ކްލަބް މޯލްޑިވްސް ކަޕް 2026 ގައި ރޯޑް ރެކްރިއޭޝަން ކްލަބް (އާރްއާރުސީ) އާއި ކްލަބް އެޗްޑީސީން ހޯދި މޮޅާއެކު މުބާރާތުގެ ކުއާޓާ ފައިނަލާ ގާތަށް ޖެހިލައިފިއެވެ.
ގްރޫޕް ފިޔަވަހީގައި އާރުއާރުސީއާ އެޗްޑީސީ އެންމެ ފަހުން ކުޅުނު މެޗުން މޮޅުވެ، ދެ ޓީމުވެސް އޮތީ ހަ ޕޮއިންޓާއެކު އެވެ. މި ދެ ޓީމުގެ މެދުގައި އޮތް ހަމައެކަނި ތަފާތަކީ އާރުއާރުސީން ކްލަބް ފެން އަތުން ހޯދި ގޯލުގެ ތަފާތެވެ.
އެގޮތުން އެންމެ ފަހުގެ ޗެމްޕިއަން އާރްއާރުސީން ވަނީ ފެން ކްލަބް ކޮޅަށް 11 ގޯލު ޖަހައި، 1-11 ގެ ބޮޑު މޮޅެއް ހޯދާފައެވެ. މުބާރާތުގެ ފޭވަރިޓުންގެ ގޮތުގައި ބެލެވޭ މި ދެ ޓީމު ކުރިއަށްއޮތް ދެ ދުވަހެއްގެ ތެރޭގައި ބައްދަލުކުރާ މެޗު ވެގެންދާނީ ގްރޫޕް ސްޓޭޖުގައި ފެނިގެންދާނެ އެންމެ ފޯރިގަދަ އަދި އެންމެ މުހިންމު އެއް ކުރިމަތިލުމަށެވެ.

ކްލަބް މޯލްޑިވްސް ކަޕް 2026 ގައި އާރުއާރުސީއާއި ފެން ކްލަބް ކުޅުނު މެޗުގެ ތެރެއިން-- ފޮޓޯ: ފޮޓޯ މާސްޓާ
މި ބޮޑު މެޗުގެ ކުރިން، ކްލަބް އެޗްޑީސީންވެސް ވަނީ ކްލަބް އިމިގްރޭޝަންއާ ވާދަކޮށް 3-6 ގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށް، އެ ޓީމުގެ ފެންވަރު ސާބިތުކޮށްދީފައެވެ. ދެ ޓީމުގެ ފަރާތުން ވެސް ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި އެޗްޑީސީއަށް ކުރިލިބުނީ ގޯލު ކުރިމަތީގައި އެ ޓީމުގެ ކުޅުންތެރިން ދެއްކި ހުޝިޔާރުކަމުންނެވެ.
ހާއްސަކޮށް އެޗްޑީސީގެ މުހައްމަދު ސާދު ނިޒާރު ވަނީ މި މެޗުގައި ހެޓްރިކެއް ހަދައި، މުބާރާތުގައި އޭނާގެ ދެވަނަ ހެޓްރިކް ފުރިހަމަކޮށް، މޮޅު ކުޅުމެއް ދައްކާފައެވެ. މި ބަލިވުމާއެކު އިމިގްރޭޝަނަށް މުބާރާތުގެ ނޮކްއައުޓް ބުރަށް ދިއުމުގެ އުންމީދު މިހާރު ވަނީ ވަރަށް ބޮޑަށް ހަނިވެފައެވެ.

ކްލަބް މޯލްޑިވްސް ކަޕް 2026 ގައި އެޗްޑީސީއާއި އިމިގްރޭޝަން ކުޅުނު މެޗުގެ ތެރެއިން-- ފޮޓޯ: ފޮޓޯ މާސްޓާ
މުބާރާތުގެ އެހެން ގްރޫޕްތަކަށް ބަލާއިރު، ގްރޫޕް އޭ އިން ސްޓެލްކޯ ރެކްރިއޭޝަން ކްލަބް ވަނީ ޕޮލިސް ކްލަބް އަތުން 2-6 އިން މޮޅުވެ ކުއާޓާ ފައިނަލާ ގާތަށް ޖެހިލާފައެވެ. އަދި އެމްޕީއެލްވެސް ވަނީ ކްލަބް ޓީޓީއެސް 2-7 އިން ބަލިކޮށް، އެޓޭކިންގް ވަރުގަދަ ކުޅުމެއް ދައްކާފައެވެ.
މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުތަކަށްދާއިރު، ކުއާޓާގެ ޖާގަތަކަށް އޮތް ވާދަވެރިކަން ވަނީ ވަރަށް ބޮޑަށް ބޮޑުވެފައެވެ. އަދި އާރްއާރުސީއާއި އެޗްޑީސީގެ ކުރިމަތިލުން ވެގެންދާނީ މުޅި މުބާރާތުގެ ފޯރި އިތުރަށް ގަދަކޮށްލާނެ މެޗަކަށެވެ.