އެމްއާރުއެމް ރެޖިސްޓްރީކޮށްދޭން އީސީ އިން ނިންމައިފި

ނޮވެމްބަރ 7، 2019: ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އިސްވެ އުފެއްދެވި މޯލްޑިވްސް ރީފޯމް މޫވްމަންޓް (އެމްއާރުއެމް) އުފެއްދުމަށް ދަރުބާރުގޭގައި ބޭއްވި ހާއްސަ ޖަލްސާގެ ތެރެއިން: މީގެ ކުރިން މައުމޫން އަބްދުލް ގައްޔޫމް އިސްވެ ވަނީ 2 ޕާޓީއެށް އުފައްދަވާފަ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މޯލްޑިވްސް ރިފޯމް މޫމަންޓް (އެމްއާރުއެމް) ސިޔާސީ ޕާޓީ އެއްގެ ގޮތުގައި ރެޖިސްޓްރީކޮށްދޭން އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ އެ ޕާޓީ ރެޖިސްޓްރީ ކޮށްދޭން ނިންމާ، ޕާޓީގެ ރެޖިސްޓްރޭޝަން ސެޓްފިކެޓު ހަވާކުކުރުން މިމަހުގެ 25 ގައި ބާއްވަން ނިންމާފައިވާ ކަމަށެވެ.

އެމްއާރުއެމް އަކީ ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމު އިސްކޮށް ހުންނަވާ އުފައްދަވާ ޕާޓީ އެކެވެ.

އެޕާޓީ އުފެއްދުމަށް ބާއްވަންޖެހޭ ޖަލްސާ މިމަހުގެ ހަތްވަނަ ދުވަހުގެ ރޭ ވަނީ ބާއްވައިފައެވެ. އެ ޖަލްސާގައި ޕާޓީގެ އިންތިގާލީ ރައީސަކަށް ރައީސް މައުމޫމނު އައްޔަނު ކޮށްފައިވާއިރު ޕާޓީގެ ލޯގޯއާއި ކުލަ، އަސާސީ ގަވާއިދު އަދި ވަގުތީ އެގްޒެކެޓިވް ކައުންސިލް ވެސް ވަނީ ހޮވައިފަ އެވެ.

އިންތިގާލީ ރައީސްކަމަށް ކުރިމަތިލެއްވީ ރައީސް މައުމޫން އެކަންޏެވެ. އިންތިގާލީ ރައީސްކަމަށް މައުމޫން ހޮވިވަޑައިގަތީ، ޖަލްސާއަށް ހާޒިރުވެތިބި މެމްބަރުންގެ މެދުގައި ނެގި ފެންނަ ނުުފެންނަ ވޯޓަކުންނެވެ. ޕާޓީގެ ލޯގޯއެއްގެ ގޮތުގައި ހޮވާފައިވަނީ ރަންކުލަ އާއި ފެހިކުލަ ހިމެނޭ ލޯގޯއެކެވެ.

ބައްދަލުވުމުގައި ފާސްކުރި އަސާސީ ގަވައިދުގައި 10 ބާބާއި 40 މާއްދާ ހިމެނެއެވެ. އަސާސީ ގަވާއިދުގައި ވަނީ އަންހެނުންނަށް ފުރުސަތުތައް ފަހިކޮށްދީ، މިންތީގެ ހަމަހަމަ ކަމަށް ވަރަށް ބޮޑަށް ބާރު އަޅާފައިވެއެވެ. އެ ގަވައިދުގައި ޒުވާނުންގެ ގޮތުގައި ބަލަނީ އުމުރުން 30 އަހަރު ނުފުރޭ ފަރާތްތަކެވެ.

ޕާޓީގެ ވަގުތީ ހިންގާ ކޮމިޓީއަށް އިންތިހާބު ކޮށްފައިވަނީ 10 އަންހެން މެމްބަރުންނާއި 10 ފިރިހެން މެމްބަރުންނާއެކު ޖުމްލަ 20 މެމްބަރުންނެވެ. އޭގެ އިތުރުން އިންތިގާލީ ރައީސް އައްޔަން ކުރާ ހަތަރު މެމްބަރުންނާއި އަންހެނުންގެ ކައުންސިލުން ދެ މެމްބަރުންނާއި ޒުވާނުންގެ ކައުންސިލުން 12 މެމްބަރުން ވެސް ވަގުތީ އެގްޒެކެޓިވް ކައުންސިލްގައި ހިމެނިވަޑައިގަންނަވައެވެ. ޖުމްލަ 32 މެމްބަރަކު އެ ކައުންސިލްގައި ހިމެނެވެ.

އެ ޕާޓީގެ އަސާސީ ގަވައިދަށް މެމްބަރުންނަށް ހިޔާލު ހުށަހެޅުމަށް މިހާރު ވަނީ ހުޅުވާލާފައެވެ. އެ ހިޔާލުތައް ވަގުތީ އެގްޒެކެޓިވް ކައުންސިލުން ދިރާސާ ކުރުމަށްފަހު ކޮންގްރެސްއަށް ހުށަހަޅާނެ ކަމަށް އެމްއާރުއެމް އިން ބުނެ އެވެ.

އެމްއާރްއެމް އުފެއްދުމުގެ ހުއްދަ އެންމެ ފުރަތަމަ އިލެކްޝަންސް ކޮމީޝަނުން ދިނީ، ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަންއަށެވެ. ނަމަވެސް އެކި ސަބަބުތަކާ ހުރެ ޕާޓީ އުފެއްދުމަށް ހުށަހަޅަން ޖޭ 3000 މެމްބަރުންގެ ސޮއި ހުށަހަޅަން ޖެހޭ މުއްދަތުގައި ހުށަނާޅައެވެ. އޭގެ ފަހުން ޕާޓީ އުފެއްދުމުގެ ހުއްދަ ދިނީ، ރައީސް މައުމޫންގެ ދަރިކަނބަލުން އަދި ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫނަށެވެ.

މިދިޔަ ޖެނުއަރީ މަހު ކުރީ ކޮޅު ސިޔާސީ ޕާޓީއެއް އުފައްދަވާނެ ކަމަށް މައުމޫން އިއުލާން ކުރެއްވީ، ޕީޕީއެމް ތެރޭގައި ހިޔާލުތަފާތުވެ އެމަނިކުފާނު ޕާޓީން ވަކިކޮށް، އަދި ޝަރުއީ މަރުހަލާގައި އަނބުރާ ޕީޕީއެމް ނުލިބޭނެކަން އެނގުނު ހިސާބުންނެވެ. ރައީސް މައުމޫން އެންމެ ފުރަތަމަ އުފެއްދެވި ޑީއާރުޕީ އިން ވަކިވެވަޑައިގެން ޕީޕީއެމް އުފެއްދުމުގެ މަސައްކަތް ފެށީ ޑީއާރުޕީގެ ދެފަޅިވެ، އެޕާޓީގެ އޭރުގެ ލީޑަރު ތަސްމީން އަލީއާ ދެމެދު އުފެދުނު ހިޔާލުތަފާތުވުންތައް އުފެދުމުންނެވެ.

comment ކޮމެންޓް