ދިރާސީ އަހަރުގެ ތެރޭގައި ވާދަކުރާ އެކިއެކި ކުޅިވަރުތަކުން ހޯދާފައިވާ ރަންވަނަތައް ޤައުމީ ފެންވަރެއްގައި ފާހަގަކުރުމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ތަޢާރަފުކޮށްފައިވާ "ކަލާސް އެވޯޑް"ގެ އައުޓްސްޓޭންޑިންގް ދަރިވަރުންނަށް އައިޝާތު ހިމްނާ ޙަސަން، ނިބާލް އަޙްމަދު އަދި އައިޝަތު ރަފާ ނާޒިމް ހޮވުނު އިރު މިނިސްޓަރުގެ ހާއްސަ އެވޯޑް ދީމާ އަލީ އަަށް ލިބިއްޖެ އެވެ.
ކުޅިވަރުގެ ދާއިރާއިން ފާހަގަކޮށްލެވޭ ދަރިވަރުންނަށް ދޭ "ކަލާސް އެވޯޑްސް" ދިނުމަށް ރޭ ހުޅުމާލޭ ރެހެންދި ސްކޫލުގައި ބޭއްވި ހަފްލާގައި އެންމެ ފާހަގަކޮށްލެވޭ ތިން ކުދިންނަކަށް ހޮވުނީ އެތުލެޓިކްސްއިން ރާއްޖެއަށް ރީތި ނަންތަކެއް ހޯދައިދީ، އައްޑޫ ހައި ސްކޫލުގައި ކިޔަވަމުން އަންނަ އިޝާތު ހިމްނާ ހަސަން އާއި އައިއޯއައިޖީގައި ބެޑްމިންޓަނުން ރާއްޖެއަށް މެޑަލް ހޯދައިދިން އިމާދުއްދީން ސްކޫލުގެ ދަރިވަރު ނިބާލް އަހްމަދުގެ އިތުރުން ޓީޓީއިން ރަން މެޑަލް ހޯދައިދިން އިސްކަންދަރު ސްކޫލުގެ އައިޝަތު ރަފާ ނާޒިމް އެވެ.
ހިމްނާ ވަނީ މިދިޔަ ސެޕްޓެމްބަރު މަހު ބޭއްވި ގައުމީ އެތްލެޓިކްސްގައި އުމުރުން 17 އަހަރުގައި އެންމެ މޮޅު އަންހެން އެތުލީޓުގެ މަގާމް ހޯދައިފަ އެވެ. ވޯލްޑް ޗެމްޕިއަންޝިޕްގައި ވެސް ރާއްޖެ ތަމްސީލްކުރި ހިމްނާ ވަނީ މިދިޔަ ޖުލައި މަހު ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގައި އަންހެން އެތްލީޓުންގެ ތެރޭގައި ހިމެނިފަ އެވެ. އޭނާ ވަނީ ރޭގެ ހަފްލާގައި އައުޓްސްޓޭންޑިންގް އިނާމުގެ އިތުރުން އެންމެ ޝަރަފުވެރި އިނާމު ކަމުގައިވާ "2018 ކަލާސް އެވޯޑް" ވެސް ހޯދައިފަ އެވެ.
މީގެ އިތުރުން ނިބާލް ވަނީ މިދިޔަ އަހަރު ގައުމީ ބެޑްމިންޓަން މުބާރާތުގެ ދެވަނަ ހޯދައިފަ އެވެ. އޭނާ ވަނީ މި އަހަރުގެ މުބާރާތުގައި ވެސް ދެވަނަ ހޯދައި މޮރިޝަސްގައި އޮތް އައިއޯއައިޖީގައި ވެސް ލޯ މެޑަލް ހޯދައިފަ އެވެ.
