ޓީވީ ޗެނަލް "ދާރިސް" އިފުތިތާހުކޮށްފި، ހުރިހާ ވައްތަރެއްގެ ޕްރޮގްރާމް ދައްކާނެ

ރާއްޖޭގައި ތިއްބެވި ބައެއް ދީނީ ދަންނަ ބޭކަލުން އިސްނަންގަވައިގެން "ދާރިސް"ގެ ނަމުގައި އައު ޓީވީ ޗެނަލެއް އިފްތިތާހުކޮށްފިއެވެ.

މެންހަޓަން ބިޒްނަސް ހޮޓެލްގައި މިއަދު ހެނދުނު ބޭއްވި ޚާއްސަ ޙަފްލާއެއްގައި މި ޗެނަލް ރަސްމީކޮށް އިފުތިތާހުކޮށްދެއްވީ، އެ ޗެނަލް އުފެއްދުމުގައި މާލީ ގޮތުން އެންމެބޮޑު އެހީތެރިކަމެއް ދެއްވި ވިޔަފާރިވެރިޔާ އަބްދުﷲ ނާފިޒާއި މަޝްހޫރު ލިޔުންތެރިޔާ މަޑުލު މުޙައްމަދު ވަހީދެވެ.

މި ޗެނަލް ހިންގަނީ ދީނީ އިލްމުވެރިން ހިމެނޭ އެޑްވައިޒަރީ ބޯޑަކުންނެވެ. މި ބޯޑުގެ ޗެއާމަނަކީ ޑރ. އަލީ ޒާހިރު ބިން ސައީދު ޤާސިމެވެ.

ޗެއާމަންގެ އިތުރުން ބޯޑުގައި ތިއްބަވާނީ ޖަމްޢިއްޔަތުއް ސަލަފްގެ ރައީސް އައްޝައިޚު އަބްދުﷲ މުޙައްމަދު، ޝައިޚު އަޙްމަދު ސަމީރެވެ.

"ދާރިސް" ޓީވީން އާއްމު ޓީވީ ޗެނަލްތަކުން ފޮނުވާ ހުރިހާ ވައްތަރެއްގެ ޕްރޮގްރާމް ގެނެސްދޭ ގޮތަށް ވަނީ ނިންމާފައެވެ. އެކަމަކު އެ ފަދަ ޕްރޮގްރާމްތައް ގެނެސްދޭނީ އިސްލާމް ދީނުގެ އިންތަކާއި މިންތަކުން ބޭރު ނުވާ ފަދަ ގޮތަކަށް އަޚުލާގީ މިންގަނޑުގެ ތެރެއިން ކަމަށް އެ ޓީވީގެ ސްޓޭޝަން މެނޭޖަރު އަލީ ރަމީޒް ވިދާޅުވިއެވެ.

ދާރިސް ޓީވީ މިހާރު ފެންނަނީ ދިރާގު ޓީވީންނެވެ. ނަމަވެސް ވަރަށް އަވަހަށް މީޑިއާ ނެޓުން ވެސް ފެންނާނެ ކަމަށް ދާރިސް ޓީވީގެ ސްޓޭޝަން މެނޭޖަރު އަލީ ރަމީޒް ވިދާޅުވި އެވެ.

ދާރިސް ޓީވީން ދައްކަން ނިންމާފައިވާ ބައެއް ކަހަލަ ޕްރޮގްރާމްތަކުގެ ތެރޭގައި ޚަބަރާއި ކުޅިވަރާއި ކަސްރަތާއި ސިއްހަތުގެ އިތުރުން ކައްކާ ޕްރޮގްރާމް ފަދަ ޕްރޮގްރާމްތައް ހިމެނެއެވެ.

