެއް ނެތްކަން ގެއްލުވާލާފައިވާ މީހުންނާއި ގޮތްނޭނގޭ މަރުގެ މައްސަލަތައް ތަހުގީގުކުރާ ރިޔާސީ ކޮމިޝަނުން ނެރުނު ރިޕޯޓުން އެނގޭ ކަމަށާއި އެ ރިޕޯޓުގައި ސަލަފުގެ ވާހަކަ ހިމަނާފައިވަނީ ނުބައި އެޖެންޑާއެއް ހާސިލުކުރަން ކަމަށް އެ ޖަމިއްޔާއިން ބުނެފިއެވެ.

މަރު ކޮމިޝަނުން ޑރ. އަފްރާޝީމްގެ މަރާ ގުޅޭގޮތުން ތައްޔާރު ކުރި ރިޕޯޓުގައި ވަނީ ސަލަފުން ޑރ. އަފްރާޝީމްގެ ފަހަތުގައި ނަމާދުނުކުރުމަށް އެދި ނެރުނު ގަރާރެއް ހިމަނައިފައެވެ. އެ ރިޕޯޓުން އެކުލަވާލާފައި ވަނީ ސަލަފުގެ އަމަލުތަކުން ހަރުކަށި ފިކުރުގެ މީހުންނަށް ޑރ. އަފްރާޝީމް މަރާލަން ހިތްވަރު ލިބުނުކަމަށް ދޭހަވާ ގޮތަކަށެވެ.

ސަލަފުން އެކަމާ ގުޅިގެން ނެރުނު ބަޔާނެއްގައި ބުނީ ސިޔާސީ މީހުން އެކި ފަހަރު މަތިން ޑރ. އަފަރާޝީމަށް ކުރިމަތިކުރުވަމުން ދިޔަ ނުރައްކަލުން ނަޒަރު އެއްކިބާކޮށް، ހަމައެކަނި ދީނީ އިލްމުވެރިންނާއި ޖަމިއްޔާތަކުން ޑރ. އަފްރާޝީމްއަށް ދީފައިވާ ރައްދުތައް އޭނާގެ މަރާ ގުޅުވުމަކީ މާނައެއް ނެތް ކަމެއް ކަމަށެވެ. އަދި އެއީ ނުބައި އެޖެންޑާއެއްގައި ކޮށްފައިވާ ކަމެއް ކަމަށް ބުންޏެވެ.

އަދި ޑރ. އަފްރާޝީމް އިބްރާހިމީ މިސްކިތުން ނުކުތް ތަނުން ތަޅައިގަތީ ސަލަފުން ކަމަށް ބުނުމާއި، ޝައިހު މުހައްމަދު ލަތީފަކީ ސަލަފުގެ އިސް ޝައިހެއްކަމަށް ބުނުމާއި، ތުނބުޅި ދިގު ކުރުމާ ބެހޭގޮތުން ޑރ. އަފްރާޝީމް ދެއްކެވި ވާހަކަތަކަށް ރައްދުދީ ސަލަފުން ޖެހިގެން އައި ދުވަހު ގަރާރެއް ނެރުނު ކަމަށް ރިޕޯޓުގައި ބުނެ ހަދާފައި ވަނީ ދޮގުކަމަށްވެސް ސަލަފުން ބުންޏެވެ.

"މާތްﷲ ހުރުމަތްތެރި ކުރެއްވި ފުރާނައަކާ ގުޅުންހުރި މިފަދަ ހައްސާސް މައްސަލައެއްގައި އެކަންކަމުގެ ސައްހަކަން ބެލުމެއް ނެތި އަދި އަމުދުން ޖަމިއްޔަތުއްސަލަފުގެ އެއްވެސް މީހަކާ ސުވާލުކުރުމެއް ނެތި ޖަމިއްޔަތުއްސަލަފާ މެދު މިފަދަ ދޮގު މައުލޫމާތު ހިމަނާފައި ވުމީ ހުސްނުއްސުއޫދު ރިޔާސަތުގައި އިންނަވައިގެން ވަރަށް ޒިންމާދާރުކަން ކުޑަ ހުތުރު އަމަލެއް ކަމުގައި އަޅުގަނޑުމެން ދެކެމެވެ،" ޖަމިއްޔަތުލް ސަލަފުން ނެރުނު ބަޔާނުގައި ބުންޏެވެ.

އަދި ރިޕޯޓު އެކުލަވާލާފައި ވަނީ ހަގީގަތުގައި ޖަމިއްޔަތުލް ސަލަފު ނޭނގި ތިބެ، ޖަމިއްޔަތުލް ސަލަފާއި އަދާވާތްތެރި ވަކި ބައެއްގެ އެންގުމުގެ މައްޗަށް ކަމަށާއި އެހެންކަމުން މަރު ކޮމިޝަނުގެ އިހުލާސްތެރިކަމާ މެދު ސުވާލު އުފެދޭކަމަށް ސަލަފުން ބުންޏެވެ.

