ޕީޖީ ވަކިކުރުމުގެ މަސައްކަތް ފެށުމުގެ ހުއްދަ ދީފި

މަޖިލީހުގެ ރައީސް ނަޝީދު: ޕީޖީ ވަކިކުރުމުގެ މައްސަލަ ފެށުމުގެ ހުއްދަ ދީފައި -- ފޮޓޯ/ މަޖިލިސް

ޕްރޮސެކިއުޓަރ ޖެނެރަލް އައިޝަތު ބިޝާމް މަގާމުން ވަކިކުރާ މައްސަލަ، ޖުޑީޝަރީ ކޮމެޓީން ކުރިއަށް ގެންދިއުމުގެ ހުއްދަ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ދެއްވައިފި އެވެ.

ޖުޑިޝަރީ ކޮމެޓީން އިއްޔެ ބޭއްވި ބައްދަލުވުމުގައި ޕީޖީ ބިޝާމް ވަކި ކުރުމުގެ މައްސަލަ މަޖިލީހުގެ ރައީސްގެ ސަމާލުކަމަށް ގެނައުމަށް ވަނީ ފާސްކޮށްފަ އެވެ.

މަޖިލިސްއާ ގަވާއިދުގެ 210 ވަނަ މާއްދާގައި ބުނާ ގޮތުން، މިނިވަން މުއައްސާތަކުގެ މެމްބަރުން، މަގާމުން ވަކިކުރުމުގެ މައްސަލަ ގާނޫނު އަސާސީގައިވާ ގޮތުގެމަތިން މަޖިލީހަށް ހުށަހެޅިދާނެ އެވެ.

އެފަދަ މެމްބަރުން މަގާމުން ވަކިކުރުމުގެ މައްސަލައެއް މަޖިލީހަށް ހުށަހެޅުމުން އެކަން މަޖިލީހުގެ ރައީސް އިއުލާން ކުރުމަށްފަހު، ބަހުސްކުރުމަކާ ނުލައި މައްސަލަ ދިރާސާކުރުމަށްޓަކައި މަޖިލީހުގެ ކަމާގުޅޭ ކޮމިޓީއަށް ފޮނުވަންވާނެކަމަށް ވެސް ބުނެފައިވެ އެވެ. އެގޮތުގެ މަތިން ކޮމިޓީން އެ މީހަކު ވަކިކުރުމުގެ ކުރިން އެ މަސައްކަތް ފަށައި މަޖިލިސްގެ ރައީސްގެ ސަމާލުކަމަށް ގެންނަ ޖެހެ އެވެ.

ވޭތުވެދިޔަ އަހަރެއްހާ ދުވަހު ވައްކަމާއި ފަސާދައާއި ޓެރެރިޒަމްގެ އަމަލުތައް ހައްދުން ނައްޓާފައިވާއިރު، އެކަމަށް އެކަށީގެންވާ ޕްރޮސިކިއުޝަނެއް ހިންގާފައި ނުވާ ކަން މަޖިލިސް މެންބަރުންނާއި ޖުޑިޝަރީ ކޮމެޓީގެ މެންބަރުންނާ ވާހަކަ ދައްކާލުމުން އެމަނިކުފާނަށް އެނގިގެން ދިޔަ ކަން ނަޝީދު ފާހަގަ ކުރެއްވި އެވެ. ކަން އެހެން ހުރުމާއި އެކު ޕީޖީ ވަކި ކުރުމުގެ ސަބަބުތައް އޮތުމުން އެކަން ކުރުމަށް ނަޝީދު ވަނީ ޖުޑިޝަރީ ކޮމެޓީއަށް އަންގާފަ އެވެ.

މަޖިލީސްގެ ރައީސް އެކަން ރިޔާސަތުގައި އިއުލާނު ކުރެއްވުމުން އަނެއްކާ ވެސް އެ މަސައްކަތް ކުރިއަށް ގެންދާނީ ކޮމެޓީންނެވެ. އަދި ޕީޖީ ވަކި ކުރަން ފެންނަ ނަމަ، އެ ނިންމުން ނިންމައި އަލުން މަޖިލިސް ތަޅުމަށް ފޮނުވާނެ އެވެ. އެއަށްފަހު އެކަމަށް ގޮތެއް ނިންމޭނީ މަޖިލިސް ތަޅުމުގައި ނަގާ ވޯޓުންނެވެ.

comment ކޮމެންޓް