އޭޕްރީލް 29، 2019ގައި ގދ. ހުޅުވާރުލުގައި ވަޅުލާފައި ހުއްޓައި ފެނުނު 149 ކިލޯގެ މަސްތުވާތަކެތި މައްސަލާގައި ފުލުހުން އަމަލުކޮށްފައިވަނީ ގާނޫނުން ބޭރުން ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެ އެވެ.
ފުލުހުންނާއި ޕީޖީ އޮފީހުގެ މައްސަލަތަކެއް ފާހަގަ ކުރުމަށް ފަހު، ހައްޔަރުކުރި ފަސް މީހުން ދޫކޮށްލައި، އެ މައްސަލަ ކޯޓުން ވަނީ ބޭރުކޮށްލާފަ އެވެ. ދައުވާ ކުރި މީހުންގެ މައްސަލަ ބޭރުކޮށްލުމާ ގުޅިގެން ބައެއް ކަންކަން ސާފު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީއަށް ޕީޖީ ޝަމީމު މިއަދު ވަނީ ހާޒިރުކޮށްފަ އެވެ.
ކޮމެޓީ ބައްދަލުވުމުގައި ޕީޖީ ޝަމީމް ވިދާޅުވީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ ކަމުގެ މައުލޫމާތު ލިބިގެން ހުވަދުއަތޮޅުގައި ފުލުހުން ހިންގި އެ އޮޕަރޭޝަންގައި ކޯޓު އަމުރެއް ނުވަތަ ބަލައިފާސް ކުރުމުގެ އަމުރަކާ ނުލައި ބަޔަކު ހައްޔަރުކޮށްގެން ގެންގުޅުނު ކަމަށެވެ.
އެ އޮޕަރޭޝަނުގައި ފުލުހުން އެންމެ ފުރަތަމަ ގއ. ނިލަންދޫ ފަޅުގައި އޮތް ލޯންޗަކަށް އަރައި، ބަޔަކާ ސުވާލުކުރުމުން އެހެން ބަޔަކާ މަސްތުވާތަކެތި ހަވާލުކުރިކަމަށް އެމީހުން ވަނީ ބުނެފަ އެވެ. އެ މީހުންގެ ފަރާތުން ލިބުނު މައުލޫމާތަށް ބިނާކޮށް، ފުލުހުން ގދ. ގައްދުއަށް ގޮސް، އެރަށުން ބަޔަކާ ސުވާލުކުރި ކަމަށް ޕީޖީ ޝަމީމް ވިދާޅުވި އެވެ.
އެމީހުން މަސްތުވާތަކެތި ފޮރުވިކަމަށް ފުލުހުން ގާތުގައި ބުނުމުން، އެމީހުން ގޮވައިގެން އެ އަތޮޅު ފަޅުރަށަކަށް ދިޔަ ކަމަށާއި ނަމަވެސް އެތަނުން މަސްތުވާތަކެތި ނުފެނުމުން ހައެއްކަ ގަޑިއިރު ވަންދެން ފުލުހުން އެމީހުންނާ ވާހަކަ ދައްކާފައިވެ އެވެ. އަދި މަސްތުވާތަކެތި ފެނުނީ ދެން އެމީހުން ދެއްކި ފަޅުރަށުން ކަމަށް ޕީޖީ ޝަމީމް ވިދާޅުވި އެވެ.
"މި ހުރިހާ ކަމެއް ހިނގާދިޔައިރު ކޯޓު އަމުރެއްވެސް ނެގިފައެއް ނެތް. ހައްޔަރުކޮށްފައެއް ވެސް ނެތް. ބަލައިފާސްކުރުމުގެ އަމުރެއް ނެގިފައެއްވެސް ނެތް. ގާތްގަނޑަކަށް 25 ގަޑިއިރު ފުލުހުންގެ ބެލުމުގެ ދަށުގައި، އެމީހުން އަމިއްލައަށް ބޭނުން ތަނަކަށް ނުދެވޭ ގޮތަށް ހަތަރު ފަސް މީހަކު ގެންގުޅެފައިވޭ. ޖިނާއީ އިޖުރާއަތުގެ ގާނޫނު މި ބުނަނީ ފުލުހުންގެ ބެލުމުގެ ދަށުގައި މީހަކު ބެހެއްޓޭނީ ހަތަރު ގަޑިއިރޭ، ހައްޔަރު ނުކޮށް. ސުވާލުކޮށްލަން ވިޔަސް،" ޕީޖީ ޝަމީމް ވިދާޅުވި އެވެ.
އެމީހުން ހައްޔަރުކުރަން ގދ. ތިނަދޫ ކޯޓުން އަމުރެއް ހޯދީ ޖެހިގެން އައި ދުވަހުގެ ރޭ ކަމަށް ޕީޖީ ވިދާޅުވި އެވެ.
