ޕްރޮސެކިއުޓަރު ޖެނެރަލް އައިޝަތު ބިޝާމް މަގާމުން ވަކިކުރުމުގެ ޕްރޮސެސް ކުރިއަށް ގެންދަން ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއިން ފާސްކޮށްފި އެވެ.
ޕީޖީ ބީޝާމް މަގާމުން ވަކިކުރުމުގެ މަސައްކަތް ކޮމިޓީން މި ފެށީ ދެވަނަ ފަހަރަށެވެ. އޭނާ ވަކިކުރުމަށް މިދިޔަ މަހު 16 ވަނަ ދުވަހުވެސް އެ ކޮމީޓީން ފާސްކުރިއެވެ. ނަމަވެސް އިޖުރާއަތުތަކާ ހިލާފު ކަމަށް ބުނެ ފަހުން އެ ނިންމުން ބާތިލް ކުރަން ކޮމިޓީން ނިންމި އެވެ.
މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި ޕީޖީ ބިޝާމް އެ މަގާމުން ވަކިރުމަށް ހުށަހެޅީ މަތިވެރި ދާއިރާ މެމްބަރު ހުސައިން ޒަރީރެވެ. ޒަރީރު ހުށަހެޅުމަށް ތާއީދު ކުރެއްވީ ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިންނެވެ.
ހުށަހެޅުން ފާސްވީ ކޮމިޓީއަށް ވަޑައިގެންނެވި މެމްބަރުންގެ އަގުލަބިއްޔަތުންނެވެ. އެ ހުށަހަޅުމަށް ވޯޓު ނުދެއްވަނީ ގުރައިދޫ ދާއިރާ މެމްބަރު އިބްރާޙިމް ރިޒާ އެކަންޏެވެ.
މިއަދު ކޮމިޓީގެ މުގައްރިރުކަން ކުރެއްވީ އެ ކޮމިޓީގެ ނައިބު މުގައްރިރު ފޮނަދޫ ދާއިރާ މެމްބަރު މޫސާ ސިރާޖެވެ.
ހުށަހެޅުން ހުށަހަޅަމުން ޒަރީރު ވިދާޅުވީ، ވޭތުވެދިޔަ ދުވަސް ތަކުގައި ޝަރުއީ ދާއިރާއަށް ރައްޔިތުންގެ ކަންބޮޑުވުންތައް ނުހަނު ބޮޑު ކަމަށެވެ. އެގޮތުން ސިޔަސީ ދައުވާތައް ޕީޖީ އިން ކުރުމާއި ބައެއް މައްސަލަތައް ލަސްވުމާއި އަވަސްގެން ގޮސްފައިވާކަން އޭނާ ފާހަގަ ކުރެއްވިއެވެ. އެގޮތުން ރާއްޖޭގެ ޝަރުއީ ނިޒާމް ފެއިލް ވުމުގެ އެންމެ ބޮޑު ޒިންމާއެއް ނަގަން ޖެހޭ މީހަކީ ބިޝާމް ކަމަށް އޭނާ ވިދާޅުވިއެވެ.
"އެހެން ކަމުން އަޅުގަނޑު ހުށަހަޅާލަން މިއަދު ރާއްޖޭގެ ޕީޖީ މަގާމުގައި ހުންނެވި އައިޝަތު ބިޝާމް ވަޒީފާއިން ވަކިކުރުމުގެ އެންމެހާ މަސައްކަތްތައް ފެށުމަށް،" ޒަރީރު ވިދާޅުވިއެވެ.
ޒަރީރުގެ ހުށަހެޅުމަށް ތާއީދު ކުރައްވަމުން ސައުދު ވިދާޅުވީ، ދެވަނަ ފަހަރަށް ޕީޖީ ވަކިކުރުމުގެ މަސައްކަތް ފަށާއިރު، މިފަހަރު އެކަން ރަނގަޅު ގޮތުގައި ކުރިއަށް ދާނެ ކަމަށް އުންމީދު ކުރައްވާކަމަށެވެ.
