ދެ އަހަރު ފަހުން ޖެނެޓިކަލީ ޑިޒައިންކޮށް ކުދިން ވިއްސޭނެ

ނިއުބޯން ކުދިންތަކެއް އެންއައިސީޔޫގައި

ޖެނެޓިކްސް ގެ ސަބަބުން ދިމާވާ ތަފާތު އައިބުތަކާއި ބަލިތަކަށް ފަރުވާ ލިބޭ ގޮތަށް، ޖީންސް އަށް ބަދަލުގެނެސްގެން ދަރިން ލިބޭގޮތް ކުރިއަށް އޮތް ދެއަހަރު ތެރޭ އީޖާދު ކުރެވޭނެ ކަމަށް ބައޯއެތިކްސް ޖާނަލް އިން ބުނެފި އެވެ.

ކެވިން ސްމިތް ނަމަކަށް ކިޔާ ސްކޮޓްލޭންޑްގެ ބައޯ އެތިކިސްޓެއް ބުނެފައިވާގޮތުން މިހާތަނަށް ކުރެވިފައިވާ ދިރާސާތަކުގެ އަލީގައިވަނީ ޖީން އެޑިޓިންއަށް، ނޫނި ޖީން ބަދަލު ގެނައުމުގެ މަސައްކަތަށް ބޮޑެތި ކުރިއެރުންތަކެއް އައިސްފަ އެވެ. މިފަދަ ދިރާސާތަކުގެ މަގްސަދަކީ ޖެނެޓިކަލީ ދިމާވާ ބޮޑެތި ބަލިތަކުން އުފަންވާ ދަރިން އައިބުތަކުން ސަލާމަތްކޮށް މަންމަގެ ބަނޑުގައި އެމްބްރީއޯއެއްގެ ގޮތުގައި އޮންނަ ދުވަސްވަރު މިފަދަ މައްސަލަަތައް ހައްލުކުރުމެވެ.

އެހެންނަމަވެސް މިފަދަ ޕްރޮސީޖާއެއްގެ ބޭނުން ނަހަމަގޮތުގައި ބަޔަކު ހިފާފާނެކަމަށްޓަކައި ބޮޑެތި ފާޑުކިޔުންތަކެއް މީގެ ކުރިންވެސް ވަނީ އަމާޒުވެފަ އެވެ.

މީގެކުރިން ނޮވެމްބަރު 2018 ގައި އެޗްއައިވީއަށްއަށް ރެސިސްޓަންޓްކޮށް ޖީންސް މޮޑިފައިކޮށްގެން ތުއްތުކުއްޖެއް އުފަންކޮށްފައިވާކަމަށް ޗައިނާގެ ސައިންޓިސްޓެއް ވަނީ ބުނެފަ އެވެ.

އެހެންނަމަވެސް ސްމިތް ލިޔެފައިވާގޮތުން މިފަދައިން ޖީންސް ބަދަލުކުރުމަކީ އެތިކަލީ ގޯސްކަމެއް ނޫނެވެ. ސަބަބަކީ އެކަމުގެ ސަބަބުން، ކުޑަ ދަރިފުޅުގެ ހަށިގަނޑު ނުރައްކާތެރި ބަލިތަކުން ސަލާމަތްކުރެވޭތީ އެވެ.

މިފަދައިން ޖީންސް ބަދަލުކުރާ ނުވަތަ މޮޑިފައިކުރެވޭ ކުދީންނަށް "ޑިޒައިނާ ބޭބީސް" ގެ ނަން ދެވޭއިރު، މީގެ ސަބަބުން ހިތުގެ ބަލިތަކާއި އެކި ވައްތަރުގެ ކެންސަރު ފަދަ ބަލަތަކުން ދަރިފުޅު ރައްކާތެރިކުރެވޭނެކަމަށް ލަފާކުރެވެ އެވެ.

ސްމިތްގެ މި ދިރާސާއަށް އެހެން ބައެއް ސައިންޓީސްޓުންނާއި އެހެނިހެން ކަމާ ގުޅުންހުރި ދާއިރާތަކުގެ މީހުންވެސް ފާޑުކިޔާއިރު، މިކަމުގައި އަދިވެސް އެކަށީގެންވާ ވަރަށް އެކްސްޕެރިމަންޓް ހެދިފައިނުވާކަމަށްވެސް ބައެއް ފަރާތްތަކުން ދެކެ އެވެ. އަދި މިފަދަ ބޮޑު ކަމެއްގައި އާންމުންގެ ހިޔާލާއި، ކަމާއި ގުޅުންހުރި ގާނޫނާއި ގަވައިދު ހެދެން ޖެހޭނެކަމަށްވެސް އެއްބަޔަކު ދެކެ އެވެ.

comment ކޮމެންޓް