މައްސަލަ ބެލުމުގެ އިހުތިސާސް ކްރިމިނަލް ކޯޓަށް ލިބިގެންވޭ
އެ މައްސަލަ އެންމެ ފުރަތަމަ ހުށަހެޅީ ކްރިމިނަލް ކޯޓަށެވެ. އެހެން ނަމަވެސް މައްސަލަ ބެލުމުގެ އިހުތިސާސް ކްރިމިނަލް ކޯޓަށް ލިބިގެން ނުވާ ކަމަށް ނިންމައި އެ ކޯޓުން މައްސަލަ ބޭރުކޮށްލި އެވެ. ކްރިމިނަލް ކޯޓުގެ ނިންމުން އިސްތިއުނާފު ކުރުމަކާ ނުލައި ޕީޖީ އޮފީހުން ދެން އެ މައްސަލަ ހުށަހެޅީ ގައްދޫ ކޯޓަށެވެ. އެއިރު ދައުވާ ކުރުމުގެ މުއްދަތު އޮތީ ހަމަވެފައި ކަމަށް ޕީޖީ ޝަމީމް ވިދާޅުވި އެވެ.
"މައްސަލައަކީ ކްރިމިނަލް ކޯޓުގެ އިހުތިސާސް ހިނގާ މައްސަލައެއް. އެހެންވީމަ ކްރިމިނަލް ކޯޓަށް ހުށަހެޅުމަކަށް ހުރަހެއް ނެތް. އެހެން ނަމަވެސް ކްރިމިނަލް ކޯޓަށް ހުށަހެޅުމާއެކު ކޯޓުން މައްސަލަ ބަލައެއް ނުގަތް. މައްސަލަ ބަލައި ނުގަތުމަށް ކޯޓުން ހުށަހެޅުއްވީ ދެ ކަމެއް. އެއް ކަމަކީ މި މައްސަލައިގައި ހިމެނޭ ދެމީހެއްގެ ބަޔާން ނެގިފައި ނެތް ކަމަށް. އެކަން ދިމާވި ގޮތަކީ، އެމީހުންގެ ދިފާއީ ވަކީލުން ބަޔާނުގައި ސޮއިކުރަން އަންނަން އިންކާރު ކުރެއްވީ ނުވަތަ ނާދެވުނީ. ކޮންމެވެސް ސަބަބަކާ ހުރެ ދަންނަވައިގެންވެސް ހަމަ އެއްގޮތަކަށްވެސް ނާދެވުނީ،" ޝަމީމް ވިދާޅުވި އެވެ.
ޕީޖީ ވިދާޅުވީ މިއީ ގާނޫނީ ވަކީލުން އުޅެންވާނެ ގޮތް ނޫން ކަމަށާއި "އާންމު ހާލަތުގައި" ބާ ކައުންސިލުން މިފަދަ ކަންކަން ބަލާނެ ކަމަށެވެ.
ޕީޖީ ޝަމީމް ވިދާޅުވިގޮތުގައި، ދައުވާ ލިބޭ އެ ދެމީހުންގެ ދިފާއީ ވަކީލުން ބަޔާނުގައި ސޮއި ނުކުރުމުން ކޯޓަށް އޯޑިއޯ ރިކޯޑިން ހުށަހެޅި ނަމަވެސް، ކޯޓުން ނިންމީ ބަޔާން ނެތް ކަމަށާއި މައްސަލަ ފުރިހަމަ ނުވާ ކަމަށެވެ.
އެހެން ނަމަވެސް މައްސަލައިގެ ތަހުގީގު އޮތީ ފުރިހަމަކޮށްފައި ކަމަށާއި އުނިވާ ހަމައެކަނި ކަމަކީ ދައުވާ ލިބޭ ދެ ފަރާތެއްގެ ބަޔާނުގައި ދިފާއީ ވަކީލުންގެ ސޮއި ނެތުން ކަމަށް ޕީޖީ ވިދާޅުވި އެވެ.
އެއަށްފަހު ރެޖިސްޓްރާގެ ނިންމުން ރަނގަޅުތޯ ބަލައިދިނުމަށް ޕީޖީ އޮފީހުން ފަނޑިޔާރުންނަށް ހުށަހެޅުމުން ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުންވެސް ނިންމެވީ ރެޖިސްޓްރާގެ ނިންމުން ރަނގަޅު ކަމަށެވެ.
އެހިސާބުން "އާންމު ހާލަތުގައި"ނަމަ ހައިކޯޓުގައި މައްސަލަ އިސްތިއުނާފު ކުރާނެ ކަމަށާއި ނަމަވެސް އެކަން ނުކޮށް، ގައްދޫ ކޯޓަށް މައްސަލަ އަލުން ހުށަހަޅައިގެން ކުރިއަށްގެންދިޔައީ ކަމަށް ޕީޖީ ވިދާޅުވި އެވެ.
ފުރަތަމަ އުޅުނީ ދައުވާ ނުކުރަން
މި މައްސަލަ ހިނގައިދިޔައިރު ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމުގައި ހުންނެވީ އައިޝަތު ބިޝާމް އެވެ. ޕީޖީ ޝަމީމް ވިދާޅުވީ މި މައްސަލައިގައި އޭރު ޕީޖީ އޮފީހުން އެންމެ ފުރަތަމަ އުޅުނީ ދައުވާ ނުކުރަން ކަމަށެވެ.