"މިދާ ރިފޯމް ޕްރޮސެސް ތެެރެއިން [ޝަރުއީ ދާއިރާ އިސްލާހުކުރުމުގެ މަރުހަލާގެ ތެރެއިން] ޕީޖީ ވީހާވެސް އަވަހަކަށް ވަކިކުރެވިގެން ދިޔުމަކީ އަޅުގަނޑުވެސް އެދޭ ކަމެއް ކަމަށް ދަންނަނަވަން،" ރައީސް ޔާމީންގެ ސަރުކާރުގައި ޓެރަރިޒަމް ދައުވާ އުފުލި ސައުދު ހުސައިން ވިދާޅުވިއެވެ.
ސައުދަށް ޓެރަރިޒަމްގެ ދައުވާ ކުރި ނަމަވެސް ފަހުން ޝަރީއަތުން ނިންމާފައިވަނީ އޭނާގެ މައްޗަށް އެކަން ސާބިތުނުވާ ކަމަށެވެ.
ޕީޖީ މަސައްކަތް ކޮމީޓީން ފޮނުވުމުން ދެން އެ މައްސަލަ ގެންނަނީ މަޖިލިސް ރައީސްގެ ސަމާލުކަމަށެވެ. އަދި މަޖިލިސް ރައީސް އަކަން ރިޔާސަތުގައި އިއުލާން ކުރެއްވުމުން އަނެއްކާވެސް ކޮމިޓީން އެ މައްސަކަތް ކުރިއަށް ގެންދާނެވެ. އަދި ޕީޖީ ވަކި ކުރަން ފެންނަ ނަމަ، އެ ނިންމުން ނިންމައި އަލުން މަޖިލިސް ތަޅުމަށް ފޮނުވާނެއެވެ. އެއަފަހު، އެކަމަށް ގޮތެއް ނިންމޭނީ މަޖިލިސް ތަޅުމުގައި ނަގާ ވޯޓުންނެވެ.
މަޖިލިސްއާ ގަވާއިދުގެ 210 ވަނަ މާއްދާގައި ބުނާ ގޮތުން، މިނިވަން މުއައްސާތަކުގެ މެމްބަރުން، މަގާމުން ވަކިކުރުމުގެ މައްސަލަ ގާނޫނު އަސާސީގައިވާ ގޮތުގެމަތިން މަޖިލީހަށް ހުށަހެޅިދާނެ އެވެ. އަދި އެފަދަ މެމްބަރުން މަގާމުން ވަކިކުރުމުގެ މައްސަލައެއް މަޖިލީހަށް ހުށަހެޅުމުން އެކަން މަޖިލީހުގެ ރައީސް އިއުލާން ކުރުމަށްފަހު، ބަހުސްކުރުމަކާ ނުލައި މައްސަލަ ދިރާސާކުރުމަށްޓަކައި މަޖިލީހުގެ ކަމާގުޅޭ ކޮމިޓީއަށް ފޮނުވަންވާނެ ކަމަށް ވެސް ބުނެފައިވެ އެވެ. އެގޮތުގެ މަތިން ކޮމިޓީން އެ މިހަކު ވަކިކުރުމުގެ ކުރިން އެ މަސައްކަތް ފަށައި މަޖިލިސްގެ ރައީސްގެ ސަމާލުކަމަށް ގެންނަ ޖެހެ އެވެ.
ބިޝާމް ޕީޖީގެ މަގާމާ ހަވާލުވީ، ނޮވެމްބަރު 24، 2015 ގައެވެ. މިދިޔަ ސަރުކާރުގައި އެކަމަނާ މަގާމުގައި ހުންވައިގެން އޭރުގެ އިދިކޮޅު ސިޔާސީ ފަރާތްތަކަށް ވަނީ އެތަށް ދައުވާތަކެއް ކޮށްފަ އެވެ. އެކަމާ ގުޅިގެން އޭރު އިދިކޮޅު ފަރާތްތަކުން ވަނީ އެ ދައުވާތަކަކީ ސިޔާސީ ދައުވާތަކެއް ކަމަށް ބުނެ ޕީޖީ ބިޝާމްގެ އިސްތިއުފާއަށް އޭރު ގޮވާލާފަ އެވެ. އަދި ފަހުން ނަވާރަ ވަނަ މަޖިލީހުގައިވެސް ބައެއް މެމްބަރުން ވަނީ ބިޝާމް ވަކިކުރަން ޖެހޭ ކަމަށް ބުނެ ވާހަކަ ދައްކަވާފައެވެ.