"ދާރިސް" ޓީވީގެ ނަމުގައި މި ޗެނަލް އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޑރ. އަލީ ޒާހިރު ވިދާޅުވީ ދާރިސް ޓީވީގެ މަގުސަދަކީ ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ ގިނަ ބައެއްގެ މެދުގައި އެންމެ މަގުބޫލު ޗެނަލަށް ހެދުން ކަމަށެވެ. އޭގެ ތެރޭގައި މުހިއްމު ފަސް ކަމެއް ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ދާރިސް ޓީވީގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަން ޑރ. އަލީ ޒާހިރު ބިން ސައީދު ގާސިމް

"އެ ފަސް ކަމަކީ އިސްލާމްދީނުގެ ސައްޙަ މައުލޫމާތު ފޯރުކޮށްދިނުން. ތެދު ޚަބަރު އާންމުކުރުން. ހުރިހާ އުމުރުފުރައަކާއި ގުޅޭ ޕްރޮގްރާމް އުފައްދައި ގެނެސްދިނުން. ތަފާތު ދާއިރާގެ އިލްމީ ޕްރޮގްރާމް އުފައްދައި ގެނެސްދިނުން. މުޖުތަމައުގެ އަމާންކަމާއި ސުލްހަ މަސަލަސްކަން ދެމެހެއްޓުން،" ޑރ. އަލީ ޒާހިރު ވިދާޅުވިއެވެ.

މިއަދުގެ ރަސްމިއްޔާތަށް ފަހު "ސަން"އާ ވާހަކަ ދައްކަވަމުން ދާރިސް ޓީވީގެ ސްޓޭޝަން މެނޭޖަރު އަލީ ރަމީޒް ވިދާޅުވީ މި ޓީވީގެ ފަހަތުގައި ތިއްބެވީ ދީނީ އިލްމުވެރީން ކަމަށެވެ. އަދި އޭގެ ތެރެއިން ގިނަ އިލްމުވެރިންނަކީ ސަލަފް ޖަމިއްޔާއަށް ނިސްބަތްވާ ބޭފުޅުންކަން ފާހަގަ ކުރައްވައި ޢަލީ ވިދާޅުވީ އެކަމަކު އެ ޗެނަލް އޮންނާނީ ސަލަފްގެ ނަމުގައި ނޫން ކަމަށާއި އޭގެ ބަދަލުގައި ޗެނަލް ހިންގާނީ ޚާއްސަ ކުންފުންޏެއްގެ ދަށުން ކަމަށެވެ.

އޭނާ ވިދާޅުވީ އިސްލާމް ދީނަކީ ހަމައެކަނި ނަމާދު ކުރުމާއި ރަމަޟާން މަހުގެ ރޯދަ ހިފުމާއި ޒަކާތް ދިނުން ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އޭގެ ބަދަލުގައި މުސްލިމެއްގެ ހަޔާތުގައި ކުރާ ކޮންމެ ކަމެއް ވެސް ގުޅިލާމެހިފައި އޮންނާނީ ދީނާ ކަމަށް އަލީ ވިދާޅުވިއެވެ.

ދާރިސް ޓީވީގެ ސްޓޭޝަން މެނޭޖަރު އަލީ ރަމީޒް --- ފޮޓޯ/ ދާރިސް ޓީވީ

"އެއީ ކުޅިވަރު ކަމުގައިވީ ނަމަވެސް ދަނޑުވެރިކަން ވިޔަސް، އޭނާ ކުރާ އެފަދަ ކޮންމެ ކަމެއް ވެސް ހުންނާނީ ދީނާ ގުޅިފައި. އެހެންވީމަ އެ ކޮންސެޕްޓުގެ ދަށުން މި ޗެނަލް ކުރިއަށް ދާނީ. މި ދާރިސް ޓީވީން އަންނާނެ މުސްލިމެއްގެ ހަޔާތުގައި އޭނާއަށް ބޭނުންވާނޭ ހުރިހާ ކަމެއް،" އަލީ ވިދާޅުވިއެވެ.

comment ކޮމެންޓް