އާޒިމާ ބޮޑެތި ތުހުމަތުތަކެއް ބިޝާމަށް ކުރައްވައިފި

ކުރީގެ ދެ ޕީޖިން ކަމުގައިވާ ބިޝާމް އަދި އާޒިމާ: އާޒިމާ ވަނީ ބިޝާމްއަށް ތުހުމަތުތަކެއް ކުރައްވާފައި ----އ

އެމްއެމްޕީއާރުސީގެ ހިޔާނާތް ކުރިއަށް ދިޔައިރު ރައީސް އޮފީހުގެ ލީގަލް އެފެއާޒް ސެކްޓްރީީ އަކަށް ހުރި އައިޝަތު ބިޝާމް ޕީޖީގެ މަގާމުގައި ހުރެ އޭނާގެ މައްޗަށް ދައުވާ އުފުލާފައިވާތީ އައިޝަތު އާޒިމާ ޝުކޫރު ނުރުހުން ފާޅުކޮށްފި އެވެ.

ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރުގެ މައްޗަށް މަނީ ލޯންޑާ ކުރުމަށް މަގުފަހިކޮށްދިނުމުގެ ދައުވާ އާއި ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އުފުލާފައިވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 17 ވަނަ ދުވަހު އެވެ. އޭރު ޕީޖީގެ މަގާމުގައި ހުންނެވީ ރައީސް ޔާމީންގެ ވެރިކަން ނިމުނު އިރު ވެސް އެ މަގާމުގައި ހުންނެވި ބިޝާމް އެވެ. ބިޝާމް އެ މަގާމުން އިސްތިއުފާ ދެއްވާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު 28 ގަ އެވެ.

އާޒިމާގެ މައްޗަށް އުފުލާފައިވާ ދައުވާ ކުރިއަށް ގެންދިއުމާއި ގުޅޭ ގޮތުން ގޮތެއް ނިންމުމުގެ ކުރިން މިއަދު ބޭއްވި ފަހު އަޑުއެހުމުގައި އޭނާގެ މައްޗަށް ދައުވާ އުފުލި އޭރުގެ ޕީޖީ ބިޝާމްގެ މަސްލަހަތު މި މައްސަލައިގައި އޮތް ކަމަށް ވަނީ ތުހުމަތު ކުރައްވާފަ އެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތް ބޮއްސުންލާފައިވަނީ ކުރީގެ އޮޑިޓާ ޖެނަރަލް ނިޔާޒް އިބްރާހިމް ނެރުއްވި ރިޕޯޓަށް އަމަލު ނުކުރުމުން ކަމަށް ފަހުން އޮޑިޓަ ޖެނަރަލްގެ މަގާމަށް އައްޔަނު ކުރެއްވި ހަސަން ޒިޔަތު ނެރުއްވި ރިޕޯޓުން އެނގެން އޮތްކަން އާޒިމާ ފާހަގަކުރެއްވި އެވެ. އަދި ނިޔާޒު އިބްރާހިމް ނެރުއްވި ރިޕޯޓް އޭރު ރައިސުލްޖުމްހޫރިއްޔާގެ އޮފީހުގެ ލީގަލް އެފެއާޒް ހެޑަކަށް ހުރި މީހަކު އަމަލު ނުކުރައްވާ ކަމަށް ވެސް އާޒިމާ ވިދާޅުވި އެވެ. އޭރު އެ މަގާމުގައި ހުންނެވީ ބިޝާމް އެވެ.

"އެމްއެމްޕީއާރުސީގެ މި ހިޔާނާތް ނިމުނުއިރު އަޅުގަނޑު ދައުލަތުގައެއް ނުހުންނާނެ. އަޅުގަނޑު ދައުލަތުގެ ވަޒީފާއަކަށް ދިޔައީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ކަންތައްތައް ނިމި ރިޔާސީ ލޯންޗްކޮޅު ގޮވައި މިހުރިހާ ކަމެއް ނިމުނު ފަހުން،" އާޒިމާ ވިދާޅުވި އެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތަކީ މުޅި ދައުލަތުގެ ލެވަލްގައި ހިނގައިދިޔަ ކަމެއް ކަމަށް ހުރިހާ މުއްސަސާއެކުން ނިންމަމުން ދާއިރު ރައީސް އޮފީހުގައި ހުރި މީހަކު ނިކުމެވަޑައިގަތް ތަހުގީގުކޮށް ދައުވާކުރުމުން ދެން ކަންތައް ވާނެ ގޮތާއި މެދު އާޒިމާ ވަނީ ސުވާލު އުފައްދަވާފަ އެވެ.

"އެހެންވީމަ އެކަންތައްތަކުގައި އިސްކޮށް ހުރި މީހަކު ނިކުމެ ތަހުގީގެއްކޮށް ސުޕަވައިޒް ކުރައްވައި ޖިނާއީ ދައުވާ ކުރައްވަން ނިންމެވުމަކީ އެއީ ދުސްތޫރީ ހަމައެއް ނޫން،" އާޒިމާ ވިދާޅުވި އެވެ.

މިއަދުގެ އަޑުއެހުމުގައި އާޒިމާގެ ފަރާތުން ވަނީ، އޭނާގެ މައްޗަށް ހުށަހަޅާފައިވާ ހެކިންނަކީ އެ މައްސަލައިގައި ތުހުމަތު ކުރެވޭ ފަރާތްތަކެއްތޯ ސާފުކޮށް ދެއްވުމަށް އެދިފަ އެވެ.

ރައްދުގައި ދައުލަތުން، ޕީޖީ އޮފީހުގެ ވަކީލާ އައިޝަތު މުހައްމަދު ވިދާޅުވީ، މިހާރު ކުރިއަށް މިދަނީ މުޅި އެމްއެމްޕީއާރުސީގެ މައްސަލައިގެ ތެރޭގައި ހިމެނޭ ވަކި މައްސަލައެއް ކަމަށާއި މި މިމައްސަލައާ ގުޅޭ ގޮތުން ތުހުމަތުކުރެވޭ ފަރާތެއް، އާޒިމާއާ ދެކޮޅަށް ހެއްކެއްގެ ގޮތުގައި ހުށަހަޅާފައި ނުވާނެ ކަމަށެވެ.

އެ މައްސަލައިގެ ޝަރީއަތް ކުރިއަށް ގެންދިއުމާއި ގުޅޭ ގޮތުން ދެން އޮންނަ އަޑުއެހުމެއްގައި ގޮތެއް ނިންމަވާނެ ކަމަށް މިއަދުގެ އަޑުއެހުން ނިންމަވާލައްވަނުން ގާޒީ ވިދާޅުވި އެވެ. އެ މައްސަލައިގައި ދެން އަޑުއެހުމެއް އޮންނާނީ އަންނަ މަހުގެ ނުވަ ވަނަ ދުވަހު އެވެ.

comment ކޮމެންޓް