"އޭރު ކަންތައްތައް ހިނގަމުންދިޔަ ގޮތުން ކަންކަން ލިޔެވިފައެއް، ރިކޯޑު ކުރެވިފައެއް ނުހުރޭ. ޕީޖީގެ ނިންމެވުމެއްވެސް ރިކޯޑު ކުރެވިފައެއް ނުހުރޭ. ދެން މައްސަލަ ގެންގުޅުއްވާ ބޭފުޅުން ވިދާޅުވަނީ އެބޭފުޅުން އެންމެ ފުރަތަމަ ނިންމެވީ ދައުވާ ނުކުރައްވަންށޭ. އެހެން ނަމަވެސް މީގައި އާންމު މަސްލަހަތު ބޮޑުކަމުންނާއި އިޖުރާއަތްތައް ކޮންމެ ގޮތަކަށް ހިނގާފައި އޮތަސް، ދައުވާ ކުރައްވަން ނިންމެވީ ކަމަށް އޭރުގެ ޕީޖީ ނިންމަވައިގެން ކުރިއަށްގެންދެވި މައްސަލައެއް ކަމަށް މި ބޭފުޅުން ވިދާޅުވަނީ،" ޝަމީމް ވިދާޅުވި އެވެ.
ކްރިމިނަލް ކޯޓުގެ އިހްތިސާސް ނެތް ކަމަށް ކަނޑައަޅައި، މައްސަލަ ބޭރުކޮށްލުމުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުގެ ފުރުސަތު އޮއްވައި، ގައްދޫ ކޯޓަށް މައްސަލަ ހުށަހެޅީވެސް ޕީޖީ ބިޝާމް ނިންމަވައިގެން ކަމަށް ޝަމީމް ވިދާޅުވި އެވެ.
ދެން އިސްތިއުނާފު ކުރިޔަސް، ހައިކޯޓުގައި ދައްކާނެ ވާހަކައެއް ނެތް
މިހާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ހިމެނޭ މައްސަލައެއް ދޫކޮށްލަނީތޯއާއި ދެން އަމަލުކުރާނީ ކިހިނެއްތޯ މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރު ސުވާލު ކުރެއްވުމުން ޕީޖީ ޝަމީމް ވިދާޅުވީ މުޖުތަމައުގެ މަސްލަހަތުގައި ހައިކޯޓުގައި އެ މައްސަލަ އިސްތިއުނާފު ކުރެވިދާނެ ކަމަށެވެ.
އެހެން ނަމަވެސް އިސްތިއުނާފުކޮށްފައި ހައިކޯޓުގައި ދައްކަން 'ގާނޫނީ އޮށްޓަރު' ހުރި ވާހަކައެއް މި މައްސަލައިގައި ނެތް ކަމަށް ޕީޖީ ވިދާޅުވި އެވެ.
"ތެދެއް، މުޖުތަމައުގެ މަސްލަހަތުގައި، މުޅި ރާއްޖޭގެ މަސްލަހަތުގައި ހައިކޯޓުގައި އެޕީލް ކުރެވިދާނެ. އެކަމަކު ކީކޭ ކިޔާނީ. ގާނޫނީ ވަކީލެއް ގޮތަށް، ގޮސް އެއްޗެކޭ ކީދާނެ. އެކަމަކު ހައިކޯޓު، ސުޕްރީމް ކޯޓު މިއީ އެއްޗެހި ކިޔަންދާ ތަނެއް ނޫން. ގާނޫނީ ގޮތުން ކޮންމެވެސް އޮށްޓަރެއް ހުރި ވާހަކައެއް ނުވަތަ ވާހަކައަކަށްވާ ކަހަލަ ވާހަކައެއް ނުވަތަ އަމުދުން މީހަކު އަޑުއަހާ ކަހަލަ ވާހަކައަކަށްވެސް ވާން ޖެހޭނެ،"
ޕީޖީ ޝަމީމް ވިދާޅުވީ މި މައްސަލައިގައި ކަން ހިނގައިދިޔަ ގޮތުން، އިތުރަށް މައްސަލައިގައި ކުރިއަށްދާން ވަރަށް އުނދަގޫ ކަމަށެވެ.
މަސްތުވާތަކެތީގެ މިފަދަ ބޮޑު މައްސަލައެއްގައި މިގޮތަށް ކަންތައް ހިނގައިދިއުމުން މި މައްސަލަ ތަހުގީގު ކުރުމުގައި ފުލުހުންގެ އިހުމާލެއް ވޭތޯ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ކުރެއްވި ސުވާލުގެ ޖަވާބުގައި ޕީޖީ ޝަމީމް ވިދާޅުވީ، ފުލުހުންގެ އިހުމާލެއްވާ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
"ކުރު ޖަވާބަކީ އާނއެކޭ، އަޅުގަނޑަށް ގަބޫލުކުރެވޭ. އޭގެ ތަފްސީލު ޖަވާބު އަރުވާނަން ދެން އޮތް ބައިގައި [ކޮމެޓީގެ ސިއްރުކުރާ ބައިގައި]،" ޝަމީމް ވިދާޅުވި އެވެ.