މީގެ ކުރިން ވެސް ކަލާސް އެވޯޑް ހޯދި ރަފާ ވަނީ މި އަހަރުގެ އައުޓްސްޓޭންޑިންގް އެވޯޑް ހޯދައިފަ އެވެ. އުމުރުން 16 އަހަރުގައި، ބައިނަލްއަގުވާމީ މުބާރާތެއްގައި ވާދަކޮށް ދެ ރަން މެޑަލާއި ރިހި މެޑަލް ހޯދައި މުޅި ގައުމު ފަހުރުވެރިކޮށްދިން ރަފާ ވަނީ މިދިޔަ އަހަރުގެ އިސްކަންދަރު ސްކޫލުގެ އެންމެ މޮޅު ދަރިވަރަކަށް ވެސް ހޮވިފަ އެވެ.
މިފަހަރު މުޅިން އަލަށް ހޮވި އެޑިއުކޭޝަން މިނިސްޓަރުގެ އެވޯޑް ހާސިލްކޮށްފައި ވަނީ ސްރީ ލަންކާގައި ކިޔަވަމުން އަންނަ ޓީޓީ ތަރި ފާތިމަތު ދީމާ އަލީ އެވެ. އެޑިއުކޭޝަން މިނިސްޓަރުގެ އެވޯޑް ޚާއްސަ ކޮށްފައި ވަނީ، ރާއްޖޭގައި ކިޔެވުން ކުރިއަށް ނުގެންދިޔަ ކަމަށް ވިޔަސް ގައުމަށް ރީތި ނަން ހޯދައިދޭ، ސްކޫލެއްގައި ކިޔަވާ އުމުރުގެ ދަރިވަރަކަށެވެ.
އުމުރުން 11 އަހަރުގެ ދީމާ ކިޔަވަމުން އަންނަނީ ސްރީ ލަންކާގަ އެވެ. އޭނާ ވަނީ މިދިޔަ ޖުލައި މަހު މޮރިޝަސްގައި ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގައި ތިން ރަން މެޑަލް ހޯދައި އެ މުބާރާތުގައި އެންމެ ގިނަ ރަން މެޑަލް ހޯދި އެތްލީޓްގެ ޝަރަފު ހޯދައިފަ އެވެ. އެއީ ޓީމް އިވެންޓާއި ޑަބަލްސް ކެޓަގަރީގެ އިތުރުން ސިންގަލްސް ބައިންނެވެ.
ކުޅިވަރުގެ ދާއިރާއިން ފާހަގަކޮށްލެވޭ ދަރިވަރުންނަށް ދޭ "ކަލާސް އެވޯޑްސް" ދިނުމަށް ރޭ ބޭއްވި ހަފްލާގައި ވާހަކަދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ ވިދާޅުވީ ކުޅިވަރު ނުކުޅޭ ނަމަ ތަފާތު ބަލިތައް ޖެހުން އަވަސްވާ ކަމަށާއި އެފަދަ ކަންކަމުގެ ސަބަބުން ވަޒީފާއަށް ސަލާން ބުނުން ގިނަވެ، މަސައްކަތްކުރަން ދަތިވެ އަދި އުފެއްދުންތެރިކަން ވެސް ދަށްވާ ކަމަށެވެ.
ކުޅިވަރުގެ ދާއިރާއިން ފާހަގަކޮށްލެވޭ ދަރިވަރުންނަށްދޭ "ކަލާސް އެވޯޑްސް" ދިނުމަށް ރޭ ބޭއްވި ހަފްލާގައި ވާހަކަދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ ވިދާޅުވީ ކުޅިވަރު ނުކުޅޭ ނަމަ ތަފާތު ބަލިތައް ޖެހުން އަވަސްވާ ކަމަށާއި އެފަދަ ކަންކަމުގެ ސަބަބުން ވަޒީފާއަށް ސަލާން ބުނުން ގިނަވެ، މަސައްކަތްކުރަން ދަތިވެ އަދި އުފެއްދުންތެރިކަން ވެސް ދަށްވާ ކަމަށެވެ.