ވޯލްޑްކަޕް ކޮލިފިކޭޝަންގައި މިއަދު ހަވީރު ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމު ގުއާމާ ދެކޮޅަށް ނުކުންނަ އިރު، އެ މެޗަށް ހުރިހާ ދިވެހިން ހުސްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންފި އެވެ.
މަޖިލީހުގެ ޖަލްސާ ފައްޓަވަމުން ނަޝީދު ވިދާޅުވީ މިއަދުގެ މެޗު ރާއްޖެއަށް ކާމިޔާބު ކުރެވޭނެ ކަމާމެދު އެމަނިކުފާނު އެއްވެސް ޝައްކެއް ނުކުރައްވާ ކަމަށެވެ.
ނަމަވެސް ގަލޮޅު ދަނޑުގައި ގައުމީ ޓީމު ކުޅޭ މެޗުތައް ބަލަން ވަންނަ ސަޕޯޓަރުންގެ އަދަދު ދުވަހެއް ދުވަހަކަށް މަދުވަމުން އަންނަ ކަމަށާއި އެއީ ވަރަށް ހިތާމަވެރި ކަމެއް ކަމަށް ނަޝީދު ވިދާޅުވި އެވެ.
"ވަރަށް ބޮޑު އެދުމެއް އެއީ ވީހާވެސް ގިނަ ބައެއް ބޯޅަ ދަނޑަށް ދިއުން. ބޯޅަ ބަލަން ހަވީރު ދިއުން. އެވަގުތު ބޯޅައަށް ހުސްކުރެއްވުން،" ނަޝީދު ވިދާޅުވި އެވެ.
މިހާރު ކުޅެމުން އަންނަ ކޮލިފިކޭޝަން މެޗުތަކަކީ ދުނިޔޭގެ ފުޓުބޯޅައިގެ ރޭންކިންގައި ރާއްޖެ ކުރިއަށް ޖެހިލުމަށް ޖާގަ ލިބޭނެ މެޗުތަކެއް ކަން ނަޝީދު ފާހަގަ ކުރެއްވި އެވެ.
މިއަދުގެ މެޗަށް ވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ހުރިހާ މެމްބަރުންނަށް ވެސް ވަނީ ދައުވަތު އަރުވައިފަ އެވެ. އެހެންކަމުން ހުރިހާ މެމްބަރުން ވެސް މިއަދު ހަވީރު އެ މެޗަށް ހުސްވުމަށް ނަޝީދު ވަނީ އެދިވަޑައިގެންފަ އެވެ.
މި މަހުގެ 14 ވަނަ ދުވަހު ފިލިޕީންސާ ދެކޮޅަށް ރާއްޖެ ކުޅުނު މެޗު ބަލަން ވެސް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވަނީ ބެރު ދުންމާރީގައި ދަނޑަށް ގޮސްފަ އެވެ.
މިފަހަރުގެ ކޮލިފިކޭޝަނުގައި ރާއްޖެ މިހާތަނަށް ކުޅުނު މެޗުތަކުގެ ތެރެއިން ހަމަ އެކަނި މޮޅެއް ލިބުނީ ގުއާމް އަތުންނެވެ. ރަށުން ބޭރުގައި ކުޅުނު އެ މެޗުން ރާއްޖެ ކުރި ހޯދީ 0-1ގެ ނަތީޖާ އަކުންނެވެ. އެއަށް ފަހު ކުޅުނު ތިން މެޗުން ވެސް ބަލިވެ ކޮލިފައިވުމުގެ ފުރުސަތު ރާއްޖެއަށް އޮތީ ހަނިވެފަ އެވެ.