ޕްރޮސެކިއުޓަ ޖެނެރަލް އައިޝަތު ބިޝާމްގެ މައްޗަށް ހުށަހަޅާފައިވާ އިތުބާރު ނެތް ކަމުގެ މައްސަލާގައި ޖަވާބު ދާރީވާން ފުރުސަތު ދިނުމަށް ޖުޑިޝަރީ ކޮމިޓީއަށް ހާޒިރުވާން ނޯޓިސް ފޮނުވަން ފާސްކޮށްފި އެވެ.
ޕީޖީ ބިޝާމްއަށް ނޯޓިސް ފޮނުވަން ފާސްކުރީ މިއަދު ކޮމިޓީގައި ބައިވެރިވި މެމްބަރުންގެ އަޢުލަބިއްޔަތުންނެވެ. އެ ހުށަހެޅުމަށް ވޯޓު ނުދެއްވަނީ ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ރިޒާ އެވެ.
ޕީޖީ ބިޝާމްގެ އިތުބާރު ނެތް ކަމުގެ މައްސަލައިގެ ޕްރޮސެސް ކުރިއަށް ގެންގޮސްދިނުމަށް އެދި ޖުޑިޝަރީ ކޮމިޓީއިން އިއްޔެ ވަނީ ފާސްކޮށްފަ އެވެ. އަދި މަޖިލީހުގެ ގަވާއިދުގެ ދަށުން އެކަން މިއަދު މަޖިލީހުގެ ތަޅުމުގައި ރައީސް ނަޝީދު އިއުލާން ކުރައްވައި އެ ޕްރޮސަސް ކުރިއަށް ގެންދިޔުމަށް ޖުޑީޝަރީ ކޮމިޓީގައި އެދިވަޑައިގެންނެވި އެވެ.
މިއަދު ކޮމިޓީ ބައްދަލުވުމުގައި ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ރިޒާ ވިދާޅުވީ ޕީޖީ ކޮމިޓީއަށް ހާޒިރު ކުރަން ނުފެންނަ ކަމަށެވެ.
ނަމަވެސް ކޮމިޓީއަށް ޕީޖީ ހާޒިރުކޮށް ޖަވާބުދާރީ ކުރުމުގެ ފުރުސަތު ދިނުމަށް ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު ހުށަހެޅުއްވި އެވެ. އެ ހުށަހެޅުމަށް ދެން ތިބި މެމްބަރުން ވަނީ ތާއީދު ކުރައްވާފަ އެވެ.
ކޮމިޓީގެ ރިޔާސަތު ބެލެހެއްޓެވި ކޮމިޓީގެ ނައިބު މުގައްރިރު ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު ވިދާޅުވީ ޕީޖީގެ ބޮޑުތަނުން ގެއްލިފައިވާ ކަމަށެވެ. އަދި ޖުޑިޝަރީ ކޮމިޓީއަށް ޕީޖީ ހާޒިރުވި ދުވަހު ކޮމިޓީއަށް ދޮގު މައުލޫމާތު ދިންކަން ސިރާޖު ފާހަގަ ކުރެއްވި އެވެ.
އެގޮތުން އެކެއް ފެބުރުއަރީގެ އަމުރާ ގުޅިގެން ޕީޖީ ބިޝާމް ރައީސް އޮފީހަށް ވަޑައިގެންނެވީ ކީއްވެތޯ މެމްބަރަކު ސުވާލު ކުރުމުން، ރައީސް އޮފީހަށް ވަޑައިގެންނެވީ ޑްރަގް ކޮންޓްރޯލް ބޯޑުގެ ބައްދަލުވުމަކަށް ކަމަށް ވިދާޅުވި ނަމަވެސް ޕީޖީ ވިދާޅުވި ތާރީހުގައި އެފަދަ ބައްދަލުވުމެއް ބާއްވާފައި ނެތްކަން ރައީސް އޮފީހުގެ ޔައުިއްޔާއިން ސާފުވާ ކަމަށެވެ.
އޭގެ އިތުރުން ރަހީނުކޮށް މަރާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުގެ މައްސަލަ އިސްތިއުނާފު ނުކުރި މައްސަލާގައިވެސް ޕީޖީ ކޮމިޓީއަށް ދިނީ ދޮގު މައުލޫމާތު ކަމަށް ސިރާޖު ވިދާޅުވި އެވެ. އެހެންކަމުން ޕީޖީގެ އިތުބާރެއް ނެތް ކަމަށް ވިދާޅުވި އެވެ.
އެހެންނަމަވެސް އެންމެ ރަނގަޅު ގޮތަކީ އިތުބާރު ނެތް ކަމަށް ހުށަހަޅާފައިވާ މައްސަލާގައި ޖަވާބު ދާރީ ވުމަށް ޕީޖީއަށް ފުރުސަތު ދިނުން ކަމަށްވާތީ އެ ފުރުސަތު ދޭނެ ކަމަށް ވިދާޅުވި އެވެ.
މަޖިލީހުގެ ގަވައިދު ބުނާގޮތުން މީހެއްގެ އިތުބާރުނެތް ކަމުގެ މައްސަލާގައި ޖަވާބު ދާރީވާން ފަސް ދުވަހުގެ ނޯޓިހެއް ދޭން ޖެހޭނެ އެވެ. މިއަދު އެ ނޯޓިސް ފޮނުވާނެ ކަމަށޤ ސިރާޖު ވިދާޅުވި އެވެ. ޕީޖީ މަޖިލީހަށް ހާޒިރުވާން ޖެހޭނީ މިމަހުގެ 26 ވަނަ ދުވަހު އެވެ.