އަދި ހައްދުފަނައަޅާފައިވާ މީހުންނަކީ ރާއްޖޭގެ ދީނީ އިލްމުވެރިންގެ ލަފާގެ ދަށުން މަސައްކަތްކުރާ ބައެއް ނޫންކަމަށްވެސް ސަލަފުން ބުންޏެވެ. އެ ޖަމިއްޔާއިން ބުނި ގޮތުގައި ހައްދުފަނައަޅާފައިވާ މީހުން ރާއްޖޭގެ ދީނީ އިލްމުވެރިން ދެއްވާ ދަތުރުތަކާ މެދު ހިތްހަމަނުޖެހިގެން ފާޅުކުރާ ހިޔާލުތަކުން، އެނގެނީ އެ މީހުން ދެކޭ ގޮތުގައި ރާއްޖޭގެ ދީނީ އިލްމުވެރިންނަކީ އެކި ސަބަބުތަކާ ހުރެ ދީނުން ބޭރުވެފައިވާ ބައެއްކަން ކަމަށެވެ. އަދި އެކަން ފުލުހުންނަށާއި، ކައުންޓާ ޓެރަރިޒަމަށާއި، އިސްލާމިކް މިނިސްޓްރީއަށް ނޭނގި އޮންނާނެކަމަށް ގަބޫލު ނުކުރެވޭކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.

ޑރ. އަފްރާޝީމްގެ މަރާއި ސަލަފާއި ގުޅުން އޮތް ކަމަށް މަރު ކޮމިޝަނުގެ ރިޕޯޓުގައި ފާހަގަކޮށްފައި ނެތަސް، އެ ރިޕޯޓުގައި ސަލަފުގެ ނަން ހިމެނީ، ޒަމާނުއްސުރެ ސަލަފާ މެދު ބައެއް ސިޔާސީ މީހުން ގެންގުޅޭ ނަފުރަތުގެ ސަބަބުން ކަމަށްވެސް ސަލަފުން ބުންޏެވެ.

"އަދި އަޅުގަނޑުމެން ދެކެނީ، މިފަދަ ނުރައްކާތެރި މައްސަލައެއްގެ ރިޕޯޓުގައި ހީލަތްތެރި ގޮތަކަށް ޖަމިއްޔަތުއްސަލަފާއި ސަލަފުގެ ބައެއް އިލްމުވެރިންގެ ނަން ހިމެނުމުގެ ބޭނުމަކީ، ރާއްޖޭގެ ބަޔަކު ކުރިއަރުވައި ހިންގަން ބޭނުންވާ ސެކިއުލާ ލާދީނީ އެމްޑީއެން ފަދަ ޖަމިއްޔާތަކާއި، އެ ޖަމިއްޔާތަކުގެ ފިކުރަށް އޮތް ހުރަހަކީ ޖަމިއްޔަތުއްސަލަފު ކަމުގައި އެއް ބަޔަކު ގަބޫލުކުރާތީ، ޖަމިއްޔަތުލް ސަލަފުގެ ހަރަކާތްތައް ހުއްޓުވައި، ދިވެހިރާއްޖޭގެ ރައްޔިތުންނަށް ޖަމިއްޔާއިން ފޯރުކޮށްދޭ ދީނީ ހިދުމަތުން އެއުރެން މަހުރޫމުކުރުމަށް ދުރާލާ ޖާގަ ހެދުމުގެ ގޮތުން ޖަމިއްޔަތުލް ސަލަފާއި، ޖަމިއްޔާގެ އިލްމުވެރިންގެ އަގު ވައްޓާލައި، ޖަމިއްޔާއިން ދެމުން ގެންދާ އިޖުތިމާއީ އަދި މަދަނީ ހިދުމަތްތަކަށް ހުރަސް އެޅުމުގެ ހީލަތްތެރި ހަމަލާއެއް ކަމަށެވެ. އަދި މިއީ ރާއްޖޭގެ އެތެރެއާއި ބޭރުގެ ލާދީނީ ހަރަކާތްތަކަށް ސަރުކާރުން ވެފައިވާ ވައުދުގެ ތެރެއިން، ވައުދު ފުއްދުމެއް ކަމުގައިވެސް އަޅުގަނޑުމެން ސިފަ ކުރަމެވެ،" ސަލަފުގެ ބަޔާނުގައި ބުނެފައިވެއެވެ.

އޭގެ އިތުރުން ސަލަފަށް ފިޔަވަޅު އެޅުމަކީ، ރާއްޖޭގައި ސެކިއުލާ ފިކުރާ ދެކޮޅަށް ކުރާ މަސައްކަތް ހުއްޓުވަން ކުރި ކަމެއް ކަމަށްވެސް އެ ޖަމިއްޔާއިން ތުހުމަތު ކުރިއެވެ. އަދި ސެކިއުލާ ފިކުރާއި ދީނީ ހައްދުފަނައެޅުން ހުއްޓުވުމަށް އިހުލާސްތެރިކަމާއެކު މަސައްކަތްކުރުމަށް އެ ޖަމިއްޔާއިން އިލްތިމާސް ކުރިއެވެ.

ސަލަފުން ޓެރެރިޒަމަށް ވާގިދޭ ކަމަށް ބުނެ އެ ޖަމާއަތަށް ފިޔަވަޅު އެޅުމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމެޓީން ވަނީ ނިންމައިފައެވެ. އަދި މިއަދު މަޖިލީހުގައި ބައެއް މެމްބަރުން ވަނީ ސަލަފު އުވާލަންވެސް ގޮވާލައިފައެވެ.

comment ކޮމެންޓް